ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރި، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލައިގެ އަޑުއެހުންތައް މިއަދު ހައިކޯޓުން ނިންމާލައިފިއެވެ.
ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޕީޖީ އޮފީހުން ވަނީ އަންމަޓީ ދޫކޮށްލަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކޮށްދިނުމަށް އެދިފައެވެ.
ޕީޖީގެ ވަކީލު ވިދާޅުވީ، އެގޮތަށް އެދެނީ އޭނާ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ އާއި އޭނާ ޝަރީއަތަށް ފިލައި، ކޯޓަށް ހާޒިރުނުވެދާނެތީ ކަމަށެވެ.
އެކަމާ ގުޅިގެނ އައްމަޓީގެ ވަކީލު މުހުތާޒު މުހުސިން ވިދާޅުވީ މި މައްސަލައިގައި ގިނައިން ހިމެނެނީ ކިތާބީ ހެކި ކަމަށެވެ. އެހެންކަމުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލެއް މި މައްސަލަައާ ގުޅިގެން ނެތް ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރަށް އަންމަޓީ ނުފިލާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި، މީގެކުރިން ވެސް އެއީ ފިލާފައިވާ މީހެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން އަންމަޓީގެ މައްޗަށް ތަހުގީގު ފެށީވެސް އޭނާ ލަންކާގައި ހުއްޓާ ކަމާއި އޭރު އޭނާއަށް ރާއްޖެ ނާދެވުނީ އެ މައްސަލައިގައި އޭނާއަށް ބަޔަލު ގެއްލުންދީފާނެ ކަމުގެ ބިރު އޮތުމުން ކަމަށްވެސް ވިދާޅުވިއެވެ.
ލަންކާގަިއ ހުރި ނަމަވެސް އެކަންތައްތައް އައްމަޓީގެ ފަރާތުން ދިވެހި ފުލުހުންނާ ހިއްސާކުރުމުގެ އިތުރުން، ރައީސް އޮފީހާއެކު އައްމަޓީ ކަމާބެހޭ މުއާމަލާތްތައް ކުރަމުން ގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ.
ވަކީލު ވިދާޅުވީ އައްމަޓީ ލަންކާއިން ރާއްޖެ އައީ، އެ މައްސަލާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެޗްޑީސީ މެދުވެރިކޮށް ބަދަލުދިނުމުން އޭނާއަށް ގެއްލުމެއް ދޭނެ ބަޔަކު ނެތްކަމުގެ ޔަގީންކަން ރައީސް އޮފީހުން ދީގެން ކަމަށެވެ. އަދި އޭނާ ރައްޖެ އައީ އަމިއްލަ އިހުތިޔާރުގައި ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެ ވާހަކަތައް ދައުލަތުގެ ވަކީލު ދޮގު ކުރެއްވިއެވެ.
ވަކީލު ވިދާޅުވީ، އަންމަޓީ ރާއްޖެ އައީ އެހެން ގޮތެއް ނެތި، މަޖުބޫރުވެގެން ކަމަށެވެ. އޭނާގެ ޕާސްޕޯޓްގެ މުއްދަތު ވެސް ހަމަވެ، ލަންކާއިން އޭނާ ޑީޕޯޓް ކޮށްލީ ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ލަންކާގައި އުޅުނީ ފިލައިގެން ކަމަށްވެސް ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ މި މައްސަލައަކީ މަދަނީ މުއާމަލާތްތަކެއް ހިމެނޭ މައްސަލައެއް ނަމަވެސް، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އެބަ އޮތް ކަމަށެވެ.
މިއަދު ޝަރީއަތުގެ އަޑުއެހުންތައް ނިންމައިލީ، ދެން އޮން އަޑުއެހުމެއްގައި މައްސަލައާމެދު ގޮތެއް ނިންމާނެކަން އިއުލާން ކުރެއްވުމަށްފަހު އެވެ.
އައްމަޓީ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދަންޖެހޭ ހާލަތެއް ނެތް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައި ވަނީ މިދިޔަ ޖޫން މަހުގެ 17 ގައެވެ. އައްމަޓީ ބަންދުން ދޫކޮށްލީ ޝަރުތުތަކަކާ އެކުއެވެ. އެއީ މާލެ އިން ފުރައިގެން ނުދިއުމާއި ރާއްޖެއިން ބޭރަށްވެސް ނުދިއުމަށް ޝަރުތުކޮށްފައެވެ.
ބަންދާ މެދު ގޮތެއް ނިންމަން ބޭއްވި ޝަރީއަތުގައި އައްމަޓީގެ އެންމެ ބޮޑު ޝަކުވާއަކަށްވީ އޭނާގެ ބަލި ހާލަތެވެ. މައިބަދައިގެ ދެ ބަދައެއް ފިތި މައިނާރު ފިތުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހަކު މާފުށީގައި ހުރުމަށްފަހު ބޭސްފަރުވާއަށް މާލެ އައުމަކީ އުނދަގޫ ކަމެއް ކަމަށް އަައްމަޓީ ފާހަގަކުރިއެވެ. އަދި ބުނީ، ޝަރީއަތަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށާއި ފިލައިގެންވެސް ނުދާނެ ކަމަށެވެ. އެއަށްފަހު އައްމަޓީ އެދުނީ ބަންދަށް ލުޔެއް ދިނުމަށެވެ.
ނަމަވެސް ދައުލަތުން އެކަމަށް އިއުތިރާޒު ކުރިއެވެ. އައްމަޓީއަކީ މީގެ ކުރީންވެސް ފިލައިގެން އުޅެފައިވާ މީހެއް ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތަތީ އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތަށް ނުފެންނަ ކަމަށް ޕީޖީގެ ވަކީލު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ، ކުށެއް ކުރި ކަމަށް ސާބިތު ނުވާހާ ހިނދަކު އެ މީހަކީ ކުށްވެރިއެއް ނޫން ކަމަށާއި ތުހުމަތު ކުރެވޭ ހުރިހާ ފަރާތްތަކަށްވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
ހުޅުމާލޭގައި ފުލެޓް އިމާރާތް ކުރަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އިމާރާތް ކޮށް ނުދީ، އަދި އެ ފައިސާވެސް ދީފައި ނުވާ މައްސަލައިގައި އައްމަޓީ ފިލައިގެން ގޮސް އުޅެމުން ދިޔައީ ސްރީ ލަންކާގައެވެ. 18 އޭޕްރީލް 2019ގައި އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރުނެވެ. ފިލައިގެން އުޅެނިކޮށް ލަންކާއިން އައްމަޓީ ހައްޔަރު ކުރިކަން ފުލުހުން ހާމަކުރީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އޭނާ ރާއްޖެ ގެނަސްފައި ވަނީވެސް އިންޓަޕޯލާ ގުޅިގެންނެވެ.
އައްމަޓީގެ މައްޗަށް އުފުލާފައި ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ އެކެވެ. އެ ދައުވާތައް އައްމަޓީގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ ދަށުންނެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު