އެކަށީގެންވާ މުވައްޒަފުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ހާއްސަ ކޮށްފައިވާ ރަސްމީ ތަނެއް ހަމަޖެއްސުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަން ފާސްކުރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ދެ ބިލު އެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހަޅުމުން ކޮމިޓީން ގެނައި އިސްލާހު ތަކާއެކު މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަސްހުސް ކުރުމަށްފަހުގައެވެ.
އެ ދެބޭފުޅުން ކުރެ ކޮންމެ ބޭފުޅަކަށް ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި ހިމެނި ނަމަވެސް، ގެއެއްގެ ބަދަލުގައި ހަމަޖައްސަން ޖެހޭނީ ރަސްމީތަނެއް ކަަމަށް ކޮމިޓީން ވަނީ ބިލަށް އިސްލާހު ގެނަސްފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި ބިލުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއަކާއި އެ ގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އެ ގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައި ދޭންވާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގައި ބުނަނީ އުއްތަމަ ފަނޑިޔާރާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއަކާއި އެ ގެއަށް ބޭނުންވާ އެކަށީގެން ވާ އަދަދެއްގެ މުވައްޒަފުންނާއި އެ ގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައި ދޭންވާނެ ކަމަށެވެ.
ނަމަވެސް ކޮމިޓީން ގެނައި އިސްލާހު ތަކާއެކު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލުގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ތަނަކާއި އެ ތަނަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އެ ގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައި ދޭންވާނެ ކަމަށެވެ. ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުވެސް ހަމަ އެގޮތަށް ކޮމިޓީން ވަނީ ބަދަލު ކޮށްފައެވެ.
އޭގެ އިތުރުން އެތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ތަނެއް ކަމުގައި ވާންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ވާނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ކަމަށާއި އޭގެ ތެރެއިން މަޖިލިސް ރައީސަށް ހަމަޖައްސާ ތަނަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަމަށާއި، އުއްތަމަ ފަނޑިޔާރަށް ހަމަަޖައްސާ ތަނަށް ބޭނުން ވާ މުވައްޒަފުން ހަމަޖައްސާނީ ސުޕްރީމް ކޯޓުން ކަމަށްވެސް ބުނެފައިވެއެވެ.
ބިލުގައި ބުނެފައި ވަނީ އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ އާއިލާ ކަަމަށް ބުނެ ފައި ވަނީ އެ ބޭފުޅަކާއެކުގައި ދިރިއުޅުއްވާ އަނބި ކަނބަލުން ނުވަތަ ފިރިކަލުންނާއި އުމުރުން 18 އަހަރު ނުފުރޭ ދަރިންނާއި، 18 އަހރު ފުރުފައވީނަމަވެސް ކައިވެއްޏެއް ނުކޮށް ތިބޭ ދަރިންނާއި، އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މަންމާ ފުޅާއި ބައްޕާ ފުޅެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް