މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލައާ ގުޅިގެން ކަންކަން އެނގޭ މީހުން ހެކިބަސްދޭން ޖެހިލުންވާ ކަމަށާއި މި މައްސަލައިގައި ކުރިއަށް ގެންދާ ތަހުގީގަށް ހެކިބަސް ދޭ މީހުންނަށް ރައްކާތެރިކަން ލިބެން ޖެހޭ ކަމަށް މަރުކޮމިޝަނުން ބުނެފި އެވެ.
ވީނުވީއެއް ނޭނގި ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރު އޮގަސްޓު މަހުގެ އަށް ވަނަ ދުވަހު އެވެ. ރިލްވާން ގެއްލުނުތާ މިއަދަށް ހަތް އަހަރު ފުރުމާ ގުޅިގެން، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން މި ސަރުކާރުން އެކުލަވާފައިވާ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިލްވާންގެ މައްސަލައިގައި ހެކިބަސްދޭން ބައެއް މީހުން ޖެހިލުންވާ ކަމަށެވެ. އަދި އެ ކަމަށް ގޮތްތަކެއް ރާވަމުން އަންނަ ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ ބައެއް ހާލަތްތަކާއި ގުޅިގެން ހެކިބަސް ދޭން ޖެހިލުންވާ މީހުންނަށް އެކަމަށް ހައްލު ހޯދުމުގެ ގޮތުން، ދައުލަތުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާ މަޝްވަރާ ކޮށްގެން ގާނޫނީ އިމުގެތެރެއިން ހެކިންނަށް ރައްކާތެރި މާހައުލެއް ހަމަޖެއްސޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ. އަދި އޭގެ ސަބަބުން، ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު އިތުރުވެ މައްސަލަތަކުގައި ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކުން، ހެކިބަސް ދިނުމަށް ޖެހިލުންވުން ކުޑަކުރެވިގެންދާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.
މަރު ކޮމިޝަނުން ބުނީ މިކަމަށްޓަކައި، ބޭރުގެ ކަމާ ގުޅޭ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު، ހެކިބަސް ދޭ ފަރާތްތަކަށް ރާއްކާތެރިކަން ދިނުމާ ގުޅޭ ޕްރޮގްރާމެއް އެކުލަވައިލުމުގެ މަސައްކަތް ދައުލަތުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.
"މި ޕްރޮގްރާމް ކުރިޔަށް މި ގެންދަނީ، ރާއްޖޭގެ އިޖުތިމާއީ، ދީނީ، ސިޔާސީ އަދި އާބާދީގެ މައްޗަށް ރިއާޔަތް ކުރެވި، ރާއްޖެ ފަދަ ގައުމެއްގައި މި ނިޒާމު އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގޭނެ ގޮތެއް ބަލައި، އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ފާހަގަކުރަމެވެ." އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ރިލްވާން މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ސުވާލު ކުރުމަށް މިދިޔަ އަންގާރަ ދުވަހު، އެމަނިކުފާނުވެސް ވަނީ ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފައެވެ. ނަމަވެސް އެމަނިކުފާނު ހުންނެވީ ހަނު ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރަނީ ނޫސްވެރިޔާ ރިލްވާން މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުއްވި ކަމުގެ ތުހުމަތެވެ.
އެކަމާ ގުޅިގެން މަރު ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސް އެދުވަހު "ވަން" އަށް ވިދާޅުވީ ރައީސް ޔާމީން ކޮމިޝަނަށް ހާޒިރު ކުރެވުނީ އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން ސުވާލުކޮށް އޮޅުންފިލުވަން ޖެހޭ މުހިންމު ކަންތައްތަކެއް ހުރުމުން ކަމަށެވެ.
މީގެ އިތުރުން މި މައްސަލައާ ގުޅިގެން ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސެއިން ވަހީދުވެސް ވަނީ މަރު ކޮމިޝަނަށް ހާޒިރުކޮށް ގިނަ ސުވާލުތަކެއް ކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު