ހުސްވެފައިވާ އޮޑިޓާ ޖެނެރަލްކަމުގެ މަގާމަށް ގ.އައިފަ ހުސެއިން ނިޔާޒީ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.
ހުސެއިން ނިޔާޒީއަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވެވީ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އެވެ.
އެ ސިޓީފުޅު މަޖިލީހަށް އިއްވެވުމުން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ މާލިއްޔަތުގެ ކޮމިޓީއަށް ފޮނުއްވިކަން ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ އިއުލާން ކުރެއްވިއެވެ.
ހުސެއިން ނިޔާޒީ އަކީ މިހާރުވެސް އޮޑިޓު އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަދާ ކުރައްވަމުން ގެންދަވަނީ އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް ގެ މަގާމެވެ.
ހުސެއިން ނިޔާޒީ އޮޑިޓާ ޖެނެރަލް ކަމުގެ މަގާމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުއްވާފައި މިވަނީ، މީގެ ކުރިން އެމަގާމުގައި ހުންނެވި ހަސަން ޒިޔަތު އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަގާމު ހުސްވެފައިވާތީއެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމުން ހަސަން ޒިޔަތު އިސްތިއުފާދެއްވީ، ހުސްވި މެއިމަހުގެ 12 ވަނދުވަހުއެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށް ޒިޔަތު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލި އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ލިސްޓުގައި އޭނާގެ ނަން ހިމެނިފައިވާތީ ދިވެހި ދައުލަތުގެ އޮޑިޓާ ޖެނެރަލްގެ މަގާމުގައި އޭނާ މިވަގުތު ދެމިހުރުމަކީ ދައުލަތާއި އޮޑިޓާ ޖެނެރަލް އޮފީހުގެ ކަރާމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ.
"ތަހުޒީބު މުޖުތަމައުތަކުގައި އަމަލު ކުރާ އުސޫލުން، ދިވެހި ދައުލަތުގެ އޮޑިޓާ ޖެނެރަލްގެ މަގާމުން އަޅުގަނޑު މިއަދު އިސްތިއުފާ ދީފިން،" ސިޓީގައިވެއެވެ.
ޒިޔަތު ވިދާޅުވީ އޮޑިޓާ ޖެނެރަލްގެ ހައިސިއްޔަތުން، މަސައްކަތް ކުރުމުގައި އަދި މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ހިޔާނާތެއް އަދި ރިޝްވަތެއް ނުވަތަ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނުވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