ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް (ސީބީއައިސީ - އިންޑިއާ) އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ދެމެދު ޕްރީ-އެރައިވަލް ކާގޯ ޑޭޓާ ބަދަލުކުރުމަށްޓަކައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު މެންދުރު ކަސްޓަމްސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ. ސީބީއައިސީގެ ފަރާތުން ސޮއިކުރެއްވީ ސީބީއައިސީގެ ޗެއާމަން ޝްރީ އެމް.އަޖިތު ކުމާރެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދެގައުމުގެ ދެމެދުގައި އެކްސްޕޯޓް ކުރެވޭ މުދަލުގެ މައުލޫމާތު ހިއްސާކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ހިއްސާކުރެވޭ މައުލޫމާތުގެ ޒަރިއްޔާއިން، ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ "މުއާމަލާތުގެ އަގު ނުވަތަ ޓްރާންސެކްޝަނަލް ވެލިއު" ކަނޑައެޅުމަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ވަގުތުން ވަގުތަށް ލިބިގެންދާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އޭގެ އިތުރުން މުދަލުގެ ބާވަތާއި ސައްހަ އަގު އެނގި، އެގޮތުގެ މަތިން ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީ ކަށަވަރުކުރުމުގައި ފަސޭހަވެ، އެކްސްޕޯޓް މަރުހަލާގައި ހަދާ "ކޮމާޝަލް ފުރޯޑް" ދެނެގަތުމަށާއި ދައުލަތަށް ލިބެންޖެހޭ އާމްދަނީ އެންމެ ފުރިހަމައަށް ލިބޭނެކަން ޔަގީންކުރުމަށްވެސް ފަސޭހަވެގެންދާނެއެވެ. އަދި ކަސްޓަމްސް ކްލިއަރަންސްގެ އިޖުރާއަތުތައް ފުރިހަމަކުރަން ހޭދަވާ ވަގުތު ކުޑަކުރެވި، ވިޔަފާރި އާއި ސަޕްލައި ޗެއިންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަވުމާއެކު އެކްސްޕޯޓް މަސައްކަތް ކުރާ ފަރާތްތަކަށާއި ވިޔަފާރިވެރިންނަށް އެއްބަސްވުމުގެ ސަބަބުން އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ރާއްޖެއިން ބައިވެރިވެފައިވާ ޓްރޭޑް ފެސިލިޓޭޝަން އެގްރީމެންޓް (ޓީއެފްއޭ) އަދި ރިވައިޒްޑް ކިޔޯޓޯ ކޮންވެންޝަން (އާރުކޭސީ) ގައި ވެސް ދޭދޭ ގައުމުތަކުގެ މެދުގައި އެމްއޯޔޫގެ ދަށުން ޑޭޓާ ބަދަލުކުރުމަށް ވަނީ ވަރަށް ބޮޑަށް ބާރު އަޅައިފައެވެ. ކަސްޓަމްސް އިން ވަނީ މީގެ ކުރިންވެސް ބައެއް ގައުމުތަކާއެކު މިފަދަ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އަދި އިތުރު ގައުމުތަކާއެކުވެސް މިފަދަ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.
މި ރަސްމިއްޔާތުގައި ކަސްޓަމްސްގެ އިސްވެރިންގެ އިތުރުން، އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް (ސީބީއައިސީ)ގެ އިސްވެރިންނާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު