އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލި ތިން ބޭފުޅުންގެ ނަން ފާސްނުވުމުން އަލުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އެ މަގާމުގައި ހުންނެވި ހުސެއިން ފިޔާޒު މޫސާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފިޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިއަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުއެވެ. އޭރު އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވިއެވެ.
ނަމަވެސް އެ ތިން ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާހެއް ނުވިއެވެ. އެ ތިން ބޭފުޅުންނަކީ ދަފްތަރު ނަންބަރު 5143 ޝިހާމް މުހައްމަދު ވަހީދާއި ހ. ގުރުވަ/ އަހުމަދު އާހިދު ރަޝީދުގެ އިތުރުން ގ. ދާސްތާން/ މަރިޔަމް އަލީމެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހުށަހަޅާ ފޯމު ބަލައިގަންނާނީ މި މަހުގެ 12 އަދި 13 ވަނަ ދުވަހު ކަމަށެވެ. ފޯމް ރައީސް އޮފީހުންނާއި ރައީސް އޮފީހުގެ ވެބްސައިޓުން ލިބޭނެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރަކަށް ފިޔާޒު އައްޔަން ކުރެއްވީ އޮކްޓޯބަރު 31، 2019 ގައެވެ. އަދި އޭނާ މަގާމުން އިސްތިއުފާ ދިނީ މިއަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު