ގެންގުޅުނު ދަބަހުން ވަޒަންތަކެއް ފެނި ހައްޔަރު ކުރި ފަތުރުވެރިޔާ އުމުރު ދުވަހަށް ޑީޕޯޓް ކޮށްލައިފިއެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރަން ދިޔަ ނެމީބިއާގެ އުމުރުން 60 އަހަރުގެ ފިރިހެނެެއްގެ ދަބަހުން ވަޒަންތަކެއް ފުނުމާއެކު އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ހަލީލް "ވަން"އަށް ވިދާޅުވީ، އެމީހާ އިއްޔެ ރާއްޖެއިން ޑީޕޯޓްކޮށްލާފައިވާ ކަމަށާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތަކުގައި ހިމެނޭ މީހުން ޑީޕޯޓްކޮށްލާނީ އުމުރު ދުވަހަށް ރާއްޖެއަށް ނާދެވޭ ގޮތަށް ކަމަށެވެ.

ހާއްސަ ހުއްދައިގެ ދަށުން ބޭރުގެ ބައެއް ގައުމުތަކުގައި އާންމުންނަށް ފިސްތޯލަ އަދި ވަޒަން ގެންގުޅުމުގެ ހުއްދަ ދީފައިވީ ނަމަވެސް މިފަދަ ތަކެތި ރާއްޖެ އެތެރެ ކުރުމަކީ މަނާ ކަމެކެވެ. އަދި ރާއްޖޭގައި އާންމު މީހަކު މިފަދަ ހަތިޔާރު ގެންގުޅުމަކީ ގާނޫނީ ގޮތުން ބޮޑު ކުށެކެވެ.