މިނިވަން މުއައްސަސާތަކަށް އާންމުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ރިފްއަތު މިހެން ވިދާޅުވީ، މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނުއަސާސީއަށް އަމަލްކުރަންފެށިތާ 13 އަހަރު ފުމުގެ މުނާސަބާ ފާހަގަކޮށް ރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ރިފްއަތު ވިދާޅުވީ، މިނިވަން މުއައްސަސާތަކަކީ ޑިމޮކްރަސީގެ އުސޫލުން ހިންގާ ގައުމުތަކަށް ވަރަށް މުހިންމު އެއް އަސާސް ކަމަށެވެ.
ބާރުތައް ވަކިކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ޖަވާބުދާރީކުރުވުން ފެހި ގާނޫނުއަސާސީން ކަށަވަރު ކޮށްދޭއިރު، މިނިވަން މުއައްސަސާތަކަކީ ޑިމޮކްރަސީގެ އުސޫލުން ހިންގާ ގައުމަކަށް ވަރަށް މުހިންމު އެއް އަސާސް ކަމަށް ވެސް ވިދާޅުވިއެވެ.
ގާނޫނުއަސާސީން މިނިވަން މުއައްސަސާތަކަށް އިންސާފު ގާއިމްކުރުމުގެ ބާރު ލިބިފައިވާއިރު، އެ މުއައްސަސާތަކަށް އާންމުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ބަންޑާރަނައިބު ފާހަގަ ކުރެއްވިއެވެ.
މިނިވަން މުއައްސަސާތަކާބެހޭގޮތުން ބަންޑާރަނާއިބު މިހެން ވިދާޅުވެފައިވާއިރު، ސިޔާސީ ބައެެއް ފަރާތްތަކާއި އާއްމުންވެސް ވަނީ މިނިވަން މުއައްސަސާތަކުގެ މަސައްކަތްތަކާމެދު ސުވާލު އުފައްދަމުންނެވެ.
މިނިވަން މުއައްސަސާތަކުގެ މަސައްކަތްތަކަށް ފާޑު ވިދާޅުވެ، ރައްިޔތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް ބަލައި އެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އެކަންތައްތައް ކުރިއަށްގެންދަންޖެހޭ ކަމަށް ނިހާދު ވިދާޅުވިއެވެ.