ދިރާސީ އާ އަހަރާއެކު ތައުލީމާ ބެހޭ ގާނޫނެއް ފާސްކުރެވި އެއަށް އަމަލުކުރަން ފަށައި މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ދޫކުރުމުގެ ހައްގު މިއަހަރު ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އައިޝަތު އަލީ މިހެން ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން މިއަދު ދެއްވި ހާއްސަ ހިތޯބުގަ އެވެ.
މިނިސްޓަރު ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރެއިން ފެށުމުން، މި ނިޒާމީ ބަދަލާ އެކު، ދަރިވަރުންގެ ކިޔެވުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ތައުލީމާއި ބެހޭ ގާނޫނެއް އާ އަހަރާއެކު ފާސްކުރެވި އެއަށް އަމަލު ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު އައިޝާ ވިދާޅުވީ ގައުމު ބިނާކުރުމުގައި މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ސަރުކާރުން ބަލައިގަންނަ ކަމަށާއި އަދި އެކަމުގެ ރަމްޒެއްގެ ގޮތުން، އެންމެ ފުރަތަމަ މުސާރަ ބޮޑު ކުރާ ބައެއްގެ ގޮތުގައި ތައުލީމީ ދާއިރާގެ މުވައްޒަފުން ހިމަނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ކިޔަވައިދިނުމުގެ ލައިސެންސް ދޫކުރުމުގެ ހައްގުވެސް މިއަހަރު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"މިއަދު އަމަލުކުރަން ފަށާ، ތައުލީމީ ގާނޫނާ އެކު ޓީޗަރުންނަށް ލައިސަންސް ދޫކުރަން މިނިސްޓްރީން ފެށުމުން އުއްމީދު ކުރެވެނީ ޓީޗަރު ކަމުގެ ތައުލީމު ހަރުދަނާ ވެ، ހުނަރުވެރި، އަބުރުވެރި، ޓީޗަރުންތަކެއް ކުރިމަގުގައި ލިބޭނެ ކަމަށް. އަދި އޭގެ ސަބަބުން ދަރިވަރުންގެ ފެންވަރު ވެސް ރަނގަޅު ވާނެ." މިނިސްޓަރު ވިދާޅުވި އެވެ.
ދަރިވަރުންނާއި މުދައްރިސުން ބައްދަލު ނުވެ ވީ ދުވަސްތައް ފަހަނައަޅައި ގޮސް މަދަރުސާތައްވެސް ގާތްގަނޑަކަށް އާއްމު ހާލަތަކަށް އިއާދަކުރެވިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މޮޅު ކުދިން މޮޅުވާ ސަބަބަކީ އެކުދިންގެ ހިތްމަތާއި މަސައްކަތް ކަމަށެވެ. އެހެންކަމުން ކޮންމެ ކުއްޖެއްވެސް، ކޮންމެ ފަދަ ދަތި އުނދަގޫ ވެއްޓެއް ނުވަތަ ހާލަތެއް ބަރުދާސްތުކުރަމުން ދިޔަޔަސް، އުނގެނުމުގައި ފޯރިއާއެކު އުޅެން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ދޮޅު އަހަރަށްފަހު 92،936 ދަރިވަރުންނާއެކު މިއަދު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނު އިރު ސްކޫލްތަކަކީ ރައްކާތެރި މާހައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކާއި ހަރުދަނާ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު