ޓީޗަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ ޕްރިންސިޕަލަކަށް ބޮޑު ޕްރޮމޯޝަނެއް ދިން ކަމުގެ ތުހުމަތުކޮށްފިއެވެ.

ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އިއްޒުއްދީން ސްކޫލުގައި މަސައްކަތްކުރި ޕްރިންސިޕަލް އިސްމާއީލް ނަސީރު އެ ސުކޫލުގައި މަސައްކަތްކުރާ ހަތަރު ޓީޗަރަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާތީ، އެ ހަތަރު ޓީޗަރުންގެ ފަރާތުން އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހެޅި ކަމަށެވެ.

އެގޮތުން ކޮމިޓީން މައްސަލަ ބެލުމަށްފަހު ނިންމީ ނަސީރުގެ ފުށުން ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލެއް ހިންގިކަމުގައި ބުރަވެވެން އޮތް ކަމަށް ކަމަށެވެ. އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަން ފެންނަ ކަމަށް މައްސަލަ ބެލި ކޮމެޓީގެ އިއްތިފާގުން ނިންމާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

"އެހެންނަމަވެސް މައްސަލަ ރައްދުވި ފަރާތުގެ މައްޗަށް އެޅި ފިޔަވަޅަކީ ކޮބައިކަން މައްސަލަ ހުށަހެޅި ފަރާތަށް އަންގާފައެއް ނުވޭ. އަދި އިސްމާއިލް ނަސީރު މިހާރު އިއްޒުއްދީން ސުކޫލަށް ވުރެ މާ ބޮޑު ސުކޫލަކަށް ބަދަލުކޮށްފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފަ. މިކަމަކީ އޭގެ ޒާތުގައި ފިޔަވަޅަކަށް ވުރެ ބޮޑަށް ޕްރޮމޯޝަނެއް ކަމަށް ސިފަވާކަން ފާހަގަކުރަން،" ބަޔާނުގައިވެއެވެ.

މި މައްސަލަ ހުށަހެޅި ހަތަރު ފަރާތް އެހެން ސުކޫލަކަށް ބަދަލުކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކޮށް އެޑިއުކޭޝަނަށާއި ސިވިލް ސާވިސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވަނިކޮށް، އެ ފަރާތްތައް އެހެން ސުކޫލުތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެ ލޯފާމުން ބުނީ މައްސަލަ ހުށަހެޅި ފަރާތްތައް އެހެން ސުކޫލުތަކަށް ބަދަލުކޮށްފައި ވަނީ އެފަރާތްތަކުގެ އެއްވެސް ބަހެއް ހޯދުމަކާ ނުލައި ކަމަށާއި މިއީ އެފަރާތްތައް ޖިންސީ ފުރައްސާރައިގެ މައްސަލަ ހުށަހެޅުމުން އެފަރާތްތަކާ މެދު ނުހައްގުން އެޅި ފިޔަވަޅެއް ކަމަށެވެ.

"މިފަދަ ކަންކަން މިގޮތަށް ހިނގަމުންދާނަމަ، މިކަމަކީ މައްސަލަ ހުށަހެޅުމުން ލިބުނު އަދަބެއް ކަމުގައި ބެލެވި، މިފަދަ އަމަލުތައް ތަހައްމަލުކުރަން ޖެހިފައިވާ އެހެނިހެން ފަރާތްތައްވެސް މިފަދަ މައްސަލަތައް ހުށަހެޅުމަށް ބިރުގަނެ، ޖެހިލުންވުމަކީ އެކަށީގެންވާ ކަމެއް. އަދި މިއީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނުގެ މަގުސަދާވެސް ކަނޑައެޅިގެން ހިލާފު ކަމެއް،" ބަޔާނުގައިވެއެވެ.

މިކަމާ ގުޅިގެން ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ އިސްމާއީލް ނަސީރު، ހަ ޓީޗަރަކަށް އެކި ކަހަލަ ފުރައްސާރަކުރުމާއި ބައެއް ޓީޗަރުންނަށް ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތާ ގުޅިގެން، މިނިސްޓްރީގެ ކޮމިޓީއަކުން އެ މައްސަލަތައް ބަލައި، ޖިންސީ ފުރައްސާރައިގެ އަމަލު އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަން ސާބިތުވެފައި ވަނިކޮށް، ނަސީރަށް އެއްވެސް ފިޔަވަޅުއެޅުމެއް ނެތި، އޭނާގެ އެދުމުގެ މަތީން ޕްރޮމޯޝަނަކާ އެކު އެހެން ސްކޫލަކަށް އޭނާ ބަދަލުކޮށްފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

"ތައުލީމީ ދާއިރާގެ ގަދަރުވެރި މަގާމެއްގައި ހުރެ، އޭނާގެ ދަށުން ތިބި މުއައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށްފައިވާކަން، ސާބިތުވެފައިވާ ހިނދު، އަނިޔާދިން ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން މަސަކަތްކުރަމުންދާ ދިއުން މި ޖަމިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" ބަޔާނުގައިވެއެވެ.

މި މައްސަލައާ ގުޅިގެން އެޑިއުކޭޝަނުން މިރޭ ބުނީ، އެކަމާ ގުޅޭ ބަޔާނެއް ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެކަމާ ގުޅިގެން މިނިސްޓްރީން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.