ސައްހަ ނޫން ބުކިން ހައްދައިގެން ރާއްޖެއަށް އައި 240 އަށްވުރެ ގިނަ ފަތުރުވެރިން އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސައްހަ ނޫން ބުކިން ހައްދައިގެން އައި 248 ފަތުރުވެރިޔަކު އިއްޔެ ހުއްޓުވާފައިވާ ކަމަށެވެ.
އެކަންކަން ހުއްޓުވުމަށް މަސައްކަތްކުރި އޮފިސަރުންނަށް ޝުކުރު އަދާކުރައްވައި ހަނަފީ ވަނީ ރާއްޖޭގެ ބޯޑަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.
ހަނަފީ ވިދާޅުވީ ރާއްޖެއަށް އެތެރެވާ އެންމެންވެސް ހުރިހާ ކަމަކަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށާއި ހާއްސަކޮށް ކޮވިޑާ ގުޅިގެން އަޅާފައިވާ ބޯޑަރު ކޮންޓްރޯލް ފިޔަވަޅުތަކަށް ވެސް ސަމާލުވުމަށް އެދޭ ކަމަށެވެ.
ސައްހަ ނޫން ސަފާރީ ބުކިން ދެއްކުމަށްފަހު ރާއްޖެ އެތެރެވެ، ޓްރާންސިޓް ފަތުރުވެރިންގެ ގޮތުގައި ދެކުނު އޭޝިއާގެ ފަތުރުވެރިން ގެސްޓުހައުސްތަކަށް ދާތީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮވިޑާ ގުޅިގެން މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރީންނަށް ޓޫރިސްޓް ވިސާ ދިނުން ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ. އެއަށްފަހު އެ ނިންމުން ބަދަލުކޮށް، ސައުތު އޭޝިއާގެ ފަތުރުވެރިންނަށް އިއްޔެއިން ފެށިގެން ވަކި އުސޫލެއްގެ ދަށުން ރާއްޖެއަށް އާދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސި ނަމަވެސް، ވަކި ގޮތެއް ކަނޑައަޅަންދެން މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިންއެއް ނުވެވޭނެއެވެ.
އެހެންނަމަވެސް މާލޭގައި ފަތުރުވެރިން ފުރުމަށްޓަކައި ޓްރާންސިޓްކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގެސްޓްހައުސްތަކުގައި ތިބޭ ތިބުން އިސްތިސްނާ ވާނެއެވެ. އަދި، ސައުތު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިން ކުރުމަށް ހުޅުވާލުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅައި އެކަން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އަންގާނެ ކަމަށް މީގެ ކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު