ކޮވިޑުން ރަނގަޅު ވެފައިވާ މީހުންނަށް ކަރަންޓީނު ވުމަކާ ނުލައި ދަތުރު ކުރެވޭގޮތަށް ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މާލެ ސަރަހައްދުގެ ކޮވިޑްގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެހެންކަމުން އިތުރު ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުން 60 ދުވަހުގެ ތެރޭގައި ދަތުރު ކުރެވޭނެ ކަމަށެވެ. އެގޮތަށް ދަތުރު ކުރެވޭނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ދަތުރު ކުރުމުގެ ހުއްދަދީފައެއް ނުވެއެވެ.

މިއަދުގެ ޕްރެސްގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ދެ ޑޯޒް ޖެހި މީހުންނަށް ލުއި ދިނުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށާއި ނަމަވެސް އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށެވެ. އެފަރާތްތަކަށް ލުއި ދެވޭނީ ވެކްސިން ދެ ޑޯޒް ފުރިހަމަ ކުރި ނިސްބަތް އިތުރުވެގެން ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު އުސޫލު އޮންނަ ގޮތުން ކޮވިޑްޖެހި ރަނގަޅުވެފައިވާ މީހުން މާލެ އިން އެހެން ރަށްރަށަށް ދަތުރު ކުރެވޭނީ 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރާ ގޮތަށެވެ.

މީގެ އިތުރުން މިހާރު ވަނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމަށްވެސް ނިންމައިފައެވެ. ނަމަވެސް ދަތުރު ކުރެވޭނީ ކޮވިޑް ނެތް ރަށްރަށުންނެވެ. ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މެދުކަނޑާލަން ނިންމީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.