ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މެދު ރާއްޖެ އާއި އުތުރުގެ ބޮޑު ބަޔަކަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ މައި އިދާރާ، މެޓް އޮފީހުން އެ ސަރަހައްދުތަކަށް އޮރެންޖް އެލާޓް ނެރެފިއެވެ.

އޮރެންޖު އެލާޓަކީ މެޓުން ނެރޭ މޫސުމީ އެލާޓްތަކުގެ ތެރެއިން ދެވަނައަށް އެންމެ މަތީ އެލާޓެވެ.

މިރޭ 9:00 އާ ހަމައަށް އޮރެންޖް އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ކ. އަތޮޅަށެވެ. މެޓުން ބުނީ އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވެ، އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 34 މޭލާއި 40 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ބުންޏެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން/ޖުލައި އަކީ ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވާ ދުވަސްވަރެކެވެ. މިއީ ހުޅަނގު މޫސުމުގެ ހަތްވަނަ ނަކަތް, ފުނޯސް ނަކަތުގެ ދުވަސްވަރެވެ.