ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގައި އެއްޗެއް ގޮވީ ބަޔަކު ވެލްޑިން ކުރުމުގެ ތެރޭގައި ހިނގި އެކްސިޑެންޓަކުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ، ހުޅުމާލެ ބޯގަންވިލާ މަގު ސަރަހައްދުގައި ރޭ 12:30 އެހާކަންހާއިރު ބާރުގަދަ އަޑެއް ގޮވުމާ ގުޅިގެން ފުލުހުންނާއި ސިފައިން އެކުގައި މަސައްކަތްކޮށް އެ ސަރަހައްދުގައި ހަރަކާތްތެރިވެ އެސަރަހައްދުގައިތިބި މީސް މީހުންނާ ސުވާލުކޮށް ބަލަންޖެހޭ ކަންކަން ބަލާފައިވާ ކަމަށެވެ.
އެހާދިސާއާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން ބާރުގަދަ އަޑެއް ގޮވާފައި ވަނީ ހުޅުމާލެ ލޮޓް ނަމްބަރު 1138 ގެ ޓެރަސް މަތީގައި ވެލްޑިން ކުރުމުގައި ހަރަކާތްތެރި ވުމުގެ ތެރޭގައި ހިނގި އެކްސިޑެންޓަކުން ކަން އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްނުލިބޭ ކަމަށެވެ.
ރޭގެ ހާދިސާގައި ގޮވި ބާރުގަދަ އަޑަކާއެކު ވިއްސައިގެންދިޔަ ކުޑަ މަރުތޭލައެއް، ހުޅުމާލެ ހެރެންދި ސްލޫލާއިޖެހިގެން އޮންނަ ޓާފްދަނޑާ ދިމާލުން ބޯގަން ވިލާ މަގަށް ވެއްޓުނެވެ. އެއީ ވެލްޑިން ކުރާމީހުން ދަގުއިތެޅުމަށް ބޭނުންކުރާ ވައްތަރުގެ ކުޑަ މަރުތޭލައެކެވެ.
އޭގެ އިތުރުން ރަބަރު ހަތަކާއި، ބޯގަންވިލާ މަގު ކަންމައްޗަށްހުންނަ (ތަންދޫރުކެފޭ ހުންނަ) ގޭގެ ޓެރަސްމައްޗަށް ކުޑަ ފީފާއެއްގެ މަތިގަނޑެއް ހަމަ އެއަޑާއެކު ވެއްޓުނުކަމަށް އެ ގޭގެ މީހުން ބުންޏެވެ.
"ވަން" އަށް މައުލޫމާތު ދެމުން އެގޭގެ މީހަކު ބުނީ، ގޮވިއަޑާއެކު އޭރު އެގޭގައި ހޭލައިތިބި ކުދިން ޓެރަސް މައްޗަށް އެރި ކަމަށެވެ. އެކުދިން ޓެރަސްމައްޗަށް އެރީ، އެތަނުގައި އެކި އެއްޗެހީގައި އިންދާފައިހުރި ގައްތައް ވެއްޓުނީކަމަށް ހީކޮށްގެން ކަމަށްވެސް ބުންޏެވެ. ނަމަވެސް ޓެރަސްގައި އެ މަތިގަނޑު އޮތުމުން އެސަރަހައްއައި ފުލުހުންނަށް އެ ދެއްކުމުން އޭތި ފުލުހުން ގެންދިޔަ ކަމަށްވެސް ބުންޏެވެ.
ނަމަވެސް އެގޭ ޓެރަހަށް އަރައި ބެލުމުގެ ހުއްދައެއް އެގޭގެ ވެެރިފަރާތަކުން ނުދިނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު