ސްކޫލްގެ ޓީޗަރުންނާއި ގުޅޭ ގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކަކަށް ހައްލެއް ނުލިބުމުން ދަރިވަރުން ސްކޫލަށް ނުފޮނުވައި ތިބި ހިރިމަރަދޫއަށް ބެލެނިވެރިން ބޭނުންވާ ފަދަ ދިވެހި ޕްރިންސިޕަލެއް ދިއުމުން، ދަރިވަރުން މިއަދު ސްކޫލަށް ފޮނުވައިފި އެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ދިރާސީ އާ އަހަރު ފެށުނު ނަމަވެސް ހިރިމަރަދޫ ސްކޫލްގެ ބެލެނިވެރިން ވަނީ ކުދިން ސްކޫލަށް ނުފޮނުވަން ނިންމައި އިހުތިޖާޖެއް ކޮށްފަ އެވެ. އެއާ އެކު އެ ރަށަށް އެޑިއުކޭޝަން މިނިސްޓަރުގެ ނައިބަކާއި އެ މިނިސްޓްރީގެ ޓީމެއް އެ ދުވަހު ދިޔަ ނަމަވެސް ކަންބޮޑުވުންތަކަށް އަމަލީ ގޮތުން ހައްލެއް ނުލިބެނީސް ދަރިވަރުން ސްކޫލަށް ނުފޮނުވާނެ ކަމަށް ދެންނެވި އެވެ.
އެއާ އެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބެލެނިވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށްވާ ދިވެހި ޕްރިންސިޕަލެއް އެ ރަށަށް ފޮނުވުމަށް ނިންމައި އެކަން ބެލެނިވެރިންނާ ހިއްސާ ކޮށްފަ އެވެ. އަދި އާދިއްތަ ދުވަހު އާ ޕްރިންސިޕަލް އެ ރަށަށް ދާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހިރިމަރަދޫ ސްކޫލްގެ ބެލެނިވެރިޔަކު "ވަން" އަށް މިއަދު ބުނީ، މިއަދު އެ ސްކޫލްގެ އާ ދިވެހި ޕްރިންސިޕަލް ނިކުމެފައިވާ ކަމަށެވެ. އެއާ އެކު ބެލެނިވެރިން ކުރަމުން އައި އިހުތިޖާޖު ހުއްޓާލައި މިއަދު ދަރިވަރުން ސްކޫލަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ޕްރިންސިޕަލް ބަދަލު ކުރުމުން ވެސް އަސްލު މައްސަލައަށް ހައްލެއް އަދި ނާދޭ. ދެން އަޅުގަނޑުމެން މި ބަލަނީ އެ ޕްރިންސިޕަލާ އެކު މަޝްވަރާ ކޮށްގެން ހުރިހާ ކަމަކަށް ހައްލު ގެނެވޭނެ ކަމަށް،" ހިރިމަރަދޫ ސްކޫލްގެ ބެލެނިވެރިޔާ ކިޔައިދިނެވެ.
މައިގަނޑު ޝަކުވާއަކަށް ވެފައި އޮތީ، ދަރިވަރުންގެ ނަތީޖާ ގޯސްވާ ސަބަބުތައް އިސްލާހު ކުރުމެވެ. އޭގެ ތެރޭގައި ސްކޫލްގައި ތިބި ބިދޭސީ ޓީޗަރުންނާއި ބިދޭސީ ޕްރިންސިޕަލްގެ ބަދަލުގައި ދިވެހި ޓީޗަރުން އަދި ދިވެހި ޕްރިންސިޕަލެއް އައްޔަނު ކުރުން ވެސް ހިމެނެވެ.
ޚަބަރު
ޚަބަރު
ޚަބަރު