ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ޖަލުތައް ފުރިފައިވާ ކަމަށާއި އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް މައިގަނޑު ތިން ޕްލޭނެއް އެބައޮތް ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.
'ވަން' އަށް ދެއްވި އިންޓަވިއު އެއްގައި ކޮމިޝަނަރު އޮފް ޕްރިޒަންސް ވިދާޅުވީ، ކަރެކްޝަނުގެ ބެލުމުގެ ދަށުގައި ހަތަރު ޖަލެއް ހުރިއިރު މާލޭ ޖަލާއި މާފުށީ ޖަލު ފުރިގެން އިތުރަށް ވެސް މީހުން ބައިތިއްބަމުން އަންނަ ކަމަށާއި އަނެއް ދެ ޖަލު ކަމުގައިވާ ހިންމަފުށީ ޖަލާއި ހުޅުމާލޭ ޖަލަކީ ލުއި ދެ ޖަލު ކަމަށް ވުމުން އެ ދެ ޖަލުގައި މީހުން ބައިތިއްބަނީ ޖާގައާ އެއްވަރަށް ކަމަށެވެ.
ޖަލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ތިން ސިޔާސަތެއް ގެންގުޅޭ ކަމަށް އަހްމަދު މުހައްމަދުފުޅު ވިދާޅުވި އެވެ. އެގޮތުން އެއްކަމަކީ ޖަލުގެ ޖާގަ އިތުރުކުރުމަށް މަސައްކަތް ކުރުމެވެ.
"ހުޅުމާލޭގައި ރަނގަޅު ފެންވަރެއްގެ ޖަލެއް ހެދުމުގެ މަޝްވަރާ އެބަކުރެވެމުންދޭ. އެހެންވީމަ ޖަލުގެ ޖާގަ އިތުރުކުރުމުގެ ޕްލޭން އެބައޮތް،" އަހްމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.
ދެވަނަ ކަމެއްގެ ގޮތުން ކްލައިމެންސީ ނިޒާމް ހަރުދަނާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަވަހަށް އެ ނިޒާމް ރޯލް ކުރެވޭނެ ގޮތެއް ފަހި ކުރަން ޖެހޭ ކަން ފާހަގަކުރެއްވި އެވެ. އެގޮތުން މިއަހަރު އެކަނި ވެސް 70 އަށް ވުރެ ގިނަ މީހުންގެ ބަންދަށް ލުއި ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިން ވަނަ ގޮތަކީ ނޮން ކަސްޓޯޑީއަލް މެސާޝްތައް. ޖަލު ނޫން އެހެން އަދަބު ދެވޭނެ ގޮތްތައް އަޅުގަނޑުމެން އުފަން ކުރަން އެބަޖެހޭ،" އަހްމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.
އެގޮތުން ކޮމިއުނިޓީ ސެންޓެއިންސްގައި މީހުން ބެއިތިއްބޭނެ ގޮތްތައް ބަލަމުން އަންނަ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ކުރު މުއްދަތަކަށް ހުކުމްކުރާ މީހުން ޖަލަށް ނުލައި ކޮމިއުނިޓީ މަސައްކަތެއް ކޮށް އަދަބުގެ މުއްދަތު ފުރިހަމަ ކުރުން ހިމެނޭ ކަމަށެވެ.
އެ ތިން ސިޔާސަތު ތަންފީޒުކުރެވެން ފެށުމުން ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެ ކަމަށް އަހްމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު