ގއ. ކޫއްޑޫން އިއްޔެ އެކަނިވެސް 23 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ކޫއްޑޫން އެންމެ ފުރަތަމަ ޕޮޒިޓިވްވީ މަސްކިރާ ބޯޓެއްގެ ކެޕްޓަނެކެވެ. އެއާއެކު މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އެރަށް އަދިވެސް އޮތީ މޮނިޓަރިންގައެވެ.
ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ، ކޫއްޑޫން އިއްޔެ އެކަނިވެސް 23 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެރަށުން މިހާތަނަށް ޖުމުލަ 77 މީހަކަށް ބަލި ޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބީ 55 މީހުން ކަމަށެވެ.
އެ އެންމެންނަކީވެސް މަސްކިރާ ބޯޓުން އުފެދުނު ކްލަސްޓާއާ ގުޅުން ހުރި މީހުން ކަމަށް ވިދާޅުވި އެވެ.
"މިހާތަނަށް 23 މީހުން ބަލިން ރަނގަޅުވި ނަމަވެސް އަދިވެސް ކޮންމެ ދުވަހަކުވެސް މިދަަނީ މީހުންތައް ޕޮޒިޓިވް ވަމުން. މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 55 މީހުން. މީ ހަމަ އެންމެ ކްލަސްޓާއެއް އަދި މިހާތަނަށް ބެލި ބެލުމުން. އެހެން ކްލަސްޓާއެއް އަދި ނުފެނޭ،" ޝަރީފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޫއްޑޫން ބަލި ޖެހުނު އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި އެއްވެސް މީހަކު ހާލު ބޮޑުވެ ފެސިލިޓީގައި ފަރުވާދޭން ޖެހިފައިނުވާ ކަމަށެވެ.
ކޫއްޑޫ ކުލަސްޓާއާ ގުޅިގެން އެ އަތޮޅު މާމެންދޫ އާއި ކޮލަމާފުށިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. މި ކްލަސްޓާއާ ގުޅުން ހުރި އެކަކު ކޮލަމާފުށިން ޕޮޒިޓިވް ވެފައިވާ އިރު މާމެންދޫން ވަނީ 11 މީހަކު ޕޮޒިޓިވްވެފައެވެ. ނަމަވެސް މާމެންދޫ އިން ހަ މީހުން ފިޔަވައި އެންމެން ވަނީ ބަލިން ރަނގަޅުވެފައެވެ.
ގއ. އަތޮޅުގައި ދެއްވަދޫ އާއި ކަނޑުހުޅުދޫ ފިޔަވައި ހުރިހާ ރަށެއް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު