ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރާ އެކު އެތަނަށް ދެމުންދާ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ގައުމުތަކާމެދު އޮންނަ ގުޅުންތަކާ ބެހޭ ހަގީގަތެެއް ނެތް ވާހަކަތަކާއި ރާއްޖޭގައި ހުންނަ ބައެއް ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންނާ ގުޅޭގޮތުން ދިޔަރެސް ނޫހުން ކޮށްފައިވާ ޓްވީޓުތަކުގެ ސަބަބުން، އިންޒާރުތަކެއް ލިބެމުންދާ ކަމަށެވެ.

"ދިވެހިރާއްޖޭގައި ހުރި ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާކުރާނެ ކަމަށާއި އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދައުރުވެފައިވާތީ އެ ދެ އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ދެ މިޝަނުން ވަނީ މި މިނިސްޓްރީގައި އެދިފައެވެ،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ސެކިއުރިޓީ ވަރުގަދަކޮށްދޭން އެދުމުން އެ ދެ އިމާރާތުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ދޭދޭ ގައުމުތަކާ އެކު އޮންނަ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި، ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ހަބަރުތައް ފެތުރުމަކީ އެ ގައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުމަށް ބުރޫއަރައި، އެ ގައުމުތަކާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެދުމަށް މަގުފަހިވެ، ދިވެހި ރައްޔިތުންނަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ތަސައްވުރު ކިލަނބުވެ، ދިވެހިރާއްޖެއަށް ލިބެން ހުރި ވިޔަފާރިއާއި، ފަތުރުވެރިކަމުގެ ފުރުސަތުތަކަށްވެސް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމެއް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރާއްޖެއަށް ކަނޑައަޅާފައިވާ ޑިޕްލޮމަޓުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމަޓިކް ރިލޭޝަންސް 1961 ގެ ދަށުން ދިވެހި ދައުލަތުގެ ޒިންމާއެކެވެ.

"ވީމާ ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ގައުމުތަކާމެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށާއި ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫއަރާ ފަދަ ގޮތްތަކަށް ހަގީގަތާ ހިލާފު ޚަބަރުތައް ނުފެތުރުމަށް އިލްތިމާސްކުރަމެވެ،" ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.