ގިނަ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސް ހިމެނޭ، އިންޓާ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މެންބަރު ކަމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ހޮވިވަޑައިގެންފި އެވެ.

އައިޕީޔޫގެ މެންބަރު ގައުމުތަކުގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތައް ހިމެނޭހެން 151 ގައުމު ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ޖީހާން، އައިޕީޔޫގެ އެ ކޮމިޓީއަށް އިންތިހާބުވެ ވަޑައިގެންފައި ވަނީ އޭޝިއާ ފެސިޕިކް ގްރޫޕުން ކަމަށެވެ. އޭނާގެ ނަން ރާއްޖޭގެ ފަރާތުން ފޮނުވީ ރައްޔިތުންގެ މަޖިލީހުންނެވެ.

މިއީ ރާއްޖޭގެ މެންބަރަކު އައިޕީޔޫގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހޮވިވަޑައިގަތް ފުރަތަމަ ފަހަރުވެސް މެއެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ޖީހާން، އައިޕީޔޫގެ ހިއުމަން ރައިޓްސް ކޮމިޓީއަށް އިންތިހާބު ކުރަން ވޯޓު ދިން ހުރިހާ ގައުމަކަށް ޝުކުރު އަދާކޮށްފަ އެވެ.

1889 ވަނަ އަހަރު ވުޖޫދަށް އައި އައިޕީޔޫއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގާނޫނު ހަދާ މަޖިލިސް ތަމްސީލް ކުރާ އެންމެ ބޮޑު ޔޫނިއަން އެވެ.