އެމްޕީއެލްއިން ހިންގި ކަމަށް ބުނާ އަށް މިލިޔަން ރުފިޔާގެ ތެކުގެ ވައްކަމުގައި، ތުހުމަތު ކުރެވެނީ، ބިދޭސީއަކަށް ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަަމުން، ގަސަމް ވިދާޅުވީ، އެ މައްސަލައިގައި ޝައްކު ކުރެވޭ މުވައްޒަފުންތަކެއްވެސް އެބަ ތިބި ކަމަށެވެ. ތަހުގީގު ކުރިއަށްދާތީ އެމީހުން ވަނީ ކުރިން ވަޒީފާ އަދާކުރަމުންދިޔަ ޑިޕާޓްމަންޓުން އެހެން ދިމަ ދިމާލަށް ބަދަލު ކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެ މައްސަލައިގައި އެންމެ ބޮޑަށް ޝައްކު ކުރެވެނީ ބަނގްލަދޭޝަ ރައްޔިތަކަށް ކަމަށާއި، އެއީ ބައުޒަރެއްގައި މަސައްކަތްކުރަމުންދިޔަ މީހެއް ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށާއި، އޭނާ ފުރައިގެންދިޔަ ނުދީ، އެފްއެސްއެމްގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފުލުހުން އެދިފައިވާތީ އެގޮތަށް ކަންތައް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ގަސަމް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެ ވައްކަން ހިނގައިދިޔަ ގޮތް އަދި ނޭނގޭ ކަމަށެވެ. ނަމަވެސް ފުލުހުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. އެކަމާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާއްސަ އޮޑިޓެއް ކުރަމުން ގެންދާ ކަމަށްވެސް ގަސަމް ވިދާޅުވިއެވެ.
އެފްއެސްއެމްގެ ތެލުގެ ވައްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމެޓީ)ންވެސް ވަނީ ބަލައިފައެވެ.
އެ މައްސަލައާ ގުޅިގެން މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްގެ އިތުރުން އެފްއެސްއެމް ގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް އެ މައްސަލައާ ބެހޭ ގޮތުން މެންބަރުން ވަނީ ގިނަ ސުވާލުތަކެއް ކޮށްފައެވެ.
ފިއުލް ސަޕްލައި މޯލްޑިވްސް
ފިއުލް ސަޕްލައި މޯލްޑިވްސް