މި އަހަރު ނިމެންވާއިރަށް އެމެރިކާ ސިފައިން އިރާގުން ބޭލުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ނިންމަވައިފިއެވެ.

ޖޯ ބައިޑެން މިކަން ނިންމަވާފައިވަނީ އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް-ކާދިމީ އާއެކު ވައިޓްހައުސްގައި ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުވުންތަކަށް ފަހުގަ މިދިޔަ ހޯމަދުވަހު އެވެ.

ބައިޑެންގެ ވާހަކަފުޅުގައި، ދެގައުމުގެ ދެމެދު ކަންކަން ކުރިއަށް ދަނީ ރަނގަޅަށް ކަމަށާއި އައިސިސްއާ ދެކޮޅަށް އިރާގުން ކުރާ މަސައްކަތްތަކުގައި ފުރިހަމައަށް އެއްބާރުލުން ދެއްވަމުން ގެންދަވާނެކަމާއި ނަމަވެސް މިއަހަރު ނިމެންވާއިރަށް އިރާގުން އެމެރިކާ ސިފައިން ބޭލުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުންވެސް އިރާގުގެ ޑިމޮކްރަސީ ނެގެހެއްޓުމަށް ހިތްވަރުދެއްވައި، އޮކްޓޫބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ އިންތިހާބުގެ ކަންކަން ރަނގަޅަށް ގެންދެވުމަށް އެއްބާރުލުން ދެއްވާނެ ކަމުގައިވެސް ރައީސް ބައިޑެން ވިދާޅުވި އެވެ.

ބައިޑަން މިގޮތަށް ނިންމަވާފައި ވަނީ މީގެ ކުރިން އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ހަނގުރާމަވެރިން އެގައުމުން ބޭލުމަށް ރައީސް އަމިއްލަފުޅަށް ނިންމެވި ނިންމެވުމާއި ހިލާފަށް އިރާގުން އެކަމަށް އެދި ފިއްތުންތައް ކުރިމަތިކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ.

އިރާގުގައި މިހާރުވެސް 2500 އެމެރިކާ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އިރާގުގެ ރައީސް ސައްދާމު ހުސައިން ބަރު ހަތިޔާރު އުފައްދަވާ ކަމުގެ ތުހުމަތުކޮށް އިރާގުގައި އެމެރިކާ ސިފައިން ބައިތިއްބަން އެންމެ ފުރަތަމަ ނިންމާފައިވަނީ 2003 ވަނަ އަހަރުގައެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް ހަތިޔާރު އުފައްދައި ގެންގުޅުނު ކަމުގެ ހެއްކެއް އެމެރިކާއަށް ހޯދިފައެއް ނުވެއެވެ.

އެއިރު އެމެރިކާގެ ރައީސް ޖޯޖު ބުޝްގެ ޒައާމަތުގައި ބައިޑަން ވަނީ ސެނޭޓުގައި އިންނަވައި، އިރާގަށް އެމެރިކާގެ ހަނގުރާމަވެރިން އެރުމަށް ހިތްވަރުދެއްވައިފައެވެ. ނަމަވެސް ފަހުން ބުޝްގެ ސަރުކާރުން އިރާގުގެ މައްސަލައިގައި ކުރިއެރުމެއް ހޯދިފައި ނުވާތީ ބައިޑަންގެ ފާޑުކިޔުން ވަނީ އަމާޒުކުރައްވައިފައެވެ.

އެއަށްފަހު އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ބަރަކް އޮބާމާ 2011 ވަނަ އަހަރު އެމެރިކާ ސިފައިން އިރާގުން ބޭލުމުގެ މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ހައްދު ފަހަނަ އަޅާފައިވާ އައިސިސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަކުރުމަށް ކަމަށް ބުނެ 2014 ވަނަ އަހަރު އަލުން ވަނީ އެމެރިކާ ސިފައިން އެގައުމަށް ފޮނުވާފައެވެ. އޮބާމާގެ ވެރިކަމުގައި ނައިބު ރައީސް ކަމުގައި ހުންނެވި ޖޯ ބައިޑެން ވަނީ އިރާގާއި އެމެރިކާގެ ގުޅުންތަކާ މެދު މަޝްވަރާ ކުރެއްވުމަށް އިރާގަށް ޒިޔާރަތް ކުރައްވާފައެވެ.