އިންޑިއާއާ ގުޅޭ ގޮތުން މީޑިއާއެއްގައި ރިޕޯޓް ކުރި މައްސަލައާ ގުޅޭ ގޮތުން ނުތަނަވަސް ކަމެއް އޮތް ނަމަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް އެ މައްސަލަ ބެލުމަށް ފުރުސަތު ދިނުމަށް ރާއްޖޭގައި ހިންގާ ނޫސްތަކުގެ އެޑިޓަރުން ހިމެނޭ އެޑިޓާސް ގިލްޑް ޖަމިއްޔާއިން ގޮވާލައިފިއެވެ.

އެޑިޓާސް ގިލްޑުން މިގޮތަށް ގޮވާލާފައި މިވަނީ، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ދާދި ފަހުން ފޮނުވި ސިޓީއެއްގެ މައްސަލަ ރާއްޖޭގެ މީޑިއާގައްޔާއި ސޯޝިއަލް މީޑިއާގައި ހޫނު ވެފައިވަނިކޮށެވެ.

އެ ސިޓީގައި އިންޑިއާގެ ހައިކޮމިޝަނުން ބުނެފައި ވަނީ ރާއްޖޭގައި ތިއްބަވާ އެގައުމުގެ ޑިޕްލިމޭޓުންނާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ރާއްޖޭގެ މީޑިއާގައި ފަތުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން އެފަދަ އޮފިޝަލުންނަށް ނުރުހުން ރައްދުވެ ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.

އޭގެ އިތުރުން މިފަދަ ވާހަކަތައް ތަކުރާރުކޮށް ފަތުރަމުންދާ ކަމަށާއި މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމަށް ވެސް ބުރޫ އަރައިފާނެ ކަމެއް ކަމުން އެފަދަ މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް ވަނީ އެދިފަ އެވެ.

އިންޑިއާ ހައިކޮމިޝަނުން ފާހަގަކުރި މި މައްސަލަ ބަލައިދިނުން އެދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިހާރު ވަނީ އެމްއެމްސީ އަދި ފުލުހުގައިވެސް އެދިފައެވެ.

އެކަމާ ގުޅިގެން އެޑިޓާސް ގިލްޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތަކަކީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ނެރޭ ނޫސް މަޖައްލާތަކެއް ކަމަށާއި އެހެންކަމުން ރާއްޖޭގެ ނޫހެއްގައި ޝާއިއު ކުރި ލިޔުމަކާ ގުޅޭ ގޮތުން، އެކަމުގެ ނުތަނަވަސްކަމެއް އޮތް ނަމަ އެކަމަކަށް ހައްލު ހޯދުމަށް އިންޑިއާ ހައިކޮމިޝަނުން އެދެން ޖެހޭނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކަމަށެވެ. އަދި އެ މައްސަލަ ބަލައި ދިނުމަށް ކަމާބެހޭ އިދާރާއެއްގައި ފޮރިން މިނިސްޓްރީ އަށް އެދެވިދާނެ ކަމަށް ބުންޏެވެ.

ރަސްމީކޮށް އެ މައްސަލަ ހައިކޮމިޝަނުން ލޮޖު ކުރީ ފޮރިން މިނިސްޓްރީއަށް ނަމަވެސް އެ މައްސަލަ ރައްދުވާ ޑިޕްލޮމެޓް ސީދާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރަށް ގުޅުއްވުމަކީ ވިއެނާ ކޮންވެންޝަންގެ 14 ވަނަ މާއްދާ ތަން ދޭ ކަމެއް ނޫން ކަމަށާއި އަދި އެއީ އެ ކޮންވެންޝަނާ ހިލާފަށް ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުން ކަމަށްވެސް ބަޔާނުގައިވެއެވެ.

އެޑިޓާސް ގިލްޑުން ބުނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަމިއްލައަށް އެ މައްސަލައިގައި މީޑިއާ ޖަވާބުދާރީ ކުރުވުމަށް އެމްއެމްސީއަށް އެންގުމަކީވެސް ޑިމޮކްރަސީއާ ބީރައްޓެހި އުސޫލެއް ކަމަށެވެ. އަދި އެ ކައުންސިލުން އެ މައްސަލަ ބެލުމަށް ފުރުސަތު ނުދީ، މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވުމަށް އެންގުމަކީ ސީދާ ގޮތެއްގައި ވަކި ގޮތަކަށް މައްސަލަ އަނބުރާލުމަށް ނުފޫޒު ފޯރުވުން ކަމަށްވެސް ބަޔާނުގައިވެއެވެ.

"މި ޖަމިއްޔާ އިން ގޮވާލަނީ މިޑީއާއެއްގައި ރިޕޯޓް ކުރި މައްސަލައަކާ ގުޅޭ ގޮތުން ނުތަނަވަސް ކަމެއް އޮތް ނަމަ މޯލްޑިވްސް މީޑިއާ ކައުންސިލަށް އެ މައްސަލަ ބެލުމަށް ފުރުސަތު ދިނުމަށް. އަމިއްލައަށް ބާރާއި ނުފޫޒު ބޭނުން ކޮށްގެން މައްސަލައަށް ވާސިލުވުމަށް މަސައްކަތް ކުރުމަކީ ތަހުޒީބީ ހަމައެއް ކަމަށް ނުފެންނަ ވާހަކަ ވެސް ދަންނަވަން. ރާއްޖެ ބަލައިގެންފައިވާ ނިޒާމަކީވެސް އެއީ ކަމުގައި ދަންނަން،" އެޑިޓާސް ގިލްޑުގެ ބަޔާނުގައިވެއެވެ.

އެޑިޓާސް ގިލްޑުން ވަނީ ރާއްޖޭގައި މަސައްކަތް ކުރާ މީޑިއާތަކުންވެސް މައްސަލަތައް ރިޕޯޓް ކުރުމުގައި ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އަމަލު ކުރުމަށާއި ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށް ގޮވާލައިފައެވެ. އަދި ބޭރުގެ ޑިޕްލޮމެޓުންގެ ވާހަކައެއް ދައްކާ ނަމަވެސް ވިއެނާ ކޮންވެންޝަންގެ 92 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ރިއާޔަތް ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.