ކާށިދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ، އަބްދުﷲ ޖާބިރާއި އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ކައިވެނި ނިމުމަކަށް އަތުވެއްޖެއެވެ.
ޖާބިރާ، ދިޔާނާގެ ކައިވެނި ނިމުމަކަށް އައިސްފައިވާކަން ޖާބިރު މިއަދު ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.
ޖާބިރު "ވަން" އަށް މިއަދު ވިދާޅުވީ، ދެބޭފުޅުން ވަކިވީ، މަޝްވަރާ ކުރުމަށް ފަހު ކަމަށާއި މިހާރު ކުރަމުން އަންނަ މަސައްކަތަކީ ވަރީގެ ޑޮކިއުމަންޓުތައް ފުރިހަމަކުރުމުގެ މަސައްކަތް ކަމަށެވެ.
"އެއްވެސް މައްސަލައެއް ނެތް. ދިޔާނާއަކީ އަޅުގަނޑުގެ ކުދިންގެ މަންމަ. ވަރަށް ގަދަރުކުރާ ބޭފުޅެއް. މިއަދުން ފެށިގެން އަޅުގަނޑުމެން ސެޕެރޭޓް މިވީ. މިހާރު ޑޮކިއުމެންޓުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް މިކުރަނީ،" ޖާބިރު ވިދާޅުވީއެވެ.
ޖާބިރު ވިދާޅުވީ، މިވަގުތަށް ދިޔާނާއާ ދުރުވި ނަމަވެސް ފަހުން އަނެއްކާވެސް ދިޔާނާއާ ގުޅެން ބޭނުންވާ ކަމަށެވެ.
"އަަޅުގަނޑު ދިޔާނާއަށް ހެޔޮ ދުއާ ދަންނަވަން. އަޅުގަނޑުމެންގެ ކުދިންނާ އަދި ދިޔާނާއެކުގައި އަޅުގަނޑު އަބަދުވެސް ހުންނާނަން،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރާއި ދިޔާނާ ދުރުވި އިރު، ޖާބިރު ހުންނެވީ އޭނާގެ ޕްރައިވެޓް ޔޮޓްގައި ތުރުކީގެ އިސްތަންބޫލަށް ދިއުމުގެ މަގުމަތީގައެވެ. ދިޔާނާ ހުންނެވީ މާލޭގައެވެ.
ޖާބިރާއި ދިޔާނާ ދުރުވެފައިވާކަން، ދިޔާނާވެސް ވަނީ ޓުވިޓާގައި ކަށަވަރުކޮށްދެއްވައިފައެވެ.
ރާއްޖޭގެ ސިޔާސީ މަޝްހަރުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ދެމެފިރިން ކަމަށްވާ ދިޔާނާއާއި ޖާބިރު ވަކިވި އިރު، ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި ޖާބިރު ވަނީ އިށީނދެ އިދެއާއި އޮށޯވެ އޮވެ މުޒާހަރާކޮށް އަޑުގަދަކޮށްފައެވެ. އެ ސަރަހައްދަށް ދިޔާނާވެސް ވަޑައިގެންނެވިއެވެ. ނަމަވެސް ފަހުން ދިޔާނާ ވަނީ އެ ސަރަހައްދު ދޫކޮށް ވަޑައިގެންފައެވެ.
ފަނަރަ އަހަރަށް ފަހު ޖާބިރާއި ދިޔާނާ ވަކިވެފައިވާ އިރު، އެ ދެބޭފުޅުންނަށް ދެ ފިރިހެން ކުދިން ވަނީ ލިބިފައެވެ.