ބަރަހަނާވެ ތަކުރާރުކޮށް މާލޭގެ އެކި މަގުތައް މައްޗަށް ނިކުމެ އުޅުނު ފިރިހެން މީހާގެ ހާލަތު ދެނެގަތުމަށް އައިޖީއެމްއެޗަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ބަރަހަނާ ހާލުގައި މާލޭގެ މަގުމަތީގައި މިއަދު އުޅުނު ފިރިހެން މީހާގެ ހާލަތު ދެނެގަނެ އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށްވެސް ބުންޏެވެ.

މިއަދު ހެނދުނު މަޖީދީމަގުގައި ފިރިހެނަކު ބަރަހަނާ ހާލުގައި ވަނީ އުޅެފައެވެ. ފުލުހުން ބުނީ އެ ސަރަހައްދަށް ފުލުހުން ދިޔުމުން އޭނާ ގެއަށް ވަދެފައިވާ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ މީހާ އަކީ މީގެ ކުރިންވެސް މާލޭ މަގުމަތީގައި ބަރަހަނާކޮށް އުޅުނު މީހެކެވެ. އަދި މިދިޔަ މަހުގެ ތެރޭގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް ފަހުން ވަނީ ދޫކޮށްލައިފައެވެ.