ދިވެހި މުޖުތަމައަށް މިއަދު ބޭނުންވަނީ އިންސާފާއި ހައްގަށް މަސައްކަތްކުރާ، އަދި ބޭއިންސާފާއި ބާތިލަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބަޔަކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހިޖުރީ 1443 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ތަހުނިޔާގެ ހިތޯބުގައި ވިދާޅުވީ މުސްލިމުން ގުނަމުން އަންނަ ހިޖްރީ ތާރީހަކީ، މުޅި އިންސާނިއްޔަތުގެ ތާރީހު ބަދަލުކޮށްލައި، ތަރައްގީ އާއި ހަލޯރަތުގެ އާ ފެށުމަކުން މުޅި ދުނިޔެއަށް ދިރުން ގެނެސްދިން ނަބަވީ ހިޖްރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ ތާރީހެއް ކަމަށެވެ.

ރައީސް ވިދާޅުވީ ނަބަވީ ހިޖްރައިން އިސްލާމީ އުންމަތަށް އުނގަންނައިދިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފިލާވަޅަކީ ރަހިމުގެ ގުޅުމާއި ގާތްތިމާގެ ކަމުގެ ގުޅުމުގެ އިތުރުން، އެންމެހައި މުސްލިމުންނަކީ އިންސާނީ އަހުވަންތަކަމާއި މާތް اللهގެ އެއްކައުވަންތަކަމުގެ އަގީދާއިން ގުޅިލާމެހިފައި ތިބި ބައެއް ކަމަށެވެ. އަދި ތަރައްގީ އާއި ތަހުޒީބުގެ ގޮތުން މުޅި ދުނިޔެއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން އުންމަތަކަށް އިސްލާމީ އުންމަތް ވެގެންދިޔައީ އެ މަތިވެރި ގުޅުމުގެ މަތީގައި މުސްލިމުން ދެމިތިބުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އިސްލާމީ އުންމަތަށް ކުރިމަތިވި އެންމެހައި ދަތިތަކާއި ހުރަސްތައް ގިރާކޮށް، މުޅި ދުނިޔެއަށް އިސްލާމީ ހިދާޔަތުގެ ނޫރު ފެތުރިގެންދިޔައީ، މުސްލިމުންގެ މެދުގައި އޮތް އަހުވަންތަ ގުޅުމުގެ ސަބަބުން. މިއަދު ދުނިޔޭގެ ކުރިމަތީގައި އިސްލާމީ އުންމަތް ނިކަމެތިވެ ބާރުކެނޑިގެން ދިޔައީ، އިސްލާމީ އަހުވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި އަޅުގަނޑުމެންނަށް ފަރުވާކުޑަކުރެވުމުގެ ސަބަބުން، އިސްލާމީ އުންމަތް ބައިބައިވެފައިވާތީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި މުޖުތަމައަށްވެސް މިއަދު ބޭނުންވަނީ، އެކަކު އަނެކަކަށް އިހުތިރާމާއި ލޯތްބާއެކު މުއާމަލާތުކުރާ ބަޔަކު ކަމަށެވެ. އަދި ދެކޮޅުވެރިކަމާއި ޒާތީ ހަސަދަ އާއި ނަފްރަތަށް، ފާޅުގައި ނޫނެކޭ ބުނެ، މުޖުތަމައުގެ ބަދަހިކަމާއި ހަމަޖެހުމަށް މަސައްކަތްކުރާ ބަޔަކު ކަމަށް ވިދާޅުވިއެވެ.

"އިންސާފާއި ހައްގަށް މަސައްކަތްކުރާ، އަދި ބޭއިންސާފާއި ބާތިލަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބަޔަކު. ހިޖްރައިގެ މަތިވެރި ހާދިސާ އަޅުގަނޑުމެންނަށް ގޮވައިލަނީ އެފަދަ ބަޔަކަށް މުސްލިމުން ވުމަށް،" ރައީސް ވިދާޅުވިއެވެ.

ހިޖްރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ ކޮންމެ ފަރުދެއްގެ އިންސާނީވަންތަ ކަމަށް ހުރުމަތްތެރިކޮށް ހިތައި، އިންސާނީ ކަރާމާތް ދަމަހައްޓަން މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ ފަރުދީ ވާޖިބެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަނެކުންގެ ފުރާނަ އާއި މުދަލަށް، ހަމަ ކޮންމެ މީހަކުމެ ރައްކާތެރިކަމާއި އަމާންކަމާއި ހިމާޔަތް ދޭންޖެހޭނެ. އަނެކުންގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށްދީ، އެ ހައްގުތައް ހޯދައިދޭން މަސައްކަތް ކުރުމަކީ، ހަމަ ކޮންމެ މުސްލިމެއްގެ މަސްއޫލިއްޔަތެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިޖްރީ އާ އަހަރަކަށް އުފަލާއެކު މަރުހަބާ ކިޔާއިރު، ހިޖްރައިގެ މަތިވެރި ހާދިސާއިން ލިބިދޭ ފިލާވަޅުތައް، އަމަލީގޮތުން ތަންފީޒު ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ހިޖްރައިގެ ހާދިސާއަކީ އެފަދަ ދެވަނައެއް ނެތް މަތިވެރި ނަމޫނާތަކެއް މުޅި އިންސާނިއްޔަތަށް ދޫކުރެއްވި މާތް ނަބިއްޔާގެ ވަސްމީރު ޒިކުރާއިން އިސްލާމީ އުންމަތަށް ދިރުން ގެނުވައިދޭ ހާދިސާއެއް ކަމަށެވެ. އެހެންކަމުން ހިޖްރީ އާ އަހަރެއްގެ ފެށުން ފާހަގަ ކުރުމަކީ ހިޖްރައިގެ ހާދިސާއިން ލިބިދިން އިބުރަތްތަކުގެ އަލީގައި ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުސަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.