އަންނަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެ އަންނަ މީހުން، ރާއްޖެ އައުމަށްފަހު ޕީސީއާރު ޓެސްޓެއް ހަދަންޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ބުނީ، އަންނަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުން ވޯކް ޕާމިޓް ހޯލްޑަރުންނަށް ރާއްޖެ އާދެވޭނެ ކަމަށާއި އެގޮތަށް އަންނަ މީހުން 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ. އަދި އެމީހުން ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ހަމަވުމުން ޕީސީއާރް ޓެސްޓް ހަދައި އޭގެ ނަތީޖާ ނެގެޓިވްވުމުން ކަމަށްވެސް ބުންޏެވެ.
އެޗްޕީއޭއިން ބުނީ، ދެކުނު އޭޝިއާގެ ގައުމުތަގެ ފަތުރުވެރިންނަށް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އާދެވޭނެ ކަމަށެވެ.
އެޗްޕީއޭގެ އިއުލާންގައިވާގޮތުން ދެކުނު އޭޝިއާއިން ރާއްޖެ އެތެރެވާ މީހުން، ރާއްޖެ އެތެރެވާތާ ދެ ދުވަހާއި ތިން ދުވަހުގެ ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެއެވެ.
އެޗްޕީއޭގެ އެންގުން އެގޮތަށް އޮތުމަކީ، އެކި ވޭރިއަންޓްތައް ރާއްޖެ އައުމަށް ފުރުސަތު ބޮޑުވާ ކަމަށް ސިއްހީ ހިދުމަތްތެރީން ވިދާޅުވެއެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ނެގެޓިވް ޕީސީއާރް ނަތީޖާއަކާއެކުގައި ރާއްޖެ އެތެރެވެވޭ ގޮތަށް އޮތުމަކީ ބަލި ފެތުރުން ކުޑަކުރެވޭނެ ކަމެކެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުން މަސައްކަތްތެރީން ރާއްޖެ އެތެރެވުން މަނާކުރީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް ޓޫރިސްޓް ވިސާ ދިނުން ހުއްޓާލީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު