ކިތަންމެ އަވަދިނެތި އުޅުނު ކަމުގައިވިޔަސް އާއިލާއަށް ވަގުތު ހުސްކުރުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ރާއްޖޭގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިކަމަށް ބާރުއަޅުއްވާފައިވަނީ، ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މާހައުލެއް ބިނާކުރުމަށްޓަކައި މީހުން ހޭލުންތެރިކުރުމުގެ މަގުސަދުގައި ޔޫއެންއެފްޕީއޭ އާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ތައްޔާރުކޮށް ސިލްސިލާކޮށް ގެނެސްދެމުންދިޔަ ގެވެށި ގުޅުން "ސާސްތްރަ" ޕްރޮގްރާމްގެ އެންމެ ފަހު އެޕިސޯޑުގައި މިރޭ ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަސްޓް ލޭޑީ ފަޒްނާ ވަނީ މީޑިއާތަކުން ގެނެސްދޭ ބައެއް އިޝްތިހާރުތަކުން ގޭތެރޭގެ މައްސަލަތައް ފާހަގަވާ ގޮތަށް އިޝްތިހާރު ގެނެސްދިނުމުގެ ބަދަލުގައި ގޭތެރޭގައި މީހުން މުއާމަލާތްކުރާ ރަނގަޅުގޮތްތަކާއި ރަނގަޅު އާދަތައް އިޝްތިހާރުތަކުން ވެސް ދައްކައި އެއް މެސެޖެއް މުޖުތަމައަށް ފޯރުކޮށްދިނުމުގެ މުހިންމު ކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

ކިތަންމެ ބުރަކޮށް އުޅުނު ކަމުގައި ވިޔަސް އާއިލާއަށް ވަގުތުކޮޅެއް ދިނުން މުހިންމުކަމަށާއި އެފަދަ ވަގުތުތަކުގައި ފޯނާއި ދުރުވެ، އެކުވެރިކަމާއެކު ގޭތެރޭގެ ކަންކަން އިންތިޒާމްކޮށް އަމަލުތައް ހެޔޮގޮތުގައި ބަހައްޓާނަމަ މުޖުތަމައު ތެރޭގައި އުޅޭއިރުވެސް އެ ރީތި އާދަތައް މި ގޮތަށް ހުރުން ގާތްކަމުގައި ފަސްޓް ލޭޑީ ފަޒްނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ އަނބިކަނބަލުން ވަނީ ގޭތެރޭގައި އެކަކު އަނެކަކާ މުއާމަލާތް ކުރާއިރު، ލޯތްބާއި އިހްތިރާމާއެކީ މައިންބަފައިން ވާހަކަދެއްކުމަށް ބާރު އަޅުއްވާފައެވެ. އެކަމުން ދަރިންނަށް ރައްކާތެރިކަމާ އަމާންކަން އިހުސާސްވޭނެކަމުގައި އެކަމަނާ ފާހަގަކުރެއްވެވިއެވެ. އަދި ހަމަ އެއާއެކު ކުދިންގެ ނުވަތަ ބޮޑެތި މީހުންގެވެސް އަމަލެއް ބަދަލުކުރުމަށް މަސައްކަތްކުރާއިރު ފައްސި ބަސް ބޭނުންކުރުމަށް ސަމާލުކަންދިނުމަށް އެކަމަނާ ވަނީ ބާރުއަޅުއްވާފައެވެ.

ފަސްޓް ލޭޑީ ފަޒްނާގެ އެންމެ ފަހު ނުކުތާއެއްގެ ގޮތުން ފާހަގަ ކުރައްވާފައިވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ މީހުންނަށް އެކަމުން އަރައިގަނެވޭނެ ގޮތްތަކެއް ހޯދައިދިނުމުގެ މައްޗަށެވެ. އެގޮތުން އެކަމަނާ ވަނީ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމުން އެކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ މައުލޫމާތު ލިބޭނެ މަގުފަހިކޮށްދިނުން މުހިންމުކަމުގައި ފާހަގަކުރައްވާފައެވެ.

ސާސްތްރަ ޕްރޮގްރާމަކީ ގެވެށި ގުޅުން ގައުމީ ކެމްޕެއިންގެ ދަށުން ރާއްޖޭގައި ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާ ގެވެށި އަނިޔާ 'ޑޮމެސްޓިކް ވައިލެންސް' އާއި ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށާއި، ގެވެށި އަނިޔާ ރިޕޯޓުކޮށް މިކަމަށް ބާރުވެރިކުރުވުމަށް ގެނެސްދެމުން އައި ސިލްސިލާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ގެވެށި އަނީޔާ އާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް ގެވެށިއަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިކުރުމެވެ.