ހއ. ހޯރަފުށީ އެއާޕޯޓު ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފި އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމްޓީސީސީއާ މި މަޝްރޫއު ހަވާލު ކުރުމަށް، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ.

މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި މަޝްރޫއުގައި، ހޯރަފުށީގެ އެއާޕޯޓު ރަންވޭގެ ދެފަރާތުގައި 2،861 މީޓަރުގެ އެއްގަމުތޮށި ލުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ހިމެނޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

އެމްޓިސީސީއާ މި މަޝްރޫއު ހަވާލު ކޮށްފައިވަނީ 90.5 މިލިއަން ރުފިޔާ އަށެވެ. އަދި 360 ދުވަސްތެރޭގައި މަސައްކަތް ނިންމައި ހަވާލު ކުރަންޖެހޭނެ އެވެ.

މިފަހުން ރާއްޖެއަށް ކުރި ވިއްސާރައިގައްޔާއި މޫސުން ގޯސްވުމުގެ ސަބަބުން ހޯރަފުށީ އެއާޕޯޓު ރަންވޭއަށް އުދަ އަރައި އަދި ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.