ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައިގެން ކާރަކަށް އަރުވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އެ މައްސަލަ ބަލަމުން އަންނަ، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލަމުން އަންނަ ކޮމިޝަނުން ކުޅެ އާންމުކޮށްފި އެވެ.

ހަތަރު މިނިޓުގެ އެ ވީޑިއޯގައި އޮގަސްޓް 7، 2014 ވަނަ ދުވަހުގެ ރޭ ކަންތައް ހިނގައި ދިޔަ ގޮތް ވަނީ ދައްކުވައިދީފަ އެވެ.

އެގޮތުން އެރޭ 10:00 އާއި ހަމައިން ފެށިގެން ރިލްވާންއަށް ބަޔަކު ފާރަލަމުން އައި ކަމަށް ވަނީ ބުނެފަ އެވެ. އަދި 11 ޖެހިއިރު އޮތް ބައިބަލާ މެޗު ބަލައި ނިމުމަށްފަހު، އެރޭ ދަންވަރު ރިލްވާން މާލޭގައި ހުންނަ ހުޅުމާލޭ ޓާމިނަލަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެވެ. އެއީ މިހާތަނަށް އެންމެ ފަހުން ސީސީޓީވީ ފުޓޭޖަކުން ރިލްވާން ފެންނަ ތަނެވެ.

ދަންވަރު އެކެއްގެ ފެރީން ހުޅުމާލެ އަށް އަންނަ މަންޒަރުން ފެށިގެން ދެން އެ ވީޑިއޯގައި ފެންނަނީ ރިލްވާންގެ ކެރެކްޓާ ދައްކުވައިދޭ އެހެން މީހެކެވެ. ލަފާ ކުރެވޭ ގޮތުން 1:30 ގައި ހުޅުމާލެއަށް ފެރީ ކައިރި ކުރުމުން ފައިމަގުގައި ރިލްވާން ހިނގާފައި އޭނާ ދިރިއުޅޭ 21 ނަންބަރު ފްލެޓާ ހަމައަށް ދެއެވެ.

ކޮމިޝަނުން ލަފާކުރާ ގޮތުގައި ރިލްވާންއަށް އޭނާ ދިރިއުޅުނު ފްލެޓާއި ހަމައަށް ދެވޭނީ 1:45 ހާއިރު އެވެ. އަދި އެ ފްލެޓް ހުންނަ މަގުގެ ފްލެޓް ފަޅީގައި ރަތް ކުލައިގެ ކާރެއް މަޑުކޮށްގެން އޮވެއެވެ. ދެން ފެންނަނީ ރިލްވާން ގަދަކަމުން އެ ކާރުގެ ފަހަތު ސީޓަށް އަރުވައިގެން ކާރު ދުއްވާލާ މަންޒަރެވެ. އެ ވަގުތު ކާރުން ވަޅިއެއް އެތަނަށް ވެއްޓުނެވެ. ކާރު ދުއްވާލިއިރު އިނީ ފަހަތު ދޮރު ހުޅުވިފަ އެވެ. ނަމަވެސް ކުޑައިރުކޮޅެއް ނުވެ ދޮރު ލައްޕާލަ އެވެ. އަދި ފަހަތުން ސައިކަލެއްގައި މީހަކު ވެސް ދެ އެވެ.

އެއީ މިހާތަނަށް އިދާރާތަކުން އާންމުކޮށްފައިވާ މައުލޫމާތާއި މަރުކޮމިޝަނަށް ލިބިފައިވާ ހެކިތަކަށް ބިނާކޮށް ކުޅެފައިވާ ވީޑިއޯއެކެވެ.

ވިޑިއޯ ގުޅިގެން މަރު ކޮމިޝަނުގެ މެންބަރު މިސްބާހު އައްބާސް 'ވަން' އަށް ވިދާޅުވީ، އެ މައްސަލަ އަދިވެސް ކޮމިޝަނުން ދަނީ އިތުރަށް ބަލައި ހޯދަމުން ކަމަށާއި ރިލްވާންގެ މައްސަލައިގެ މައުލޫމާތު އެނގޭ ފަރާތްތައް އަދިވެސް އާންމުންގެ ތެރޭގައި ތިބިދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެންގެ އެދުމަކީ އެބޭފުޅުން ފަސްނުޖެހި ވަޑައިގަތް ކޮމިޝަނަށް އެ މައުލޫމާތު ހިއްސާކޮށްދެއްވުން. އެއްވެސް މައުލޫމާތަކީ ކުޑައެއްޗެއް ކަމަށް ހީކޮށް ނުވަތަ މުހިންމު ނުވެދާނެ ކަމެއް ކަމަށް ބައްލަވައި އެ މައުލޫމާތެއް ހިއްސާ ނުކޮށް ނުތިއްބެވުން ވަރަށް ބޮޑަށް އެދެން،" މިސްބާހު ވިދާޅުވި އެވެ.

ރިލްވާންގެ މައްސަލައިގެ ފުރިހަމަ ރިޕޯޓެއް މި އަހަރު ނިމުމުގެ ކުރިން ލިބޭނެ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން މައުލޫމާތު ދެއްވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި އަހަރުގެ މާޗް މަހުގެ ހަތް ވަނަ ދުވަހު ވިދާޅުވެފަ އެވެ.