ހަންގޭރީއަކީ ފުޓުބޯޅަ ނަމަކަށް މިހާރު ނުވި ނަމަވެސް 1930 އިން 1980ގެ ފަހު ކޮޅާ ހަމައަށް ހަންގޭރީއަކީ ފުޓުބޯޅައިގެ ގަދަ ބާރެކެވެ. ފްރާންސްގެ ރަން ޒަމާން އައީ އޭގެ ފަހަށެވެ. 1980 ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށްވެސް ފްރާންސްގެ ނަން ފުޓުބޯޅައިގައި ފަނޑުވުމެއް ނެތެވެ. ހަންގޭރީ އާއި ފްރާންސް މިއަދު ޔޫރޯ 2020 ގެ ގްރޫޕް އެފްގައި ކުރިމަތިލާއިރު، ހެޑް ޓު ހެޑްއިން ހަންގޭރީއަށް ކުރިލިބިފައި އޮތުމަކީ ހައިރާން ކަމެއް ނަމަވެސް އެއީ ހަންގޭރީގެ ފުޓުބޯޅަ ތާރީހުގެ ވަރުގަދަކަން ދައްކުވައިދޭ ރަމްޒެކެވެ.

  • ހަންގޭރީގެ ތާރީހަށް ނަޒަރެއް

ހަންގޭރީ އަކީ ޔޫރަޕުގެ ފުޓުބޯޅައިގައި މިހާރު ބާރަކަށް ނުވިޔަސް، އެ ޓީމަކީ ޔޫރޯ 1964 ގައި މުބާރާތުގެ ތިންވަނަ، އަދި ޔޫރޯ 1972 ގައި ހަތަރުވަނަ ހޯދި ޓީމެވެ. 1940 އަދި 1950 ގެ ތެރޭގައި އެއީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ޓީމުތަކުގެ ތެރޭގައި ގުނައިލެވުނު ޓީމެކެވެ. 1938 އާއި 1954 ވަނަ އަހަރު ބޭއްވުނު ފީފާ ވޯލްޑް ކަޕް ދެ މުބާރާތުގެ ފައިނަލުގައި ވެސް އެ ޓީމު ކުޅުނެވެ. ހަމަ އެ ދުވަސްވަރު ހަންގޭރީ ވަނީ އޮލިމްޕިކް ފުޓުބޯޅަ މުބާރާތް ތިން ފަހަރު ކާމިޔާބު ވެސް ކޮށްފައެވެ.

ހަންގޭރީ ޓީމު ފާހަގަ ކޮށްލެވެނީ، 1950 ގެ ތެރޭގައި ފުޓުބޯޅައަށް ބޮޑު އިންގިލާބެއް ގެނެސް، "ޓޯޓަލް ފުޓުބޯޅަ" އިގެ ބިންގާ އެޅި ޓީމުގެ ގޮތުގައެވެ. ދުނިޔެ މިހައިތަނަށް ދުށް އެންމެ މޮޅު އެއް ޓީމު ކަމަށް ބެލެވޭ، 1950 ގެ އަހަރުތަކުގެ ހަންގޭރީ ޓީމު މިއަދާ ހަމަޔަށް ވެސް މަޝްހޫރު ވެފައި ވަނީ "ގޯލްޑަން ޓީމް" ގެ ގޮތުގައެވެ. 20 ވަނަ ގަރުނުގެ "މެޗް އޮފް ދަ ސެންޗަރީ" ގެ ގޮތުގައި މަޝްހޫރު ވެފައި ވާ މެޗުގައި، އެ ޓީމު ވަނީ 25 ނޮވެންބަރު 1953 ގައި، 6-3 ގެ ނަތީޖާއަކުން އިނގިރޭސި ވިލާތް ބަލި ކޮށްފައެވެ. އެ ޓީމުގެ އެންމެ މަޝްހޫރު ކުޅުންތެރިޔަކީ ފުޓުބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ފެރެންކް ޕުސްކާސްއެވެ. އޭނާ އަކީ 1900 ގެ އަހަރުތަކުގެ ތެރޭގައި، އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑު އޮންނަ ކުޅުންތެރިޔާއެވެ. ފީފާއިން ކޮންމެ އަހަރަކު ވެސް، އެ އަހަރެއްގެ ތެރޭގައި ފީފާގެ މެންބަރު ގައުމީ ޓީމުތަކާއި ފެޑެރޭޝަން ފުޓުބޯޅަ ޓީމުތަކުގެ ކުޅުންތެރީންގެ ތެރެއިން އެންމެ ރީތި އަދި އެންމެ މޮޅު ލަނޑު ޖެހި ކުޅުންތެރިޔަކަށް ދޭ އެވޯޑު ކަމަށް ވާ "ފީފާ ޕުސްކާސް އެވޯރޑް" ނިސްބަތް ކުރެވިފައި ވަނީ އޭނާގެ ނަމަށެވެ.

މިހާރުގެ ހަންގޭރީ ޓީމަށް ހައްގު ވެގެން ވަނީ "ގޯލްޑަން ޓީމް" ކުޅޭ އިރު ބޯޅަ ހޮވާން ތިބުމޭ ބުނާނޭ މީހުން ވެސް ތިބެދާނެއެވެ. ޔޫރޯ 1972 ގައި މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުމަށް ފަހު، ދެން ހަންގޭރީ ޔޫރޯއަށް ކޮލިފައި ވީ ވެސް ބައި ގަރުނު ވާން ކައިރި ވީ ފަހުންނެވެ. އެންމެ ފަހުން އޮތް ޔޫރޯ 2016 އަށެވެ. ފީފާ ރޭންކިންގައި އެ ޓީމު މި ވަގުތު އޮތީ 37 ވަނައިގައެވެ.

ހަންގޭރީއާ ދެކޮޅަށް ނުކުންނަ ފްރާންސްގެ ކާމިޔާބީތައް މި ޒަމާނުގެ ސަޕޯޓަރުންނަށް ކިޔައިދޭންވެސް ނުޖެހޭނެއެވެ. އެޓީމަކީ ތަރިންގެ ޓީމެކެވެ. އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަނުންނެވެ. 2016 ވަނަ އަހަރު ޔޫރޯގެ ރަނަރަޕްކަން ލިބުނު ނަމަވެސް އެޓީމުން މިފަހަރުގެ މުބާރާތަށް ނުކުންނާނީ ތާރީހު އިޔާދަކުރާށެވެ. ޖަރުމަނު ބަލިކޮށް ގްރޫޕް ސްޓޭޖު ފެށީ ވަރުގަދަ ރޫހެއްގައެވެ.

  • ފްރާންސް ކޯޗު - ޑިޑިއޭ ޑިޝޭމްޕްސް

" ހަންގޭރީ ޓީމަކީ ވަރުގަދަކޮށް ޖައްސާ ބުރަކޮށް މަސައްކަތް ކުރާ ޓީމެއް. ހާއްސަކޮށް ޓީމުގެ އޯގަނައިޒޭޝަންގެ ފެންވަރު ވަރަށް ރަނގަޅު. އިޓަލީގެ ކޯޗެއް ހަންގޭރީގައި ހުރުމަކީ އެކަމުގެ އެއް ސިއްރު. ހަންގޭރީ އަމިއްލަ ދަނޑުގައި ނުކުންނާނީ. ޕޯޗުގަލްއާ ދެކޮޅަށް ދެއްކި ބުރަ މަސައްކަތް، ވަރުގަދަ ހިތްވަރު އަނެއްކާވެސް ފެންނާނެ ކަމަށް މި އުންމީދު ކުރަނީ. ޓާގެޓަކީ މޮޅަކާއެކު ކޮލިފައިވުން،"

  • ހަންގޭރީގެ ކޯޗު މާކޯ ރޮސީ

" ވަރަށް ބޮޑު މޯޓިވޭޝަނެއް ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް ކުޅުމަކީ. އެއީ ފެވަރިޓުން. ހާއްސަކޮށް އެމްބާޕޭގެ ނަން ގެންނާނަން. އެއީ ދުނިޔޭގައި މިވަގުތު ދެވަނައެއް ނެތް ފެންވަރުގެ ކުޅުންތެެރިއެއް. ހާސިލްކުރަން ގާތްގަނޑަކަށް "އިމްޕޮސިބަލް" ކަމެއް ފްރާންސް ބަލިކުރުމަކީ. އެކަމަކު ޓީމުގެ ހިތްވަރު ނެރޭނެ،"

ފްރާންސާއި ހަންގޭރީ މިހާތަނަށް 22 މެޗެއްގައި ކުޅެފައިވާއިރު، ހަންގޭރީން ވަނީ 12 މެޗެއް ކާމިޔާބު ކޮށްފައެވެ. ފްރާންސުން ހަންގޭރީ ކައިރީ މޮޅުވީ އަށް މެޗުންނެވެ. ދެ މެޗެއް ނިމުނީ އެއްވަރު ވެގެންނެވެ. އެހެންނަމަވެސް، އެންމެފަހުން ހަންގޭރީއަށް ފްރާންސް ބަލިކުރެވުނީ 1978 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ.

މެޗު އޮންނާނީ މިއަދު 18:00 ގައި ބުޑަޕެސްޓްގެ ޕުސްކާސް އެރީނާގައެވެ.