ފަންނީ މަސައްކަތުގައި ނުވަތަ ވަޒީފާއެއްގައި ދެމިތިބޭ މީހުންގެ ތެރެއިން ރަސްމީ ސެޓްފިކެޓެއް ނެތް މީހުންގެ އެސެސްމަންޓް ހަދައި ގައުމީ ފެންވަރުގައި އެމީހުން ބަލައިގަންނަ ސެޓްފިކެޓް ދޭނެ އުސޫލެއް އާންމުކޮށް އެއަށް އަމަލުކުރަން ފަށައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ގެޒެޓުކުރި "ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓްފިކޭޝަން" ގަވައިދަކީ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ 71 ވަނަ މާއްދާގެ (ނ)ގެ (10) ވަނަ ނަންބަރުން ބާރު ލިބިގެން އެކުލަވާލައިފައިވާ ގަވައިދެއެވެ.
އެ ގަވައިދަކީ ރަސްމީ ނިޒާމެއްގެ ތެރެއިން ސެޓްފިކެޓެއް ނެތި، އެއް ބާވަތެއްގެ ފަންނީ މަސައްކަތުގައި ނުވަތަ އެއް ވަޒީފާއެއްގައި ދެމިތިބޭ ދިވެހިންގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުންވާ ފަންނީ ހުނަރު ހުރިތޯ ބަލައި، މަތީ ހަރުފަތަކަށް ދިއުމުގެ ފުރުސަތު ހޯދައިދީ، އެފަދަ ފަންނީ މަސައްކަތްކުރާ މީހުންގެ މަސައްކަތް ރަސްމީ ސިފައެއްގައި ބަލައިގަތުމަށް އެކުލަވާލައިފައިވާ ގަވައިދެކެވެ.
އެ ގަވައިދުގެ ކަންކަން ތަންފީޒު ކުރާނީ ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީންނެވެ.
ގަވައިދުގައިވާ ގޮތުން، ޓްރޭޑް ޓެސްޓިން ކުރިއަށް ގެންދަން ތަމްރީނުދޭ ފަރާތް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީވާން ޖެހެއެވެ. އަދި ޓްރޭޑް ޓެސްޓިންގައި ބައިވެރިވާން އެދޭ ފަރާތް، ތަމްރީން ދޭ ފަރާތެއް މެދުވެރިކޮށް، ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީވާން ޖެހެއެވެ.
އެއަށް ފަހު، ޓްރޭޑް ޓެސްޓިންގައި ބައިވެރިވާ މީހުންގެ ހުނަރު "ނޭޝަނަލް ކޮމްޕީޓަންސީ ސްޓެންޑާޑް" ގައި ބަޔާންކޮށްފައިވާ ވަރަށް ހުރިތޯ ބަލައި އިތުރަށް ދަސްކުރަންޖެހޭ ހުނަރުތައް އެ މަރުކަޒަކުން ދަސްކޮށްދީ، "ޕްރީ އެސެސްމަންޓް" ކުރިއަށް ގެންދަން ޖެހޭނެއެވެ.
ތަމްރީނު ޕްރޮގްރާމު ނިމުމުން ބައިވެރިންގެ "ޕްރީ އެސެސްމަންޓް" ހެދުމަށް ފަހު އެ ރިޕޯޓު ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުށަހަޅަން ޖެހެއެވެ.
- ދިވެއްސަކަށް ވުން
- ރަށު ފެންވަރުގައި ބަލައިގަންނަ މިންވަރަށް ފަންނީ ހުނަރުވެރި މަސައްކަތެއް ކުރާތާ މަދުވެގެން ފަސް އަހަރު ވެފައިވުން
- ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ވަޒީފާއެއްގައި މަދުވެގެން ފަސް އަހަރު ވެފައިވުން
- ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނުއްސުރެ ކޮށްއުޅޭ ދިވެހިންގެ ހާއްސަ މަސައްކަތްތައް ދިރުވައި އާލާކުރުމުގެ ގޮތުން އެ ރޮނގުން އެފަދަ މަސައްކަތް ގައުމީ ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ބަލައިގަންނަ މިންވަރަކަށް މަސައްކަތް ކުރާތާ ފަސް އަހަރު ވެެފައިވުން
ގަވައިދުގައި ބުނީ "ޓްރޭޑް ޓެސްޓިން" ފުރިހަމަކުރުމަށް ފަހު، ސައްހަ ނޫން ލިޔެކިޔުމާއި މައުލޫމާތު ހުށަހެޅިކަން ސާބިތުވެއްޖެނަމަ މަތީ ތައުލީމާއި ތަމްރީންގެ ގާނޫނުގެ 66 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ މީހަކު 25،000ރ. އިން ޖޫރިމަނާ ކުރާނެއެވެ.
ޓްރޭޑް ޓެސްޓިން ގެންދާނެ ދާއިރާތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓު އޮތޯރިޓީގެ ވެބްސައިޓުގައި އާއްމުކުރާނެއެވެ.
ޓްރޭޑް ޓެސްޓުން ފާސްވާ ފަރާތްތަކަށް ދޫކުރާނީ އެ ފަރާތްތަކުން ބައިވެރިވި ދާއިރާއެއްގެ ކޮމްޕިޓެންސް ސްޓޭންޑާޑްގައި ބަޔާންކޮށްފައިވާ ލެވެލްގެ، މޯލްޑިވްސް ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީން ގަބޫލުކުރާ ނޭޝަނަލް ސެޓްފިކެޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު