އެވިޑް ކޮލެޖު އޮފް އޭވިއޭޝަނުން މި މަހުގެ ތެރޭގައި ތިއަރީ ކްލާސްތައް ފަށާނެ ކަމަށާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕްރެކްޓިކަލް ފަށާނެ ކަމަށް އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ގަމުގައި ހުންނަ އޭޝިއަން އެކެޑަމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) ހިންގުމަށް އެވިޑް ކޮލެޖުން ވަނީ އެތަން ގަނެފަ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އެވިޑް ކޮލެޖުގެ ސްކޫލް އޮފް އޭވިއޭޝަނާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރައްވަމުން މުސްތާގު މިރޭ ވިދާޅުވީ، އައްޑޫ ފްލައިން ސްކޫލު ހިންގުމާއި އެވިޑުން ހަވާލުވެފައިވަނީ އެތަނުން ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުންނަށް އެހީވެދީ، ރާއްޖޭގައި އޭވިއޭޝަން ދާއިރާ ކުރިއެރުވުމަށް ކަމަށެވެ.
"މިކަމުގައި އެކިގޮތްގޮތަށް އެކި މީހުން ވާހަކަ ދެއްކީ މިވީހާ ދުވަހުވެސް. ނަމަވެސް އަމަލީ މަސައްކަތް ކުރި ތަނެއް އަޅުގަނޑަކަށް ނުފެނޭ. އެހެންކަމުން އަޅުގަނޑު އުންމީދު ކުރީ އަޅުގަނޑުގެ ގާބިލިއްޔަތުކަން ތަންދިން މިންވަރަކުން މިކަމުގެ ތެރެޔަށް އަޅުގަނޑު ނުކުންނާނަމޭ، ދަރިވަރުންގެ އަޑު އަހާނަމޭ، ބެލެނިވެރިންގެ އަޑު އަހާނަމޭ، އެހެންކަމުން އެ އުސޫލުން އަޅުގަނޑުމެން މި މަސައްކަތް ފަށައިގަތީ" މުސްތާގު ވިދާޅުވި އެވެ.
މުޝްތާގު އިތުރަށް ވިދާޅުވީ، އައްޑޫ ފްލައިން ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރުންނާއި ބައްދަލުކޮށް އެކުދިންގެ ކިޔެވުން ކުރިއަށް ގެންދަން އެވިޑުން ރާވާފައިވާ ގޮތްތައް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް އަވަހަކަށް ކިޔަވައިދޭން ފެށުމަށް ކަމަށާއި ޓެސްޓުތައް ހަދަން ފައިސާ ދައްކާފައިވާ ދަރިވަރުންނަށް އިތުރު ފީއަކާ ނުލައި ޓެސްޓަށް ތަމްރީންކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"ސިންގަލް އިންޖީނު ބޯޓުތައް މިވަގުތު އެހުރީ ގްރައުންޑްކޮށް، މިހާރު ހުރި ބޯޓުތަކަށް ބޭނުންވާ ސްޕެއާތައް ގެންނަން ޖެހޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ބައެއް ސްޕެއާތައް މިހާރު އެހުރީ ގެނެވިފައޭ އަދި އެއަށް ފަހު ހަތަރެއް ނުވަތަ ފަސް ބޯޓު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުންމީދު މިކުރެވެނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފްލައި ކުރެވެން ފަށާނެ ކަމަށް" މުސްތާގު ވިދާޅުވި އެވެ.
މުސްތާގު ވިދާޅުވީ، ތިއަރީ ކްލާސްތައްވެސް މި ހަފްތާގެ ތެރޭގައި ނޫނީ އަންނަ ހަފްތާގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި މަލްޓި އިންޖީނުގެ ބޯޓުތަކުގެ މަރާމާތުގެ މަސައްކަތް ނިންމައި ކައިރި މުސްތަގުބަލެއްގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށާއި އިތުރު ބޯޓެއް ސައުތު އެފްރިކާއިން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
އެވިޑުން އައްޑޫ ފްލައިން ސްކޫލު ހިންގާނީ މިހާރުވެސް ތިބި މުވައްޒަފުންނާ އިތުރު މުވައްޒަފުންނާއެކުގައި ކަމަށް މުސްތާޤު ވިދާޅުވިއެވެ. އެގޮތުން ޓްރެއިނިން ހެޑަކަށް މިހާރު ހުންނާނީ އެހެން މީހެއް ކަމަށްވެސް ވިދާޅުވި އެވެ.
އައްޑޫގައި ހިންގާ ފްލައިން ސްކޫލް މިހާރު ހިންގަމުން އަންނަ އޭއޭއޭ ކުންފުންޏަށް އެ ސްކޫލް ހިންގަމުން އަންނަ އިމާރާތް ހުސްކުރުމަށް އަންނަ ޖުލައި މަހުގެ ނިޔަލަށް މުއްދަތެއް ވަނީ ދީފަ އެވެ. މިކަމާ ގުޅިގެން މުޝްތާގު ވިދާޅުވީ ދަރިވަރުންގެ ކިޔެވުން ނިމެންދެން ތަން ހުސްކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ކަމާ ގުޅޭ އިދާރާތަކުގައި މިހާރު އެދިފައިވާނޭ ކަމަށާއި މިކަމަށް ހުއްދަ ނުދީފި ނަމަ އެހެން ތަނެއްގައިވެސް މި ސްކޫލް ހިންގުމަށް އެ ކޮލެޖުން ތައްޔާރަށް އޮތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު