އިންޑިއާގެ ހިލޭ އެހީގެ ދަށުން ހޯދި ވެހިކަލްތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއަށް ހަދިޔާކޮށްފިއެވެ.
މި އުޅަނދުތައް ހަދިޔާކޮށްފައިވަނީ މިއަދު ބޭއްވި ހާއްސަ ވާޗުއަލް ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި ކަމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކަރެކްޝަންސްއަށް ހަދިޔާކޮށްފައިވަނީ ތިން ވޭނާއި އެއް ކާރެވެ. މިއީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް އެހީވާން އިންޑިއާ އިން ކަނޑައަޅާފައިވާ 200 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި ވެހިކަލްތަކެކެވެ.
ހައި ކޮމިޝަނުން ބުނީ މި ވެހިކަލްތައް ބޭނުން ކުރެވިގެންދާނީ މާލޭގައި ކަމަށާއި މި ވެހިކަލްތައް މައިގަނޑު ގޮތެއްގައި ބޭނުން ކުރާނީ ކޯޓްތަކަށާއި ހޮސްޕިޓަލުތަކަށް ގައިދީން އުފުލުމަށް ކަމަށެވެ.
ހައި ކޮމިޝަނުން ބުނީ ކަނޑު ދަތުރުތަކަށް އިތުރު ދެ ސްޕީޑް ބޯޓު ހަދިޔާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިކަމަށް ޖުމްލަ އަށް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް ބުންޏެވެ.
އިންޑިއާގެ ހިލޭ އެހީ އިން ރާއްޖޭގައި ކުދި އަދި މެދުފަންތީގެ 30 މަޝްރޫއު މިހާރު ވެސް ހިންގަމުން އަންނަ ކަމަށާއި އެ އެހީގެ ބޭނުމަކީ އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ރާއްޖެ ކުރިއެރުވުން ކަމަށް ވެސް އިންޑިއާ ހައި ކޮމިޝަނުން ބުންޏެވެ.
ހައި ކޮމިޝަނުން ބުނީ މިއީ މިއަހަރުގެ ހަ ވަނަ ޕްރޮޖެކްޓް ކަމަށާއި މިދިޔަ އަހަރު އެކަނި 12 ޕްރޮޖެކްޓެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބ. ދަރަވަންދޫ އެމަޖެންސީ މެޑިކަލް ސާވިސް ސެންޓަރާއި ނ. ޅޮހި އަދި ރ. ކިނޮޅަސް ކްލާސް ރޫމް ތަރައްގީ ކުރުމާއި ގދ. ފަރެސްމާތޮޑާގެ ކުޅި ޕާކް ހުޅުވިގެންދާނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު