ވާހަކަ

ނޫރާ - 50

2

"އަހަރެން އަމިއްލަ ނަފްސު ކުށްވެރި ނުކުރާނީ އެންމެ ޝަރުތަކަށް." ކޮޓަރި ތެރެއަށް ވަދެވުމާއެކު ޝެރީން ބުނެލިއެވެ. ސާރިމް ހީލާފައި ޝެރީން ގެންގޮސް އެނދުގައި ބޭއްވިއެވެ. ދެން އޭނާގެ އަތުން ޝެރީންގެ ނޭފަތުގައި ހިފާލިއެވެ. އެވަރުންވެސް ޝެރީންގެ މޫނުމައްޗަށް އުފާވެރިކަމެއް ނައެވެ. ޝެރީންގެ ކައިރީ އުންޑުން އޮށޯންނަމުން ސާރިމް އޭނާގެ ޖަވާބު ދިނެވެ.

"އެއްވެސް އުޒުރަކާ ނުލައި ގަބޫލު." ޝެރީންގެ ސިކުނޑީގައި ހިނގާ ކަންތަކުގެ ޚަބަރު އެނގޭ ނަމަ ސާރިމް އެހެން ނުބުނީހެވެ. އަދިވެސް ބިރުވެރި ހުވަފެނެއްގެ ތެރޭގައި އުޅެވޭހެން ޝެރީންއަށް ހީވެއެވެ. އޭނާ ދެލޯ މަރާލިއެވެ. އެއަށްފަހު އެ ޝަރުތު ހާމަކުރިއެވެ.

ސާރިމް މައްޗަށް ބަލަހައްޓައިގެން އޮތީ އެފަދަ ޝަރުތެއް އައިސްފާނެ ކަމަށް ކުޑަކޮށްވެސް އުއްމީދުނުކޮށެވެ. ޝެރީންގެ ހިތުގައި އެފަދަ ހިޔާލުތަކެއް އުފަންވީ ކޮން ސަބަބަކާ ހުރެކަމެއްވެސް ނޭނގެއެވެ. ސީލިންގުގައި އިން ފަންކާ އޭނާގެ ބޯމައްޗަށް ވެއްޓުނު ނަމަވެސް ބޮލަށް އެހާވަރަށް އެނބުރުން ނޭރީހެވެ.

"ސާރިމް ނޫރާއާ ކައިވެނިކުރަންވީނު" އެހެން އެބުނީ ޝެރީން ވިސްނާފައެއް ނޫނެވެ. އެއްވެސް އަންހެނަކު ތިމާގެ ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރަން ހުށަހަޅާނެހެން ހިއެއް ނުވެއެވެ.

"ވަޓް؟" ހޫނު ތަނެއްގައި ބުރަކަށި ޖައްސައިގެން އޮތް މީހަކު ފުންމައިގެން ތެދުވާހާ ބާރަށް ސާރިމްއަށް ތެދުވެވުނެވެ.

"ސާރިމް، ރުޅި ނާދޭ، އަހަންނަށް ހެދުނު ގޯހުގެ ވާހަކަ ދައްކަން މިއުޅެނީ، އަހަރެން ދެކެ ލޯބިވާން ސާރިމް ހުންނަން އަހަރެން ބޭނުންވި، އަހަރެންގެ ދަރިފުޅަށް ބައްޕަގެ ލޯބި ލިބެން ބޭނުންވި، އޭރު ނުވިސްނުނީ އަހަންނަށް ނޭނގި ނަމަވެސް އެހެން ބައެއްގެ ހައްގަށް އަރައިގަނެވުނުކަން." ޝެރީން ފެންކަޅިވިއެވެ. އުމުރުގެ ބާކީބައި އެ އިހުސާސާއެކު ހޭދަކުރަން އޭނާ ބޭނުމެއް ނޫނެވެ. މާދަމާވެސް ރަމްލާ ފުރައިގެން ރަށަށް ހިނގައިދާނެއެވެ. ނޫރާ އާއި ސާރިމް އޭނާގެ ލޮލަށް ނުފެންނަހާ ދުރަށް ގެންގޮސްފާނެއެވެ. އެކަމަކު އެމީހުން ކުރާ ހިތާމަތަށް ލުއިވާނެކަމެއް ނޭނގެއެވެ.

"ނޫން. ޝެރީން، އެއީ ޝެރީންއާ ބައްދަލުވުމުގެ މާކުރިން ހިނގި ކަމެއް، އަދި ނޫރާއާ ބައްދަލުނުކުރަން ނިންމީ އަހަރެން އަމިއްލައަށް، ސާރިމް އަކީ އަހަރެންގެ ދަރިއެއްކަން އެނގުމުންވެސް ނޫރާގެ ކިބައިން އަހަރެން މައާފަކަށް ނޭދެން، މާޒީ ވާންޖެހޭނީ މާޒީއަށް، އައި ލެފްޓް ދެމް ފޮރ އަ ރީޒަން، އެއީ ކަންނޭނގެ ރަނގަޅު ގޮތަކީވެސް، އަހަރެން އަލުން ނޫރާގެ ކައިރިއަށް ގޮއްސިއްޔާ ޝެރީންއަށް ވާނީ ކިހިނެއް؟ އަހަރެން ހިޔާލަށްވެސް ގެންނާކަށް ބޭނުމެއް ނޫން އެންމެ ދުވަހެއްވެސް ޝެރީންއާ ނުލައި، އަސްލު ތި ވާގޮތަކީ ގޭގައި އަބަދު އިންނަން ޖެހުމުން މާ ބޮޑަށް ސްޓެރެސް ވަނީ، ނޫނީ ޝެރީން އަމިއްލައަށް ތިއީ ބޭކާރު މީހެއްގެ ގޮތުގައި ގަބޫލުކުރަނީ،" ސާރިމް އަޑު ބެދޭ ގޮތްވިއެވެ. އޭނާ އެނބުރުނު ވަގުތު ފެނުނީ ޝެރީންގެ ލޮލުން ހޯސްލާފައި އަންނަމުން ދިޔަ ކަރުނައެވެ. ވަގުތުން ޝެރީން އޭނައާ ގާތަށް ދަމައިލެވުނެވެ.

ސާރިމްގެ މޭގައި ލައްވުމުގެ ބަދަލުގައި އެނދުގައި އަތް ވިއްދާލާފައި ޝެރީން އަމިއްލަ ހާލަށް އިނދެވޭތޯ ބެލިއެވެ. އޭނާ ދައްކާ ވާހަކަ ހަމައެކަނި އަޑު އެހުމުގެ ބަދަލުގައި ހަމަޖެހިލައިގެން ވިސްނުން ރަނގަޅެވެ.

"ނޫން، މިއަދު އަހަންނަށް ފެނިއްޖެ އެކުއްޖާގެ ދެލޮލުން ހިތްދަތިކަން." ޝެރީންއަށް އެވާހަކަ ތަފްސީލުކޮށް ކިޔައިދޭންވެސް އުނދަގުލެވެ. އޭނާ ހިތްވަރުކޮށްފައި ސާރިމްގެ މޫނުން ފެނުނު ހިތްދަތިކަން ސިފަކޮށްދިނެވެ. އެއްވެސް ކުއްޖަކު މި ދުނިޔެއިން ބައްޕަގެ ލޯބިން މަހްރޫމްވާން އޭނާ ނޭދޭކަން ހާމަކުރިއެވެ. ކުރިން އެ މޭރުމުން ސާރިމް ވާހަކަ ދެއްކި ހަނދާންކޮށްދިނެވެ. ސާރިމް ނޫރާ ހޯދަން މަސައްކަތްކުރީ ކީއްވެތޯ ޝެރީން ސުވާލުކުރިއެވެ. އަދި ހުއްޓައިލީ އޭނާ ދެކެ ބިރުން ކަމަށްވާނަމަ އެދުވަހު ސާރިމް މައާފަށް އެދޭކަމުގައި ބުންޏެވެ.

** **

އެކަނިވެލަން ސާރިމް ބޭނުންވެ އެވާހަކަ ބުނުމުން އެ ފުރުސަތު ޝެރީން ދިނެވެ. ސާރިމް އައިސް މެހެމާނުންގެ ކޮޓަރިއަށް ވަނެވެ. އެތަނުގައި ހުރި ބޮޑު ސޯފާގައި ޖައްސާލިއެވެ. ދެފައިން ވަރުދޫކޮށްލާފައި ހަށިގަނޑު ފަރުވާކުޑަގޮތަކަށް ދަމާލައިގެން އޭނާ އޮތެވެ.

މިއަދު ނަސްރު ދެއްކި ވާހަކައަށްފަހު އޭނާގެ ސިކުނޑި އޮތީ ހަގީގަތާ އެއްކޮޅަށް ވިސްނަން ނުކުޅެދިފައެވެ. ނޫރާ އޭނާގެ އިންތިޒާރުގައި ހުރިކަން އެނގި ހުރެވެސް ސާރިމް ގަސްތުކުރީ އެއީ ނެތް މީހެއްގެ ގޮތުގައި ދެކޭށެވެ. އޭނާގެ ހިތް މާ ހަރުވެގެން އެދިޔައީ ކީއްވެކަމެއް ނޭނގެއެވެ. ޝެރީން އެބުނީ ތެދެކެވެ. ޝެރީންގެ ކުރިމަތީ އޭނާއަކީ އަމިއްލަ ޝުއޫރުތައް ހާމަކުރަން ނުކެރޭ ފިނޑިއެކެވެ. ލިބިފައި ހުރި ވަޒީފާ ގެއްލިދާނެތީ ކަމަށް ވެދާނެއެވެ.

އޭނާގެ ނަސީބު ގަދައެވެ. ޝެރީން އަމިއްލައަށް އެ ފުރުސަތު ހޯދައިދޭން އުޅޭއިރު އަދިވެސް ފުރަގަސްދެވެނީ ކީއްވެ ހެއްޔެވެ؟ ބިރުގަނެއެވެ. އޭނާ ނޫރާގެ ކުރިމައްޗަށް ދާންވީ ކޮން މޫނަކައިގެންކަމެއް ނޭނގެއެވެ. މައާފަށް އެދޭކަށް ނުކެރޭނެއެވެ. އަނެއްކާ މިހުރިހާ ކަމެއް އެނގޭ ހިސާބުން ދާއޫދު އައިސް ހިފާނީ ސާރިމްގެ ކަރުގައިކަން ޔަގީނެވެ.

** **

ފޮއްޓަށް އެއްޗެހި އެޅުމުގެ ކުރިން އަންނައުނުތައް ފަތްޖަހަން ނޫރާ އިނެވެ. އެވަގުތު އައިސް އޭނާގެ ކުރިމަތީ ހުއްޓުނީ އޭނާގެ ދަރިފުޅެވެ.

"އަދިވެސް ރެޑީ ނުވަން؟" ނޫރާ އަހާލިއެވެ. ދެންމެ އޭނާ ސާރިމް ފެންވަރުވައިގެން ނެރުނު ފަހުން ދުވެފައި ދިޔައީ މާމައާއެކު ތައްޔާރުވާނަމޭ ކިޔައިފައެވެ. އެކަމަކު އެހާއިރު ކޮށްފައި އައިއިރު އަދިވެސް ހުރީ ހުރިގޮތަށެވެ.

"މި ދޭންވެގެން މިއައީ.." ސާރިމް ފުރަތަމަ ދައްކައިލީ ލައްޕާފައިވާ އޭނާގެ މުށެވެ. ނޫރާ ހިނިތުންވެލިއެވެ. ސާރިމްގެ މުށަށް ލެވޭވަރުގެ ހާއްސަ އެއްޗެއް އޮވެދާނެހެން ހިއެއް ނުވެއެވެ. އެ މުށުގައި ނޫރާ އެއް އިނގިލި ޖައްސާލުމުން އަތް ނުފުށަށް ޖަހައި ހުޅުވާލިއެވެ.

ނޫރާއަށް ހީވީ އޭނާގެ ވަށައިގެންވި ހުރިހާ ތަނެއް އައިސް އޭނާގެ ނޭވާ ކުރުވާ ވަރަށް ފިއްތާލިހެންނެވެ. އިސާހިތަކު ލޯމަތީ ސިފަވީ އެރޭ ތުނޑިމަތިން ދުވެފައި ދަނިކޮށް އޭނާގެ ފަހަތުން ދުވެފައި އައިސް މީހަކު އަތުގައި ހިފި މަންޒަރެވެ. އެއީ އޭނާގެ ކަރުން ސޮހިގެން ވެއްޓުނު ފަށް އަނބުރާ ރައްދުކޮށްދިނުމަށާއި ލޯބީގެ އިގުރާރުވުމަށް ފުރަތަމަ ފަހަރަށް ސާރިމް ބައްދަލުކުރި ރެއެވެ.

"އަޅުގަނޑަށް އެނގިއްޖެ މި ފަށުގައި އޮތީ ކޮން އެއްޗެއްކަން؟" ސާރިމްގެ އަޑާއެކު ނޫރާއަށް ހޭލެވުނީ އެ މާޒީގެ ތެރެއިންނެވެ. އެފަށުގެ ފޫ ދެފަޅިއަށް ފަޅިވެގެންދާއިރު ދެފަރާތުގައި އޮންނާނީ އޭނާއާއި ސާރިމްގެ ފޮޓޯއެވެ. އެއަށްލެވޭވަރުގެ ކުޑަ ފޮޓޯއެއް ސާރިމް ހައްދައިދިނީ އެމީހުން ރައްޓެހިވެގެން އުޅޭތާ މަސްވީ ދުވަސް ފާހަގަކުރި ރެއެވެ.

"މި ކޮންތާކުން ސާރިމްއަށް ލިބުނު އެއްޗެއް؟" ނޫރާގެ ނިތަށް ރޫގިނަވެގެން ދިޔައެވެ.

"މާމަގެ ފޮށިން." ސާރިމް އަވަސް އަވަހަށް ބުނެލިއެވެ. ނޫރާ ހިތްދަތިވިއެވެ. އެ ފަށުފުލުގައި އިނގިލިތަކުން ފިރުމާލެވުނެވެ. އެއީ ކޮންމެ ރެއަކު ފެނުނު ކަމުގައިވިޔަސް ފުރިހަމަ ނުވި ހުވަފެނެކެވެ. އެގޮތަށް އެކަން ބަލައިގަންނަން ފަސޭހަވާނީ އެ ހަނދާންތަކާ ދުރުވެވޭ ނަމައެވެ. އޭނާ ސާރިމް ދެކެ އިންތިހާއަށް ލޯބިވިއެވެ. މިހާރު ބޭނުންވަނީ އެއީ ނުވާ ކަމަކަށް ހަދާށެވެ. އެ ލޯބި ފޮހެވި ނަފްރަތަށް ބަދަލުވާނެ ނަމައޭ ހިތަށް އަރައެވެ.

ދޮރުގައި ޓަކިދިން އަޑަށް ނޫރާ ސިއްސައިގެން ދިޔައެވެ. އަވަސް އަވަހަށް ދެލޯ ފޮހެލާފައި އެނބުރުނީ އެއީ ރަމްލާ ކަމަށް ހީކޮށެވެ. އޭނާއަށް ފުރަތަމަ ފެނުނީ އެމީހަކު އަރައިގެން ހުރި އޮފްއަރާ ބޫޓެވެ. ލަސްލަހުން އިސްއުފުލާލުމުން ފެންނަން ހުރި ޒުވާނާ ފެނިފައި ނޫރާއަށް ތެދުވެވުނެވެ.

"ދަރިފުޅު ދޭބަލަ މާމައަށް ގޮވަން." ސާރިމް ކޮނޑުގައި ކޮއްޓާލުމުން ދުވެފައި ސާރިމް ނިކުތެވެ. ކުރިމަތީގައި ހުރި ސާރިމްއަށް ނޫރާ ބަލައިލީ ދެނެވެ. މަންމަ އަންނަންދެންވެސް ސާރިމްއަށް ސިޓިންރޫމްގައި މަޑުކުރެވުނީހެވެ.

"އަހަރެން އައީ ނޫރާ ހޯދަން." ސާރިމް އެތެރެއަށް ފިޔަވަޅެއް ނަގަމުން ބުނެލިއެވެ. ނޫރާއަށް ވަގުތުން ފުރަގަސްދެވުނެވެ. ސާރިމްގެ ސޫރަ ދެކެ އިންތިހާ ލޯބިވެއެވެ. ދުށުމަށް އެދެވެއެވެ. އެ ލޯތްބަށް އިންތިޒާރުކުރެވެއެވެ. އެކަމަކު ސާރިމް އައުމާއެކު ފުރަގަސްދެވުނީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނުވިސްނުނެވެ.

"ކީއްކުރަން؟" ނޫރާގެ ދެބުމަ ކައިރިވެގެން ދިޔައެވެ. ހިތްހަމަނުޖެހި މޫނު ހަދާލެވިއްޖެއެވެ.

"މިކޮޅު ބަލައިލަބަލަ." ސާރިމްގެ އަޑުގައި ހުރީ އޯގާތެރިކަމެވެ. ނޫރާގެ ހިތްހަމަނުޖެހުމުގެ މައްޗަށް އެ އޯގާތެރިކަން ކުރި ހޯދިއެވެ. ސާރިމްގެ ހުށަހެޅުމަށް އޭނާ އިޖާބަދިނުމަށް ހިތް އާދޭސްކުރަން ފެށިއެވެ. ނޫރާ ފަސްއެނބުރުނެވެ. އޭނާ ހައިރާންވިއެވެ. ސާރިމް އިނީ އޭނާގެ ކުރިމަތީ އެއްކަކޫ ޖަހައި މަހުމާ ފޮއްޓެއް ދިއްކޮށްލައިގެންނެވެ. ނޫރާ ބަލާލުމާއެކު އެ ފޮށީގެ މަތި އަނެއް އަތުން ހުޅުވާލިއެވެ. ލޯ މެރިގެންދާހާ ތޫނު އައްޔެއް އެ އަނގޮޓީގައި އިން އަލިމަހުގައި ހުއްޓެވެ.

"ވިލް ޔޫ މެރީ މީ؟" ސާރިމް އަހާލިއެވެ. ނޫރާއަށް ހުރެވުނީ ކޮޅަށް ޖެހި ތަނބެއް ހެންނެވެ. އަތްއުފުލާފައި އެ ހުށަހެޅުމަށް އިޖާބަދޭނެ ކުޅަދާނަކަންވެސް އޭނާގެ ޟަމީރުގައި ނުވިއެވެ. ސާރިމް އެ ސުވާލު ދެވަނަ ފަހަރަށް ތަކުރާރުކޮށްލިއެވެ. ލޯ ކުރިމަތިން މިފެންނަނީ ހަގީގަތެއްބާއޭ ހިތަށް އަރާފައި ހުރެވުނެވެ. އަދިވެސް އޭނާ ހުރީ ހުއްޓުން އަރައިފައެވެ. ހިމޭންވެފައެވެ. މިއީ ސާރިމް އަނެއްކާވެސް ކުރާ ސަމާސާއެކެވެ. އެ ނިޔަތުގައި ހުރީ ކިހާ ވަރެއްގެ ތެދުވެރިކަމެއްކަން އޭނާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟

"ކިހިނެއްވީ ނޫރާ؟" ސާރިމް ތެދުވަން ގަސްތުކުރިއެވެ. ނޫރާގެ މޫނުމަތިން ހައިރާންކަން ފެނި އޭނާ އަޖައިބެއް ނުވެއެވެ. އޭނާ އުއްމީދުކުރީ އެފަދައިންނެވެ. އޭނާ ގޮސް ކައިވެންޏަށް އެހުމުން ނޫރާ އަޖައިބުވެފައި ހުންނާނެކަން ސާރިމްއަށް މާކުރިންވެސް އެނގެއެވެ. އެ ދުވަހަކަށް ނޫރާ ކުރާ އިންތިޒާރު ސާރިމްއަށް އޮތީ އެނގިފައެވެ. ނޫރާ އޭނާއަށް ނޫނެކޭ ނުބުނާނެކަމުގެ ޔަގީންކަންވެސް އޮތެވެ.

ސާރިމް ސިހުނީ އޭނާގެ މޫނުމަތީ ނޫރާ އަތްދަމާފައި ޖެހުމުންނެވެ.

"ސާރިމްގެ ހިތް ފުރޭނީ އަހަންނަށް ކިހާ ހިތްދަތިކަމެއް ދެވުނީމަ؟ އަނެއްކާވެސް އަހަރެން ފަށަންވީ ކުރިންވެސް ފެށި ހިސާބުން، ސާރިމްއަށް އިތުބާރުކުރަން އަހަރެން ތައްޔާރެއް ނޫން، އަހަންނަކަށް ނުވިސްނޭ ސާރިމް ތި އައި ސަބަބެއް؟ ކީއްވެ ކުއްލިއަކަށް ކައިވެނިކުރަން ބޭނުންވަނީ؟" ނޫރާ ފައްޗަކަށް އަމުނައިލީ އޭނާ ރައްކާކޮށްގެން ހުރި ޖަޒުބާތުތަކެވެ. ހިތްދަތިވިވަރުން ލޮލަށް ކަރުނަ ގިނަވެ އެ ބަންޑުންދިޔަކަންވެސް ނޭނގުނެވެ.

ސާރިމްގެ ހިތް ކުދިކުދިވެގެން ދިޔައެވެ. އޭނާގެ އުއްމީދުތައް ވިއްސި ވިހާލިވި ކަހަލައެވެ. އޭނާގެ މޫނުމަތީ ޖަހައި ނޫރާ އިންކާރުކުރާނެ ކަމަށް އުއްމީދުވެސް ނުކުރެއެވެ.

"އައި އެމް ސޮރީ ނޫރާ، ވަރަށް ބޮޑަށް މައާފަށް އެދެން، އަސްލު އެންމެ ފުރަތަމަ ކުރަންވީ ކަންތައް މިއީ، ނޫރާ ތިބުނީ ތެދަށް، އަހަރެން މިއީ އިތުބާރު ހައްގުވާވަރުގެ މީހެއް ނޫން، އެކަމަކު ހުވާކޮށްފައި ބުނަން، އަހަންނަކަށް ނޭނގެ ނޫރާ ބަލިވެ އިންކަމެއް، އެހެންނަމަ މުޅި ދުނިޔޭގައި އަތް ފުނާއަޅައިގެންވެސް އަހަރެން ނޫރާ ހޯދާނަން، އަހަރެމެން ދެމީހުން ދުރުވީ އެތައް ބައެއްގެ މަސައްކަތުން، ދެމީހުންވެސް ތިބީ އެކަކު އަނެކަކު ހަނދާން ނައްތާލީ ކަމަށް ހީކޮށް، އެކަކު އަނެކަކު ކުށްވެރިކޮށްފައި، މިހާރު ހުރިހާ ކަމެއް ސާފުވެއްޖެ، އަހަރެންގެ ހިތް ނޫރާގެ މައްޗަށް ސާފު،" ސާރިމް ހުއްޓާލިއެވެ. އޭނާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

"ސާރިމް އަހަރެން ދެކެ ލޯބިވޭތަ؟" ސާރިމް އިސްއުފުލައިލީ ނޫރާގެ ކުރި ސުވާލު އަހައިފައެވެ.

ސާރިމްއަށް އަނެއްކާވެސް ހެދުނީ ގޯހެއްކަން ގަބޫލުކުރެވުނެވެ. އެހާ ވާހަކަ ގިނަކުރެވުނުއިރުވެސް ލޯބިވާ ވާހަކަ ނުބުނެވުނެވެ. ސާރިމްއަށް ބޯޖަހައިލެވުނެވެ. އޭނާ ތުންފަތުގައި ދޫ ހިންގާލިއެވެ. ފުންނޭވާއެއް ލިޔެވެ. އެ އިހުސާސް އޭނާގެ ހިތުގައި އެބައޮތެވެ. "ދެން އެވާހަކަ ނުބުނެ ކޮންހާ ބޭކާރު ވާހަކައެއް." ނޫރާ މަޑުމަޑުން ބުނެލިއެވެ. އެއީ އޭނާ ކުރި ޝަކުވާއެކެވެ. ރުޅިވެރިކަމެއް ނެތެވެ. އެ ދެމީހުންގެ މެދުގައިވާ ދުރުމިން ކުޑަކޮށްލާފައި ނޫރާ ހުއްޓުނެވެ. ދެ އަތުން ސާރިމްގެ ގަމީހުގައި ހިފައި ދަމައިގަންނަން އުޅުނެވެ.

