ގިނަ ގައުމުތަކެއްގައި ޔޫރޯ ހޯސްޓް ކުރުމަކީ ޓީމުތަކުގެ އިތުރުން ސަޕޯޓަރުންނަށް އިންސާފުވެރި ގޮތެއް ނޫން ކަމަށާއި، އެއީ ގޯހެއް ކަމަށް ޔޫއެފާގެ ރައީސް އެލެކްސެންޑްރާ ސެފެރިން ވިދާޅުވެއްޖެއެވެ.
މިއީ ޔޫރޯ ތާރީހުގައިވެސް 11 ގައުމެއްގައި މުބާރާތް ހޯސްޓްކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޔޫރޯ މުބާރާތްތައް އާންމުކޮށް ހޯސްޓް ކޮށްފައި ވަނީ ދެގައުމެއްގައި ނޫނީ އެންމެ ގައުމެއްގައެވެ. ގިނަ ގައުމުތަކެއްގައި ޔޫރޯ ހޯސްޓް ކުރުމުން ޓީމުތައް ކުރަން ޖެހޭ ދަތުރުތައް އިންތިހާއަށް ގިނަވެއެވެ. ބައެއް ޓީމުތަކުގެ ގިނަ މެޗުތައް ހޯމްގައި ކުޅެން ޖެހުމާއި ކުރާ ދަތުރުތަކުގެ އަދަދު ތަފާތުވުމުން، ޔޫރޯ ގިނަ ގައުމުތަކުގައި ބޭއްވުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ސެފްރިން ވިދާޅުވި އެވެ.
މުބާރާތުގައި ފައިނަލަށް ގޮސްފައިވާ އިންގްލެންޑާއި އިޓަލީވެސް ގްރޫޕް ސްޓޭޖު އެއްކޮށް ހޯމްގައި ކުޅެފައިވާއިރު، އިންގްލެންޑުން ރަށުން ބޭރުގައި ކުޅުނީ އެންމެ މެޗެކެވެ. އެއީ ޔޫކްރެއިންއާ ދެކޮޅަށް ކުޅުނު ކުއާޓާގެ މެޗެވެ. އެ މެޗު ކުޅުނީ އިޓަލީގެ ރޯމްގައެވެ. އިޓަލީން ގަދަ 16ގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗާއި ސެމީ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗު ވެމްބްލީގައި ކުޅެފައިވާއިރު، ކުއާޓާގައި ބެލްޖިއަމް ބަލިކުރީ ޖަރުމަނުގެ އެލިއާޒް އެރީނާގައެވެ.
އިންގްލެންޑުން މިހާތަނަށް މުބާރާތުގައި ދަތުރުކުރަން ޖެހިފައި ވަނީ އެންމެ 3874 ކިލޯ މީޓަރުގެ ދުރުމިނަކަށެވެ. އެއީ ކުއާޓާ ފައިނަލަށް ރޯމަށް ދިޔަ ދަތުރު އެކަންޏެވެ. އަނެއްކޮޅުން ފައިނަލަށް ނުކުންނަ އިޓަލީން މިހާތަނަށް ދަތުރު ކޮށްފައި ވަނީ 4714 ކިލޯ މީޓަރަށެވެ. އެޓީމުން މިހާތަނަށް މުބާރާތުގައި ދަތުރު ކޮށްފައި ވަނީ މިއުނިކާއި ލަންޑަން އަށެވެ.
"މިހާރު އޮތް ފޯމެޓްގައި ޔޫރޯ ހޯސްޓް ކުރުމަކީ ބޮޑު ޗެލެންޖެއް. އަހަރެން ދެން އެ ފޯމެޓަށް ސަޕޯޓެއް ނުކުރާނަން. ހުރިހާ ގޮތަކުން ބަލާއިރުވެސް، ދަތުރުތަކަށް ބަލާއިރުވެސް މިއީ އެންމެ އެކަށޭނެ ފޯމެޓެއް ނޫން. ބައެއް ޓީމުތަކުން 10،000 ކިލޯމީޓަރަށް ދަތުރުކޮށް މެޗުތައް ކުޅުނުއިރު އަނެއް ޓީމުތައް 1000 ކިލޯ މީޓަރަށް ދަތުރުކޮށް މެޗުތައް ކުޅުން އެއީ ހަމަޖެހޭ އުސޫލެއް ނޫން،" ސެފެރިން ވިދާޅުވެފައިވެއެވެ.
މުބާރާތުގައި މިހާތަނަށް އެންމެ ދުރަށް ދަތުރުކުރަން ޖެހިފައިވާ ޓީމަކީ ސްވިޒަލޭންޑެވެ. އެޓީމުން ވަނީ 15،485 ކިލޯ މީޓަރަށް ދަތުރު ކޮށްފައެވެ. އެންމެ މަދުން ދަތުރު ކޮށްފައި ވަނީ ސްކޮޓްލޭންޑެވެ. އެއީ ގާތް ގަނޑަކަށް 1،108 ކިލޯ މީޓަރުގެ ދަތުރެވެ.
ސެފެރިން ވިދާޅުވެފައި ވަނީ ގިނަ ސިޓީތަކެއްގައި މެޗުތައް ހޯސްޓް ކުރުމަކީ ސަޕޯޓަރުންނަށްވެސް އިންސާފެއް ކަމަށް ނުބެލެވޭ ކަމަށާއި، އެތައް ގައުމުތަކަކަށް މިފަދަ ހާލަތެއްގައި ދަތުރު ކުރުމަކީ ތަކުލީފަކަށް ވާނެ ކަމަށެވެ. ޔޫރަޕްގެ ގައުމުތަކުގައި ގެންގުޅޭ ފައިދާ ތަފާތުވުމާއި، އެހެނިހެން އުސޫލުތައްވެސް ތަފާތުވުމުން މެޗުތައް ބަލަން ދިޔަ ސަޕޯޓަރުންނަށް މި ޔޫރޯގައި އުނދަގޫތަކެއް ކުރިމަތިވި ކަމަށްވެސް ސެފެރިން ވަނީ އެއްބަސްވެވަޑައިގެންފައެވެ.
ސެފެރިން ވިދާޅުވީ ހޯސްޓްގެ ކަންކަން އެހެން ދިޔަ ނަމަވެސް މިއީ އާދަޔާ ހިލާފު ނަތީޖާތަކެއް ފެނުނު ޝައުގުވެރި ޔޫރޯއެއް ކަމަށާއި ފައިނަލް މެޗު ތަފާތު ވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު