ރަޝިއާގެ ޕެޓްރޯޕެވްލޮކް-ކަމްޗަޓްސްކީ އިން ފުރައިގެން ޕަލާނާ އަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު މަތިންދާ ބޯޓުން ދަތުރު ކުރި ހުރިހާ ފަސެންޖަރުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އޮފިޝަލުންނާއި ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި 28 މީހުންނާއެކު ދަތުރު ކުރަމުން ދަނިކޮށް ގެއްލުނު އެންޓޮނޯ އޭއެން-26 ގެ ރަޝިޔާގެ މަތިންދާ ބޯޓު ރަޝިއާގެ އިރުމަތީ ކަނޑުގެ ސަރަހައްދަށް ވެއްޓިފައިވާކަމަށެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތް ވެފައެއް ނުވެއެވެ. އެ ބޯޓުން ދަތުރުކުރި ފަސިންޖަރުންގެ ތެރޭގައި ޕަލާނާގެ މޭޔަރު އޮލްގާ މޮކްހިރެވާވެސް ހިމެނެއެވެ.

އެ ބޯޓު ކަނޑަށް ވެއްޓިފައި އޮއްވާ ފެނުނު އިރު ބޯޓު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށްވެސް ރިޕޯޓުތައް ބުނެފައިވެއެވެ.

ރަޝިއަން ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، ވެއްޓިފައި އޮއްވާ ފެނުނު ބޯޓު ދަތުރު ކުރީ މޫސުން ގޯސް ރޫޓަކުން ކަމަށެވެ. ނަމަވެސް ބޯޓު ވެއްޓެއް މެދުވެރިވި ސަބަބެއް އެ އޮތޯރިޓީން އަދި ބުނެފައެއް ނުވެއެވެ.

ވެއްޓުނު ބޯޓު އުފައްދާފައިވަނީ 1982 ވަނަ އަހަރުއެވެ.

އެންޓޮނީ އޭއެން-26 ނަމަކަށް ކިޔާ އެ ފްލައިޓު ވެއްޓި އޭގެން ދަތުރު ކުރި އެންމެން މަރުވިިއިރު ހަމަ އެ ބްރޭންޑްގެ ބޯޓެއް 2012 ވަނަ އަހަރު ޕެޓްރޯޕެވްލޮކް-ކަމްޗަޓްސްކީ އިން ފުރައިގެން ޕަލާނާ އަށް ދަތުރުކުރަނިކޮށް ވެއްޓި އޭގެން ދަތުރުކުރި މީހުންގެ ތެރެއިން ދިހަ މީހަކު މަރުވެފައިވެއެވެ.