އީދު ބަންދުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ހެނދުނު ކޮލަންބޯގައި ހުންނަ ޕްރެޒިޑެންޓަލް ސެކްރެޓޭރިއެޓްގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެ ބައްދަލުކުރެއްވުމުގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ދެ ރައީސުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން، ފެސިލިޓީތަކަށް ބުރަނުވާނެ ގޮތަށް އެޅި ފިޔަވަޅުތައް ފާހަގަކުރައްވައި މި ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ އިސްކަމެއް ދެއްވަނީ ވެކްސިން ފުރިހަމަކުރުމަށް ކަމުގައި ދެ ގައުމުގެ ވެރިން ފާހަގަކުރެއްވިއެވެ.

ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރާއްޖެއާއި ލަންކާގެ ގާތް ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވައި، މުސްތަގުބަލުގައި ވެސް ދެގައުމުގެ ގުޅުން ވަރުގަދަކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހުގެ އަރިހުގައި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގާއި، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ސަބްރާ އިބްރާހީމް ނޫރައްދީން ބައިވެރިވެ ވަޑައިގެންނެވިއެވެ.