ޖުމްހޫރީ މައިދާނަށް 25،000 އަކަފޫޓުގެ ވިނަ އާއި ގިނަ އަދަދެއްގެ ގެރިގުއި ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

މާލޭސިޓި ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލުގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ޖުމުހޫރީ މައިދާނުގައި އިންދުމަށް ޓަކައި ބޭނުންވާ 25،500 އަކަފޫޓުގެ ވިނަ (އޮސްޓްރޭލިއަން ގްރާސް) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވާ ކަމަށެވެ. އެކަމަށްޓަކައި ބޭނުންވާ 25 ކިލޯގެ 2000 ބަސްތާ ގެރިގުއި ވެސް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށް ސިޓީކައުންސިލުން ވަނީ ބުނެފަ އެވެ.

ސިޓީކައުންސިލުން ބުނީ ވިނަ އާއި ގެރިގުއި ސަޕްލައި ކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ކުންފުންޏަކަށް އަދި ޕާޓްނަރު ނުވަތަ އަމިއްލަ ފަރުދެއް ނަމަ ދިވެހިރައްޔިތަކަށް ކަމަށެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތަކީ، ދައުލަތުގެ ޕްރޮކިއުމަންޓް ބީލަމަކާ ގުޅިގެން ސަސްޕެންޑު ކޮށްފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ވިނައާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރު 12:00 ގައި ތައިސޭ ކޮށީގައި ހުންނަ އެ ކައުންސިލުގެ އާންމު ހިދުމަތްތަކާބެހޭ ބައިން މައުލޫމާތު ސާފު ކުރެވޭނެ ކަމަށާއި އަދި މިމަހުގެ 25 ވަނަ ދުވަހު އަގު ހުށަހެޅޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މީގެ އިތުރުން ގެރިގުއި ސަޕްލައި ކޮށްދޭން ބޭނުންވާ ފަރާތްތަކުން މިމަހުގެ 19 ވަނަ ދުވަހު އެ ކައުންސިލުގެ އާންމު ހިދުމަތްތަކާބެހޭ ބައިން މައުލޫމާތު ސާފު ކުރެވޭނެ ކަމަށާއި އަދި އެކަމަށް މިމަހުގެ 29 ވަނަ ދުވަހު އަގު ހުށަހެޅޭނެ ކަމަށްވެސް ބުންޏެވެ.

ސިޓީކައުންސިލުން ބުނީ މި މަސައްކަތް ކުރުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދައްކަން ޖެހޭ ކަސްޓަމްސް ޑިއުޓީ އާއި ޓެކުހާއި އެނޫންވެސް ފީއެއް ވާނަމަ އެ ފައިސާއެއް ދައްކަން ޖެހޭނީ، މަސައްކަތާ ހަވާލުވާ ފަރާތުން ކަމަށެވެ.