ލަންކާގައި ކުޑަކުދިން ލައްވައި ހަށި ވިއްކަމުން ދިޔަ މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ލަންކާ ފުލުހުންގެ ތަރުޖަމާނާ ހަވާލާދީ އެ ގައުމުގެ ނިއުސް ފަސްޓް ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ދިވެހި ފިރިހެން މީހާ އާއެކު ލަންކާގެ ތިން މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. ދިވެހި މީހާ ހިމެނުނީ 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރޭގައެވެ.

އަދި މައުންޓް ލެވިނިއާގައި ކުޑަކުދިން ލައްވައި ހަށި ވިއްކަމުން ދިޔަ މައްސަލައެއްގައި މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ނޫހުގައި ރިޕޯޓު ކޮށްފައިވެއެވެ.

ނަމަވެސް ދިވެހި މީހާގެ މައްޗަށް ކުރާ ތުހުމަތެއް އަދި އޭނާ އަކީ ކާކު ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ލަންކާގެ ފުލުހުންގެ ތަރުޖަމާން ވިދާޅުވީ، މައުންޓް ލެވީނިއާ ސަރަހައްދުގައި 15 އަހަރު ކުއްޖާ ލައްވައި ހަށި ވިއްކުވި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި އެކުއްޖާގެ މަންމަވެސް ހިމެނޭ ކަމަށެވެ.

އަދި އެ ކުއްޖާ ވިއްކުމަށް ސޯޝަލް މީޑިއާގައިވެސް އިސްތިހާރު ކުރި ކަމަށާއި އެކަމުގައި އެންމެ އިސްކޮށް އުލުނު މީހާ މިދިޔަ ޖޫން މަހުގެ ކުރީކޮޅު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ތަރުޖަމާން ވިދާޅުވިއެވެ.