"އަދި އެއް ކަންތައް؟" ސާރިމް ޝަހާދަތް އިނގިލި އުފުލާލާފައި ބުނެލިއެވެ. ނޫރާ ދެލޯ ފޮހެލާފައި ކޮންކަމެއްތޯ އަހާލިއެވެ.

"އަދި އެއް ފަހަރު ޖަހާލާ، އަހަރެން މަތިން. އަހަރެން ކުރި ހުރިހާ ކުށަކަށް." ސާރިމް މޫނު ކައިރިކޮށްލިއެވެ. އެއީ ސަމާސާއެއްކަން އެނގޭ ހާލުގައި ނޫރާ އަތް އުފުލައިލިއެވެ. ސާރިމްއަށް ދެލޯ މަރާލެވުނެވެ. ނޫރާ އުފުލައިލި އަތް އައިސް އޭނާގެ މޫނުގައި ޖެހޭނެކަމަށް ހީކޮށް ހުއްޓައި އިހުސާސްވީ ތުންފަތުގެ ފިނިކަމެވެ. ނޫރާ ފަހަތަށް ޖެހިލީ ސާރިމްގެ ކޯތާފަތަށް ބޮސްދީފައެވެ. ސާރިމްއަށް ދެލޯ ހުޅުވާލެވުނެވެ. ހީނގަނެވުނެވެ. އެ ހުނުމުގައި ނޫރާވެސް ބައިވެރިވިއެވެ.

"ވަޓް އެބައުޓް ޝެރީން؟" ސީރިއަސް ވެލާފައި ނޫރާ އަހާލިއެވެ. ނޫރާގެ މޫނަށް ބަލާލާފައި ސާރިމް ހިނިތުންވެލިއެވެ.

** **

ދޮރު ހުޅުވާފައި ފަރީނާ ނިކުތީ ޝެރީން އިން ގޮނޑި ދުއްވައިދެމުންނެވެ. ޝެރީން ލައިގެން އިން ހުދު ހެދުމުގެ ފަސްބައި ދިގުކަމުން އޮތީ އިށީނދެ އިން ގޮނޑި ތެރެއަށް ބޮޑިކޮށްލައިފައެވެ. އޭނާގެ ތުންފަތް ވަނީ ގަދަ ރަތްކުލައިން ފެވިފައެވެ. މިއަދު އޭނާވެސް ބޭނުންވީ އުފަލުން ހުންނާށެވެ.

އޭނާގެ ކުރިމަތީ އައިސް ހުއްޓުނީ ސާރިމްއެވެ. އޭނާ ލައިގެން ހުރި ކޯޓް ހެޔޮކޮށްލަމުން ޝެރީން ކައިރީ ރީތިތޯ އަހާލިއެވެ. އެ ދެމަފިރިންނަށް ވަގުތުކޮޅެއް ދީފައި ފަރީނާ އެއްފަރާތްވެލިއެވެ.

"ޝެރީން، އަދިވެސް އަހަރެން ވަރަށް ނުތަވަސްވެފައި މިހުރީ، އަހަންނަށް ގޯހެއް ހެދިއްޖެއްޔާ ޝެރީން ބުނައްޗޭ." ޝެރީންގެ އަތުގައި ހިފައި ގޮނޑިން ނަގަމުން ސާރިމް ބުނެލިއެވެ. ދެއަނބިންގެ މެދުގައި ހަމަހަމަނުވެދާނެތީ އަދި ޒިންމާ ނެގުމުގައި އޭނާގެ ފަރާތުން ކުށެއްވެވިދާނެތީ ސާރިމް ބިރުގަނެއެވެ.

"ސާރިމް، އަހަންނަށް އެނގޭ ސާރިމް ފެއިލް ނުވާނެކަން،" ސާރިމްގެ އަތުގައި ބާރަށް ހިފަހައްޓައިލަމުން ޝެރީން ބުނެލިއެވެ. މިހާރު ފިޒިއޮތެރަޕީގެ ސަބަބުން މީހެއްގެ އެހީގައި ޝެރީންއަށް ހިނގައިލެވެއެވެ. ސާރިމްއާއެކު އޭނާ ގޮސް ހުއްޓުނީ މެހެމާނުންނަށް މަރުހަބާ ކިޔަން ހުރި ނޫރާގެ ކައިރީގައެވެ. ޝެރީން ފެނުމާއެކު ނޫރާގެ މޫނުމަތިން ކުރިއަށްވުރެ ބޮޑު އުފާވެރިކަމެއް ފެނުނެވެ.

އެ ރަސްމިއްޔާތުގައި ޝެރީން ބައިވެރިވާން އައީތީ ނޫރާ އުފާވިއެވެ. އެވަގުތު މަޑުކޮށްލަން ބުނެފައި ޝެރީންގެ ދަބަހުން ނެގީ ކުޑަ ނޯޓެކެވެ. އެ ކަރުދާސްކޮޅު ނޫރާގެ އަތަށް ލައިދީފައި ޝެރީން އެދުނީ އޭނާގެ ގޮނޑިއާ ހަމައަށް ގެންގޮސްދިނުމަށެވެ.

ސާރިމްގެ އަތުގައި ހިފައިގެން ޝެރީން ހިނގައިގަތުމުން އެ ކަރުދާސްކޮޅުގައިވާ އިބާރަތް ނޫރާ ކިޔާލިއެވެ.

"އަހަރެންގެ އެދުމަކީ އަހަރެން މިއީ ސާރިމްގެ އަނބިމީހާގެ ބަދަލުގައި ނޫރާއަށް ލިބުނު ދައްތައެއްގެ ގޮތުގައި ބަލައިގަންނަން، އަހަރެން އަބަދުވެސް ޝަކުވާ ކުރިން، ކޮއްކޮއެއް ނެތިގެން، މިއަދު އެކަން ފުރިހަމަވެއްޖެ، އަލްހަމްދުﷲ، އަދިވެސް ގިނަގުނަ ޘަނާ ތައުރީފު ހެއްދެވި ފަރާތަށް އަރިސްކުރަން، މިއަދު މުޅި އާއިލާ ފުރިހަމަވެއްޖެ، އަހަންނަށް ފިރިހެން ދަރިއަކުވެސް ލިބިއްޖެ،" ނޫރާގެ ދެލޯ ފެންކަޅިވިއެވެ. އޭނާގެ އަތް ތުރުތުރުލައިގަތެވެ. އޭނާއަށް ބަލައިލެވުނީ ގޮނޑީގައި އިށީންނަން ދިޔަ ޝެރީންއަށެވެ. ނޫރާ ދުވެލާފައި ގޮސް ހުއްޓުނީ ޝެރީންގެ ކުރިމަތީގައެވެ. ދެން ފެނުނީ ޝެރީންގެ ގައިގައި ބައްދާލިތަނެވެ.

"ދިސް އިޒް ދި ބެސްޓް ގިފްޓް އައި އެވަރ ގޮޓް." ނޫރާއަށް ބުނެވުނެވެ. އުފާވެރިކަމުން އޭނާގެ ހިތް ފުރިގެން އައި ވަގުތު އެކަން ރަމްޒުކޮށްދިނީ ލޮލަށް ގިނަވި ކަރުނުންނެވެ. ނޫރާއަށް އިތުރަށް އެންމެ ބަހެއްވެސް ނުބުނެވުނެވެ. ޝެރީން އާއި އޭނާގެ ދަރިފުޅު ނޫރާވެސް ބަލައިގަންނާނީ އެފަދައިންނެވެ.

އެތަނުގައި ހުރި އެންމެ އުފާވެރި މީހަކަށްވާނީ ސާރިމްއެވެ. އޭނާއަށް އެއްވެސް ކަމެއް އުނިނުވެ ލޯބިވާ ދެ އަނބިން ލިބުނެވެ. މުޅި އާއިލާ ބަދަހި ގުޅުމަކުން ގުޅިލާމެހިއްޖެއެވެ. ނަފްރަތާއި ހަސަދައިގެ މައްޗަށް ލޯބި ކުރި ހޯދާނެއޭ ބުނެއެވެ. އެއީ ތެދެކެވެ.

(ނިމުނީ)