ވޯލްޑް ޗެމްޕިއަންޝިޕް އޮފް ބެސްޓް ބީޗް މުބާރާތް ވެލިގަނޑު އައިލެންޑް ރިސޯޓުން ކާމިޔާބުކޮށްފިއެވެ.

ވޯލްޑް ޗެމްޕިއަންޝިޕް އޮފް ބެސްޓް ބީޗް މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ އޮންލައިން ޓްރެވަލް އޭޖެންސީއެއް ކަމަށްވާ ކިވީ އިންނެވެ. މި މުބާރާތުގައި އެންމެ ރީތި ބީޗު ހޮވާފައިވަނީ ކިވީގެ އިންސްޓަގްރާމް މެދުވެރިކޮށް ނެގި ވޯޓަކުންނެވެ.

ކިވީއިން އެކުންފުނީގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ދުނިޔޭގެ އެންމެ މަގްބޫލު ބީޗަށް ހޮވިފައިވަނީ ރާއްޖޭގެ ވެލިގަނޑު އައިލެންޑް ރިސޯޓް ކަމަށެވެ. އަދި ރާއްޖެއިން ކުރި ހޯދީ ވަރަށް ކުޑަ ތަފާތަކުން ކަމަށެވެ.

ފައިނަލްގައި ރާއްޖެއިން ވާދަ ކުރީ ސީޝެލްސްގެ ރިސޯޓެއް ކަމަށްވާ އެންސް ކޮކޯއާއެވެ. ރާއްޖޭން ފައިލަށް ގޮސްފައިވަނީ ދުނިޔޭގެ މަޝްހޫރު ބީޗް ހުރި ގައުމުތައް ކަމަށްވާ ގްރީސް އާއި ޕޯޗުގަލް ބަލި ކޮށްފައެވެ.

ވެލިގަނޑު އައިލެންޑް ރިސޯޓަކީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ދަށުން ހިންގާ ރިސޯޓެކެވެ. އއ އަތޮޅުގައި އޮންނަ މި ރިސޯޓް ހުޅުވާފައިވަނީ 1984 ގައެވެ.