ސައްހަ ނޫން ސަފާރީ ބުކިން ދެއްކުމަށްފަހު ރާއްޖެ އެތެރެވެ، ޓްރާންސިޓް ފަތުރުވެރިންގެ ގޮތުގައި ދެކުނު އޭޝިއާގެ ފަތުރުވެރިން ގެސްޓުހައުސްތަކަށް ދާތީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެންބީއޭއެމް އިން ބުނީ، ސައްހަ ނޫން ސަފާރީ ބުކިން ދެއްކުމަށް ފަހު ދެކުނު އޭޝިއާގެ ބައެއް ފަތުރިވެރިން ރާއްޖެ އެތެރެވެފައިވާ ކަމަށެވެ.

"މަައުލޫމާތު ލިބޭ ގޮތުގައި މިއަދު ސައުތު އޭޝިއާ ގައުމުތަކުން އައި ބައެއް ކަރަންޓީނު ޓޫރިސްޓުން ވަނީ ފްރޯޑް ސަފާރީ ބުކިން އިމިގްރޭޝަނަށް ދެއްކުމަށްފަހު އެތެރެވެ، ގެސްޓްހައުސްތަކުގައި ޓްރާންސިޓް ފަތުރުވެރިންގެ ގޮތުގައި ޗެކިންވެފައި،" އެންބީއޭއެމް އިން ބުންޏެވެ.

އެންބީއޭއެމް އިން ބުނީ، އުނދަގުލާއެކު ފަތުރުވެރިކަން ކުރިއަށްދާއިރު ސިނާއަތަށް ގެއްލުން ލިބޭ ކަމެއްގައި ސިނާއަތުގެ އެއްވެސް މީހަކު ބައިވެރިނުވުން އެދޭ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އެޅުމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

ކޮވިޑާ ގުޅިގެން މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރީންނަށް ޓޫރިސްޓް ވިސާ ދިނުން ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ. އެއަށްފަހު އެ ނިންމުން ބަދަލުކޮށް، ސައުތު އޭޝިއާގެ ފަތުރުވެރިންނަށް އިއްޔެއިން ފެށިގެން ވަކި އުސޫލެއްގެ ދަށުން ރާއްޖެއަށް އާދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސި ނަމަވެސް، ވަކި ގޮތެއް ކަނޑައަޅަންދެން މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިންއެއް ނުވެވޭނެއެވެ.

އެހެންނަމަވެސް މާލޭގައި ފަތުރުވެރިން ފުރުމަށްޓަކައި ޓްރާންސިޓްކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގެސްޓްހައުސްތަކުގައި ތިބޭ ތިބުން އިސްތިސްނާ ވާނެއެވެ. އަދި، ސައުތު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިން ކުރުމަށް ހުޅުވާލުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅައި އެކަން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އަންގާނެ ކަމަށް މީގެ ކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.