އެއީ ފަސްބަދުރުވަ ނަކަތުން ތިންވަނަ ދުވަހެވެ. އުޑުމަތި ސާފެވެ. އުތުރުފަރާތު ބަނދަރު މަތީގައި އޮތް ދޮންވެލިގަނޑަށް ނުކުމެ ތިބި އަންހެން ކުދިންގެ ބޮލުގު އިސްތަށިތައް ވިހުރެވެމުންދަނީ ގަސްކަރައިގެ މަތިން ފެހުނު ބިތުން ޖެހޭ ފިނި ރޯޅިރޯޅިންނެވެ. އަވިބާރުކަމުން ނޮޅިވަރަންފަރުގެ މަޝްހޫރު ދޮންވެލިގަނޑު އޮތީ ހުދުން ދިއްލާލައިފައެވެ.
އެންމެން އިންތިޒާރު ކުރަމުން ދިޔައީ އިނގުރައިދޫއިން އަންނަ ވަޑިންނަށެވެ. އެއީ ކަތީބު ކަލޭފާނުގެ އައު މަސްދޯނި ބަންނަން ގެންނަ މާވަޑިއަކާއި އތްދަށު ހަތަރު ވަޑިންނެވެ. އިނގުރައިދޫއަކީ އުތުރު ހަތަރު އަތޮޅުގައި ކިއްސަރު ވަޑާމަށް އެންމެ މަޝްހޫރު ރަށެވެ. މާވަޑިކަލޭގެ އައީ އޭނާގެ 18 އަހަރުގެ ފިރިހެން ދަރިފުޅު ވެސް ގޮވައިގެންނެވެ. އެއީ މަސައްކަތުގައި ބައިވެރިކޮށްގެން ވަޑާން ކުރަން ދަސްކޮށް ދިނުމަށެވެ.
އަތިރިމައްޗަށް ނުކުމެ ތިބި ކަނބަލުންގެ ތެރެއިން މުދިންގޭ އާއިމިނާ ފުޅު ކަތީބުކަލޭގެފާނުގެ ކަތްދާފުޅަށް ބުންޏެވެ. "މިފަހަރު މި އަންނަ ދޯނިން ލަފާ މީހުންގެތެރެއިން ކަތްދާފުޅު ޖެހޭނެ ރީތި ކުއްޖެއް ފާހަގަކުރަން." ކަތްދާފުޅަކީ ކަތީބު ކަލޭފާނުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އޭނާ ލިބާސް ލެއްވިފަހުން ވީ މިދިޔަ ދެ އަހަރުތެރޭގައި އެއްވެސް ފިރިހެން ކުއްޖަކާ އޭނާ ވާހަކަ ދައްކާފައި ނުވެއެވެ. އޭނާއަށް ރަށު ކުދިން ކަމު ނުދަނީއެވެ. އަދި ކަތީބު ކަލޭފާނުގެ މުއްސަނދިކަމާއި ބާރުވެރިކަން ފެނިފައި މާ ގިނަ މީހުންނަކަށް ކަތްދާފުޅާ ދިމާލަށް ބަލައިލަން ވެސް ނުކުރެއެވެ.
"މަށަކު ވާ ނޫޅެން،" ކަތްދާފުޅު ޖަވާބު ދިނެވެ. "ތި ދޯނިން އަންނާނީ މުސްކުޅި ވަޑިން. ނޫނީ މަސައްކަތްކޮށްކޮށް އަތުގަ ކުރަލައިފަ ތިބި މީހުން."
"އާނއާނ ތިހެން ހުރޭ މުސްކުޅި ވަންދެން ކުރަ ނުލާ މީހަކު ހޯދަހޯދާ،" އާމިނާ ފުޅު ރައްދު ދިނެވެ.
އެ ހިސާބަށް ދިޔައިރު ވަޑިން ގޮވައިގެން އައި ދޯނި ވިލުން ވަދެގެން އައިސް ގޮނޑުދޮށަށް ބީއްސާލައިފިއެވެ. އަދި ދަތުރުވެރިން ފައިބާން ފަށައިފިއެވެ. ކަތްދާފުޅުގެ ލޯ ގޮސް ހުއްޓުނީ އިސްކޮޅުން ދިގު ދޮން ޒުވާން ފިރިހެނަކާ ދިމާއަށެވެ. އޮޑިން ފައިބައިގެން އަންނަ ކޮންމެ މީހަކަށް އަންހެން ކުއްޖަކު ކުރުނބައެއް ދޭން ފަށައިފިއެވެ. ކަތްދާފުޅަށް އަތުގައި އޮތް ކުރުނބާ މަތިން ހަނދާން ނެތިފައި އެ އަންނަ ޒުވާނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
"ތީ ދޭން ގެންގުޅޭ ކުރުންބާއެއް ނުންތަ؟" އެ ޒުވާނާ އަހާލިއެވެ.
"ހުނ... ދޭން ގެންގުޅޭ އެއްޗެއް،" ބުނެފައި ލަދުރަކިކޮށް ހީލަމުން ކުރުނބާ ދިއްކޮށްލިއެވެ.
" މަށަށް ކިޔަނީ އަލި މަނިކު، ކަމަނައަށް ކިޔަނީ ކީކޭ؟" އެ ޒުވާނާ އެއްސެވެ.
"އަޅުގަނޑަށް ކިޔަނީ ކަތްދާ ފުޅު."
އެންމެން އެކީ ހިނގާފައި ދިޔައީ ކަތީބު ކަލޭގެފާނުގެ ގެއަށެވެ. އެގެއިން ކައިގެން ވަޑިން ދިޔައީ އެމީހުން ތިބެން ހަމަޖައްސައިފައިވާ ގެއަށެވެ. އެއީ އެކަމަށް ފަންނުގައި އަޅާފައިވާ ވަގުތީ ގެއެކެވެ. އެ މީހުންގެ ކޮއްތު ހަމަޖެހިފައި އޮތީ އޮޑި ވެރިޔާ ގޭގައެވެ. ދުވާލު މަސައްކަތް ކުރާ ވަގުތުގައި ހަރުގެއަށް ކާން ގެންދަނީއެވެ. ސަޔާއި ފަނިގަޑިތަކުގައި އެ އެއްޗެތި ވެސް ހަރުގެއަށް ގެންދަނީއެވެ. ޗުއްޓީ ވަގުތުތަކުގައި ކާން އޮޑިވެރިޔާ ގެއަށް ގެންދަނީއެވެ. ކައި ނިމިގެން ވާހަކަދައްކާލަން ވަޑިން މަޑުކޮށްލާނެއެވެ. އެހެން ތިބޭއިރު އަނގަ މީރުކޮށްލަން ދުފާތަބަކެއް ހުންނާނެއެވެ. ތަބަކުން ފޯކާއި ބިލެތާއި ކަރަންފުލާއި ކާފޫރުތޮޅި ހުސްވިޔަކަނުދޭނެއެވެ.
ޖެހިގެންއައި ހޯމަ ދުވަހު ކަތީބުކަލޭފާނު ދުރުވީ ވަޑިން ގޮވައިގެން ނޮޅިވަރަމަށް ފަށަން ކަނޑޫ ކަނޑުއްވާށެވެ. އެ ރަށު ވޮރިންމު ކަނުން ރަނގަޅު، ތެދަށް ހެދިފައި ހުރި ކަނޑުލެއް ފެނުނެވެ. އަދި މޮޅު ސާއަތެއްގައި ގަސް ކަނޑައި އޮފިޖަހައި ސާފުކޮށް އޮޑިއަށް ލެއްވިއެވެ. އެއާއެކު ކަމަޅި ހަދަން ދެތިން ދެރަރުއް ވެސް ހޯއްދަވައި ގުޅިގުޅިއަށް ބުރިކޮށް އޮޑިއަށް ލެއްވިއެވެ. މިކަންކަން ނިންމަވައިގެން އިރު އޮއްސޭ އިރަށް ނޮޅިވަރަމްފަރަށް އާދެވިއްޖެއެވެ.
އަންގާރަ ދުވަހު ވަޑިން ދިޔައީ ހަނިމާދޫ ހަނިކޮޅަށް ކުރެދި ކަނޑާށެވެ. ބުދަ ބުރާސްފަތީގައި ކަތީބު ކަލޭގެފާނު ދުރުވީ ރުއްވަކަރު ހޯއްދަވަން މުރައިދޫއަށެވެ. އެ ހިސާބަށް ދިޔައިރު، ކަތީބުކަލޭފާނު ކުރިން އެއްކުރައްވާފައި ހުރި ގަސްވަކަރާއެކު މަސައްކަތް ފަށައިގަނެވޭ ވަރަށް ލަކުޑި އެއްކުރެވިއްޖެއެވެ.
ފަށަން ބަހައްޓަން އިރުވަރު ބައްލަވައިދެއްވީ މުދިމްކަލޭގެއެވެ. އެ ވަޤުތު ދިމާވީ ހޯމަ ދުވަހުގެ އިރުއަރައި ދެވަނަ ސާޢަތާއެވެ. އެ ވަގުތަށް ކަތީބުކަލޭގެފާނުގެ ގޭގައި ކޭމެއް ކެއްކިއެވެ. ކެއްކުމުގެ ވެރިއަކަށް ހުރީ ކަތީބު ކަލޭގެފާނުގެ އަނބި ފާތުމައެވެ. އަތްގާތް ކޮށްދޭން އުޅޭ ފުރާވަރު ކުދިންގެ ސަރުދާރަކަށް ހުރީ ކަތްދާ ފުޅެވެ. ކޭމުގައި މައިގަނޑު ކެއުމަކަށް ހުރީ ކުކުޅު ރިހައާއި ފެންބަތެވެ. އެއާ އެކީގައި ބިސްގަނޑާއި ސަޓަންޏާއި ސާގު ބޮނޑިބަތާއި އިސްބަގޫލު ފަނި ހުއްޓެވެ. އަދި ދުފާ ތަބަކެއް ވެސް ހުއްޓެވެ. ކޭން ކެއުމަށް ހަމަޖެހިފައި އޮތީ ދޯނި ބަންނަ ހަރުގޭގައެވެ.
ސާޢަތް ވަންނަން ކައިރިވުމުން ޞަލަވާތް ފާތިޙާއިން ރަސްމިއްޔާތު ފަށައިދިނީ މުދިމްކަލޭގެއެވެ. ފަށަން ބަހައްޓައިދިނީ ވެސް އޭނާއެވެ. ދެން އޮތީ ކޭން ކެއުމެވެ. މި ކަމުގައި ތަށިމަތި ބަލަހައްޓަން އިސްކޮށް އުޅުނީ ކަތްދާފުޅެވެ. އެކަމަކު އޭނާއަށް ކޭމަށްވުރެން ބޮޑަށް ބެލެނީ އަލި މަނިކުގެ މޫނަށެވެ. މީރު އެއްޗެތި އަޅައި ދެވެނީ އޭނާގެ ތައްޓަށެވެ.
ފަށަނުގެ މައްޗަށް މަޑުލަކަށް ފަހު މަޑުލެއް އަރަމުން ދެއެވެ. އަދި ދާދި އަވަހަށް ދޯންޏެއްގެ ސިފަ ޖެހެން ފަށައިފިއެވެ. މަސައްކަތް ބައްލަވަން ކަތީބު ކަލޭގެފާނު ތިން އިރު ތިން ދަޅައަށް ހަރުގެއަށް ދުރުވެއެވެ. ކަތްދާފުޅު 4 ދަޅައަށް ދެއެވެ. އެކަމަކު އޭނާއަށް ބެލެނީ ދޯންޏަކަށް ނޫނެވެ. ޢަލި މަނިކުގެ މޫނަށެވެ.
މިވާ ގޮތެއް އެންމެ ފަހުން ޢަލި މަނިކަށް ރޭކާލައިފިއެވެ. އެހެންކަމުން ވަރަށް ޔަޤީންކަމާއެކު އަހާލިއެވެ. "އެއްޗެއް އަހާލަންތަ؟"
"އަޅެ އަހާލަބަލަ."
"އަހާނެ ގޮތެއް ވެސް ނޭނގޭ. ... މަށާ އިނދެފާނަންތަ؟ މަ މީ ކަތްދާފުޅުހާ ތަނަވަސް މީހެއް ނޫން. އެކަމަކު މަށަށް ވީ އެންމެ ރަނގަޅަކަށް ބަލާނަން،" އަލިމަނިކު އަހާލިއެވެ.
"މަ މީ މުދަލާއި ފައިސާ ބޭނުން މީހެއްނޫން. މަ ބޭނުމީ އޯގާތެރިކަން."
އޭގެ ފަހުން ފަންނުގައި މީހަކަށް ނުފެނި ސިއްރުން ބައްދަލުކުރަން ދާން ވެސް ކަތްދާފުޅު ފަށައިފިއެވެ. ލޯބި ދިޔައީ އެއްދުވަހުން އަނެއް ދުވަހަށް ފޮޅެމުން ފަރިވަމުންނެވެ. މިހެން ހިނގާ ލޯތްބެއް މާ ގިނަ ދުވަހަކު ސިއްރެއް ނުވާނެއެވެ. ދާދި އަވަހަށް އެނގެން ނުވާ ބަޔަކަށް ވެސް ވަސް ދުވައިފިއެވެ.
ނާއިބުކަލޭގެ ދަރި މުޙައްމަދަކީ އަބަދު ވެސް ކަތްދާފުޅާއި އަޅައިގަނެފައި ހުންނަ މީހެކެވެ. އޭނާއަކީ ވިޔާނުދާ މީހެއް ކަމުން ކަތްދާފުޅު އެއްގޮތަކަށް ވެސް އޭނާއާއި ވާހަކައެއް ނުދައްކައެވެ. އަނެއްކޮޅުން ކަތްދާފުޅާ މުޙައްމަދު ދެވުމަކީ ނާއިބުކަލޭގެ ވަރަށް ބޭނުން ކަމެކެވެ. އެއީ ކަތީބުކަލޭގެފާނުގެ މުދާތައް ހޯދުމުގެ ދަހިވެތިކަމުގައެވެ. އެހެން ކަމުން ކަތްދާފުޅާއި އަލި މަނިކުގެ ލޯތްބަކީ އެ ދެބަފައިން ދެކެމުން އައި ހުވަފެންތަކަށް ނިމުން އަންނާނެ ކަމެކެވެ. ވީމާ އެމީހުން ރޭވީ އެ ދެ މީހުން ދުރުކުރާށެވެ. އެކަން ކުރުމަށް އެންމެ މޮޅުގޮތެއް ކަމަށް އެ ދެބަފައިންނަށް ވިސްނުނީ ކަތީބު ކަލޭފާނާއި މާޑިޔާއާއި ޖެއްސުމެވެ.
ދެބަފައިންގެ ރޭވުމުގެ ދަށުން، ނާއިބުކަލޭގެ އިތުބާރު ރައްޓެހިން ފޮނުވައިގެން ކަތީބުކަލޭގެފާނުގެ ކަންފަތުގައި ވަޑިން ކަމުނުދާ ވާހަކަ ދައްކަން ފަށައިފިއެވެ. އަދި ރަސްމާދޫ ވަޑިން މާ މޮޅުވާނެއޭ ވެސް ކިޔަން ފަށައިފިއެވެ. އަދި ވަޑިން ކައިރީގައި ކަތީބު ކަލޭގެފާނު އެމީހުންނަށް ބަދުބަސް ކިޔުއްވާ ކަމަށް ދޮގު ހެދިއެވެ. މިގޮތުން ދެފަރާތް ރަނގަޅަށް ޖެހިއްޖެއެވެ. ވަޑިން މަސައްކަތް ދޫކޮށްލާފައި ރަށަށް ދިޔައީއެވެ. ޢަލި މަނިކު ވެސް ވަރަށް ދެރަވެފައި ކަތްދާފުޅާއި ސަލާމްކޮށް، ވަރަށް އަވަހަށް އެނބުރި އަންނާނެކަމަށް ބުނެ ވައުދުވެ އަތާ އަތް ޖަހާފައި ފުރީއެވެ.
ރަސްމާދޫ ވަޑިން ގެނައީމާ ކަންތައް ވީ ނާއިބުކަލޭގެ ހީކުރި ގޮތަކަށް ނޫނެވެ. އައި ވަޑިންނަށް ކުރީ ވަޑިންގެ މަސައްކަތް ފެނި ފެންވަރު މޮޅުކަން އެނގުމުން ވަޑިން ބަދަލު ކުރަން އުޅެނީ ރަނގަޅު ނިޔަތެއްގައި ނޫންކަން ފަހުމު ވެއްޖެއެވެ. އަދި މަސައްކަތާ ހަވާލުވުމަށް އިންކާރު ކުރިއެވެ. މިކަން މިހެން ހިނގަނިކޮށް ކަތީބުކަލޭގެފާނުގެ ރައްޓެއްސަކަށް ނާއިބުކަލޭގެ ދެ ބަފައިން ސައްލާ ކުރަން ތިއްބާ އަޑު އިވިއްޖެއެވެ. މި ގޮތުން އެމީހުންގެ ރޭވުން ބޭޒާރުވީއެވެ.
ކަތީބުކަލޭގެފާނު ރަސްމާދޫ ވަޑިންނަށް ދޭން ޖެހޭ އުޖޫރަ ދެއްވާފައި ފޮނުވާލެއްވީއެވެ. އަދި އިނގުރައިދޫ ވަޑިން ބަލާ އެރަށަށް ދުރުވީއެވެ. ދެވަނަ ފަހަރަށް ވަޑިން އައި ދުވަހަކީ މާ ކުލަ ގަދަ ދުވަހެކެވެ. ވަކިން ޚާއްސަކޮށް ކަތްދާ ފުޅަށެވެ. އެއީ އޭނާއާއި ޢަލި މަނިކުގެ ގުޅުމަށް މަންމައާއި ބައްޕަގެ ރުހުން އެ ދުވަހު ދެއްވީމައެވެ.
ދާދި އަވަހަށް އޮޑި ބަނދެ ނިމިއްޖެއެވެ. ދޯނި ބޭލީ ޢަލި މަނިކާއި ކަތްދާފުޅުގެ ކައިވެންޏާ އެއް ސާޢަތެއްގައެވެ.
***************
އެޑިޓަރުގެ ނޯޓު: ޑރ. ޢަބްދުﷲ ވަހީދުއަކީ މެޑިކަލް ސަރޖަންއެކެވެ. ދިވެހި ރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމުގެ މަސައްކަތާއި ރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތް ވެސް ވަރަށް ކުރީއްސުރެ ކުރައްވައި، އިލްމީ ލިޔުއްވުންތައް ލިޔުއްވާފައިވެއެވެ. ދިވެހި ބަސް ދިރާސާ ކުރެއްވުމުގެ ދާއިރާގައި ވެސް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. ޑރ. ވަހީދުއަކީ ދައުލަތުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ހިމެނެއެވެ. ޑރ. ވަހީދަކީ ދިވެހި ބަހާއި ސިއްހީ ދާއިރާއާއި ތާރީހާއި ސަގާފަތުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވާ ބޭފުޅެކެވެ.
ވާހަކަ
ވާހަކަ