މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނީ އަހަރު މެދުތެރެއިންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަހުމަދު އަލީ "ވަން" އަށް މިއަދު ވިދާޅުވީ ބައެއް ރަށްތައް މޮނިޓަރިން އަށް ލާފައި ވުމުގެ ސަބަބުން އެ ރަށްތަކުގެ ކިޔެވުން އޮންލައިން ކޮށް ކުރިއަށް ގެންދިޔަ ނަމަވެސް މިއަދު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔެވުން ފެށޭނެ ކަމަށެވެ.

އަހުމަދު އަލީ ވިދާޅުވީ މިއަދު ކިޔެވުން މި ފެށުނީ 92000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ކަމަށެވެ.

މިއަދުގެ މިހާތަނަށް 14 ރަށެއް މޮނިޓަރިންގައި އޮތް އިރު، މި ރަށްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމައިފަ އެވެ. އެހެން ނަމަވެސް އެރަށްތަކުގެ ޓާސްކްފޯހުން ރަށުގައި ކޮވިޑު ފެތުރޭ މިންވަރަށް ބަލައި އެޗްޕީއޭގެ ހުއްދައާއެކު ސްކޫލްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދެވޭނެ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ޓިޗަރުން ތައްޔާރުވެފައިވާއިރު ކޮވިޑުގެ މިހާލަތުގައިވެސް ސްކޫލް ތަކަކީ ރައްކާތެރި މާހައުލެއް ކަމަށާއި ދަރިވަރުން ސްކޫލަށް ފޮނުވައިދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އެދިވަޑައިގެންފަ އެވެ. މިނިސްޓަރު ވިދާޅުވީ މިއީ އާ ފެށުމެއް ކަމަށާއި އުޖާލާ އާ އަހަރެއް ކަމަށެވެ.

"ކިޔެވުމަކީ ހުވަފެންތަކުގެ ދުނިޔެއަށް ހުޅުވޭ ދޮރޯއްޓެއް. މި ދޮރޯށީގެ ތަޅުދަނޑިއަކީ ކުރާހިތްވުން. ދޫނުކޮށް، އެއްވާނެއްގައި ކުރާ މަސައްކަތަކީ ކާމިޔާބުގެ ސިއްރު. މި ދިރާސީ އަހަރަކީ އަޅުގަނޑުމެންނަށް ފެހި، ފަހި ފާގަތި އަހަރެއް ކަމުގައި ލައްވާށި." ދިރާސީ އާ އަހަރުގެ ތަހުނިޔާ ވިދާޅުވެ މިނިސްޓަރު އައިޝާ ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

ސްކޫލްތަކުގެ މުވައްޒަފުން ހިމެނޭހެން އަންނަ ސެޕްޓެމްބަރު މަހުގެ އެކެއްގެ ނިޔަލަށް ވެކްސިން ޖެހޭ އުމުރުގެ އަދި އެފަދަ ހާލަތުގައި ތިބި އެންމެން ވެކްސިން ޖެހުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ. އަދި ވެކްސިން ނުޖަހާ ޓީޗަރުންނާއި ބެލެނިވެރީން އަދި ދަރިވަރުންވެސް ސްކޫލަށް ނުވައްދާނެ ކަމަށް މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.