ވަޒީފާގެ މާހައުލުގައި މީހުން މަސައްކަތް ކުރާއިރު، އެތަނެއްގެ ސަލާމަތާއި ރައްކާތެރިކަން ކަނޑައަޅާނެ ގައިޑް ލައިނެއް ނެތުމާއި، އެކަމާ ބެހޭ ގާނޫނެއް ވެސް ނެތުމުން، މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލައި ކަނޑައަޅަން އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށް ލޭބާ ރިލޭޝަން އޮތޯރިޓީ (އެލްއާރުއޭ) އިން ބުނެފިއެވެ.
އެލްއާރުއޭގެ މަސައްކަތްތައް ކުރިއަށްގެންދާލެއް ލަސް ކަމަށް ފާހަގަ ކުރެވިގެން އެކަމާ ބެހޭ މައުލޫމާތު އޮޅުން ފިލުވުމަށް އެ އޮތޯރިޓީގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކޮށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގައި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަަށް ޖަވާބު ދެއްވަމުން އެ އޮތޯރިޓީގެ ޑިރެކްޓަރު މުހައްމަދު އަހުޒަމް ވިދާޅުވީ، މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ހުރީ ރަނގަޅަށްތޯ ބެލުމަކީ އެ އޮތޯރިޓީގެ ގާނޫނީ ޒިންމާއެއް ކަމަށެވެ.
ނަމަވެސް އެކަންކަން ޗެކު ކުރާއިރު އެކަމާބެހޭ ގާނޫނެއް އަދި ގައިޑްލައިނެއް ނެތުމަކީ އެކަން ބަލާނެ މިންގަނޑަކީ ކޮބައިގަން ދެނެގަތުމަށް ހުރި ދައްޗެއް ކަމަށްވެސް ވިދާޅުވިއެވެ.
"މިސާލަކަށް އަޅުގަނޑުމެން ދާތަނެއްގައި ހުރި ލައިޓިން ކޮންޑިޝަނެއް، ނޫނީ އެތަނުގެ ވެންޓިލޭޝަނުގައި ހުރި ކޮންޑިޝަން ޔަގީން ކުރުމުގެ ގައިޑްލައިނެއް، ގާނޫނީ ގޮތުން މިހާރަކު ނެތް. ދެން އަޅުގަނޑުމެންގެ މުވައްޒަފުންނަކީ ސޭފްޓީ އެންޑް ހެލްތު ޓްރެއިނިން ލިބިފައިވާ މުވައްޒަފުންނެއް ނޫން. އެހެން ވެ އެ ދަތިކަން އެބަ ކުރިމަތިވޭ،" އަހުޒަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެލްއާރުއޭގެ މަސައްކަތް މިހާލަތުގައިވެސް މަޑު ނުޖެހި ކުރިއަށްދާ ކަމަށެވެ.
އެގޮތުން ކޮވިޑް 19 އާ ގުޅިގެން މެއި ފަހަކުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު ގޭގައި ތިބެެގެން އެ އޮތޯރިޓީގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު، ވަޒީފާ އަދާކުރާ ފަރާތްތަކުން މައްސަލަ ހުށަހަޅާނެ ގޮތްތަކާއި އެކަންކަން ބެލޭނެ ގޮތްތައް ހަމަޖައްސާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު