ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރެއިން މާލޭ ސަރަހައްދަށް ގެނަސްފައިއޮތް ކާފިއު އުވާލައި، ހުރިހާ ކުޅިވަރެއް ކުޅުމުގެ ހުއްދަ ދީފިއެވެ.
ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދޭން ނިންމި ލުއިތަކާބެހޭގޮތުން މައުލޫމާތު ދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ކޮވިޑާ ގުޅިގެން ކުޅިވަރު ކުޅުމަށާއި، ކަސްރަތު ކުރުމަށް އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރެއިން ހުރިހާ ކުޅިވަރުތަކެއް ކުޅުމުގެ ހުއްދަދީ އެކަމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ނަމަވެސް ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައި ނުވާކަމަށާއި، އެހެންކަމުން އެއްވެސް ކުޅިވަރު މުބާރާތެއް ބޭއްވުމަކީ މަނާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ކުޅިވަރު ކުޅުމަށް ހުއްދަ ދިނުމުގެ އިތުރުން ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ހުއްދަވެސް މިއަދުގެ ލުއިތަކުގެ ތެރެއިން ވަނީ ދީފައެވެ.
މަބްރޫކު ވިދާޅުވީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މިއަދު ދިން ލުއިތަކުގެ ތެރެއިން ޓިއުޝަން ސެންޓަރުތަކާއި، ގުރުއާން ކުލާންތަަކަށް ދިން ކުއިތައްވެސް ފާހަގަ ކޮށްލެވެއެވެ.
މަބުރޫކު ވިދާޅުވީ، އެތަންތަނުގައި ކިޔަވައިދޭ ހުރިހާ އެންމެން ވެކްސިން ޖެހުމުން ގައިޑްލައިނާ އެއްގޮތަށް އެތަންތަނަށް ލުއި ލިބޭނެ ކަމަށެވެެ.
އެތަންތަނުގައި މަސައްކަތް ކުރާ ހުރިހާ އެންމެން ވެކްސިން ޖަހަން ޖެހެނީ، ކިޔަވަން އަންނަ 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖެހިފައި ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު