މަސްދުވަސްފަހުން ލ. މާމެންދޫ މޮނިޓަރިން އުވާލައިފި އެވެ.
ޑޮކްޓަރަށް ދެއްކި މާބަނޑު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ، މާމެންދޫ މޮނިޓަރިން އަށް ލާފައިވަނީ މިދިޔަ މޭ މަހުގެ 17 ވަނަ ދުވަހު އެވެ.
މާމެންދޫ ކައުންސިލްގެ ރައީސް ހަސަން ރަމީޒް "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، މަހަކަށްވުރެ ގިނަ ދުވަސް ފަހުން އެރަށް މޮނިޓަރުން ހާލަތުން ނަގާފައިވަނީ އިއްޔެ ކަމަށެވެ.
ހަސަން ވިދާޅުވީ މޮނިޓަރިން އުވާލާފައިވަނީ އެ ރަށުން ޕޮޒިޓިވް ވި އެންމެން ބަލިން ރަނގަޅު ވެ، ބަލީގެ ނުރައްކާތެރިކަމެއް މިހާރު ރަށުތެރޭގައި ނެތުމުން ކަމަށެވެ. އަދި މޮނިޓަރިންގެ ހާލަތުގައި ރައްޔިތުން ނަމޫނާ ދައްކައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މޮނިޓަރިން އަށް ލީ ދުވަހުން ފެށިގެންވެސް ރައްޔިތުން ނަމޫނާ ދެއްކި. ވަރަށް ބަސް އަހާ ރައްޔިތުންތަކެއް ފެނިގެންދިޔައީ. ރައްޔިތުންގެ އެއްބާރުލުމާއެކު ބަލި މުޅި ރަށަށް ނުފެތުރި ބަލީގައި މީހަކު ހާލު ބޮޑު ނުވެ އިރާދަކުރެއްވީތީ މިކަމުން އަރައިގަނެވުނީ." އޭނާ ބުންޏެވެ.
މާމެންދޫ އަށް ބަލި ފެތުރުނު ގޮތް މިހާތަނަށް ދެނެގަނެވިފައި ނުވާއިރު މި ބައްޔަށް އެ ރަށުން ޕޮޒިޓިވް ވެފައިވަނީ 20 މީހުންނެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ފުރަތަމަ ފެނުނު މާބަނޑު މީހާ އާއި ކޮންޓެކްޓް ވި މީހުންނެވެ. މާބަނޑު މީހާގެ ދަރިފުޅު ވަނީ ބަނޑަށް ހަ މަހުގައި މަރުވެފަ އެވެ.
މާމެންދޫ މޮނިޓަރިން އުވާލި ނަމަވެސް އެއަތޮޅު ގަމާއި ފޮނަދޫ އަދިވެސް އޮތީ މޮނިޓަރިންގަ އެވެ.
ރާއްޖޭގައި މިހާރު 50 ރަށެއް މޮނިޓަރިން ހާލަތުގައި އެބަ އޮތެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް 209 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި އުމުރުން 10 އަހަރުގެ ކުޑަ ކުއްޖެއްވެސް ހިމެނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު