ނިޔާމަ ޕްރައިވެޓު އައިލެންޑުގެ ވޯޓާ ވިލާއެއްގައި އަލިފާން ރޯވެއްޖެއެވެ.

“ވަން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާމަ ރިސޯޓްގެ ވޯޓާ ވިލާއެއްގައި މިރޭ ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. ރޯވީ ފަސް ރޫމްގެ ވިލާއެއްގައެވެ.

އެ ވިލާގައި ރޯވި އަލިފާން ވަނީ އެ ރިސޯޓުގެ މުވައްޒަފުންގެ މަސައްކަތުން ނިއްވާލައިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. މި ހާދިސާގައި އެ ވިލާއަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެެއް ކަމެއް ސާފެއް ނުވެއެވެ.

ހާދިސާއާ ގުޅޭގޮތުން ފުލުހުން މިރޭ ބުނީ ނިޔާމަ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 8:45 ހާއިރު ލިބިފައިވާ ކަމަށާއި އަލިފާން ރޯވެފައިވަނީ ވޯޓާ ވިލާއެއްގައި ކަމަށެވެ. އަދި މި ހާދިސާގައި މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ވެސް ބުންޏެވެ.