ހުޅުމާލޭގެ ހުރިހާ ސަރަހައްދެއް ހިމެނޭ ގޮތަށް ސީސީޓީވީ ނެޓްވޯކެެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރެޝަން (އެޗްޑީސީ)އިން ބުނެފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގްރޭޓާ މާލެ ސަރަހައްދުގައި އަމާން ރައްކާތެރި މުޖުތަމައުއެއް ބިނާ ކުރުމަކީ އެކުންފުނިން ފަށާފައިވާ ސްމާޓް ސިޓީ މަޝްރޫއުގެ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. މި މަޝްރޫއުގެ ދަށުން މުޅި ހުޅުމާލޭގެ، މަގުތަކާއި ޕާކު ފަދަ އާންމުން ބޭނުންކުރާ ހުރިހާތަނެއް ހިމެނޭނެހެން ސީސީޓީވީ ވިއުގައެއް ގާއިމްކުރުމަށް ހަމަޖައްސާފައިވާ ކަމަށާއި މި ވިއުގައިގާ ހިމެނޭ ހުރިހާ ކެމެރާއެއް ހުންނާނީ އެކުންފުނީގެ ގިގަބިޓް ޕެސިވް އޮޕްޓިކަލް ނެޓްވޯކް (ޖީޕީއޯއެން) މެދުވެރިކޮށް ގުޅާލެވިފައި ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

މިމަޝްރޫއު ފެށިގެންދާނީ ހުޅުމާލެ ފޭސް ދޭއްގައި ހިޔާ ފުލެޓްތަކާއި ވަށައިގެންވާ އާންމު ސަރަހައްދުތަކުންނެވެ. އެއައްފަހު ހުޅުމާލެގެ ދެވަނަ ފޭސް ތަރައްގީކުރުމުގެ ޕްލޭން އަށް ބިނާކޮށް ސީސީޓީވީ ވިއުގަވެސް ގާއިމްކުރެވެމުން ދާނެއެވެ.

އެޗްޑީސީން އިތުރަށް ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފޭޖީޕީއޯއެން މަޝްރޫއު ނިމުމުން ސީސީޓީވީ ވިއުގަ އެ ސަރަހައްދުގައިވެސް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

މި މަޝްރޫއުގައި ސީސީޓީވީގެ އިތުރުން ގާއިމް ކުރެވޭ އެހެން ސްމާޓް ވަސީލަތްތަކުގެ ސަބަބުން ފުލުހުންނާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ މަސައްކަތްތަކުގެ ދުވެލި އަވަސްވެ ހަރުދަނާވެގެން ދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މުޅި ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކުރާއިރު މިފަހުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މޫދު ތެރެއިން ވަނީ މަރާލުމަށް ފަހު ފޮއްޓަކަށް ލާފައިވާ 13 އަހަރުގެ ކުއްޖަކު ފެނިފައެވެ.