ލާދީނީ ކިޔަނީ ދީނުން ބޭރުވެފައި ތިބި ކާފަރުން ކަމަށް ބުނުމަށް ނޫން ކަމަށާއި ލާދީނީ ކިޔުމަކީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އިޔާޒް މިރޭ "ވަން" އަށް ވިދާޅުވީ ގާނޫނެއް ހެދި ނަމަވެސް ލާދީނީ ކިޔުމަކީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ލާދީނީ ކިޔަނީ ދީނުން ބޭރުވެފައި ތިބި ކާފަރުން ކަމަށް ބުނުމަށް ނޫން ކަމަށާއި ލާދީނީ ކިޔަނީ އިސްލާމްދީނާ ދެކޮޅު ފިކުރުތައް އެމީހުން ގެންގުޅޭތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ގޮތެއް ވިޔަސް ލާދީނީ ކިޔުން އެއީ ހުއްޓުވޭނޭ ކަމެއްނޫން އަދި ގާނޫނެއް ހެދިކަމުގައިވިޔަސް. އެބޭފުޅުންނަށް ލާދީނީ އެ މާނަ ކުރެވެނީ އެ ކާފަރުންނޭ ބުނާ ގޮތަށް. އެހެން ނަމަވެސް އަޅުގަނޑުމެން ލާދީނީ ކިޔަނީ އެގޮތަކަށް ނޫން. ލާދީނީއޭ މި ކިޔަނީ އިސްލާމްދީނާ ދެކޮޅު ފިކުރުތައް އެމީހުން ގެންގުޅޭތީ. އެއްވެސް ހާލަތެއްގައި ދީނުން ބޭރުވެފައިތިބި ކާފަރުންނޭ ބުނަނީ އެއް ނޫން،" އިޔާޒް ވިދާޅުވިއެވެ.

އިޔާޒް ވިދާޅުވީ ނަފްރަތުގެ އަމަލިތަކަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން އަޑު އުފުލަމުން ގެންދާ ކަމަށާއި އެހެންކަމުން ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް މެމްބަރުން އެ ބިލަށް ވޯޓް ދެއްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އިލްމުވެރިން ހުށަހަޅުއްވާފައިވާ ކަންކަމަށް ރިއާޔަތް ކުރައްވާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. އަދި އިސްލާމްދީނަށް ނިކަމެތިކަން ލިބޭ ގޮތަށް މަޖިލީހުން އެ ބިލް ފާސްކުރި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބިލް ތަސްދީގު ނުކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް ވިދާޅުވިއެވެ.

އިޔާޒް މިގޮތަށް ވިދާޅުވެފައިވާއިރު، މީހުންނާ ދިމާލަށް ލާދީނީ ކިޔުން ހުއްޓުވުމަށްޓަކައި އެކަން ޖިނާއީ ކުށަކަށް ހެދުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މިއީ "ހަސަން ކުރުސީ" ނަމަކަށް ކިޔާ މީހަކު ފަށާފައިވާ ޕެޓިޝަނެކެވެ. އެ ޕެޓިޝަނުގައި އޭނާ ބުނެފައިވަނީ އެއީ މީހުންނަށް ލާދީނީ ކިޔުމާއި އަދި ކާފަރަށް ގޮވުން ހުއްޓުވުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅާ ޕެޓިޝަނެއް ކަމަށެވެ.

އޭނާ ބުނެފައިވަނީ މީހުން ލޭބަލް ކޮށް ވާހަކަ ދެއްކުމުގެ ސަބަބުން ފާއިތުވި 10 އަހަރުގެ ތެރޭގައި ލޭ އޮހޮރުވުން ހިނގައި އެތައް ބައެއްގެ ދިރިއުޅުން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު އަވަހާރަ ކޮށްލަން ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަކީ ވެެސް ހަރުކަށި ވިސްނުން ހައްދުފަހަނައަޅައި ގޮސްފައިވާ ކަމުގެ މިސާލެއް ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.

މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން މަޖިލީހަށް ބިލު ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އެވެ.

އެބިލު މަޖިލީހަށް ބަލައިގަނެ މިހާރު އޮތީ ޖުޑީޝަރީ ކޮމިޓީގައެވެ. އެކޮމިޓީން ބުނެފައި ވަނީ އެބިލުގައި ހުށަހަޅާފައިވާ އިސްލާހުތަކަށް ގޮތެއް ނިންމާނީ އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ބަހެއް ހޯއްދެވުމަށްފަހު ކަމަށެވެ.

ކޮމިޓީގައި ބިލު އޮތް އިރު އެ ބިލަކީ އިސްލާމްދީނާ ދެކޮޅު ބިލެއްކަން ފާހަގަކޮށް ބައެއް އިލްމުވެރިން އަންނަނީ އެ ބިލު އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އެގޮތުން އެ ބިލު އަނބުރާ ގެންދަން 101 ދީނީ އިލްމުވެރިއަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަނީ ދަންނަވައިފައެވެ.