ކޮވިޑު-19 އާ ގުޅިގެން ގެސްޓުހައުސް ވިޔަފާރިތަކަށް ބޮޑު ހީނަރުކަމެއް އައިސްފައިމިވާ މި ދަނޑިވަޅަކީ ހޯމްސްޓޭ ޓުއަރިޒަމް ތައާރަފް ކުރަން އެންމެ އެދެވޭ ވަގުތުތޯ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ސުވާލު އުފައްދައިފި އެވެ.
ގޭމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ހޯމްސްޓޭ ޓުއަރިޒަމަކީ ދުނިޔޭގައި ފުޅާވަމުން އަންނަ ޓޫރިޒަމެއް ކަމަށާއި، މި ޓޫރިޒަމް ރާއްޖެއަށް ތައާރަފް ކުރުމަކީ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފުޅާވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް ކޮވިޑް-19 އިގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް މިވަގުުތު ކުރިމަތިވެފައިވާ ބޮޑެތި މާލީ މައްސަލަތަކުގެ ސަބަބުން، ހޯމް ސްޓޭ ތައާރަފު ކުރުން މި ވަގުތު އެންމެ ރަނގަޅުތޯ އެ އެސޯސިއޭޝަނުން ވަނީ ސުވާލު އުފައްދާފަ އެވެ.
ގޭމް އިން ބުނީ ރާއްޖެއަކީ އެއް ގެއްގައި ގިނަ ގޭބިސީތަކެއް ދިރިއުޅެމުން ގެންދާ ގައުމެއް ކަމަށްވާއިރު ހޯމްސްޓޭގެ ސަބަބުން ދިމާވެދާނެ އިޖުތިމާއީ މައްސަލަތަކުގެ އިތުރުން ރާއްޖެ މިހާރު މިއޮތް ހާލަތުގައި ޓޫރިސްޓުންނާއި ގޭބިސީތަކުގައި ދިރިއުޅޭ އާއިލާތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ މެދު އެ ޖަމިއްޔާ އިން ކަންބޮޑުވާ ކަމަށެވެ.
މި މައްސަލަތަކާ ފުރިހަމައަށް ކުރިމަތިލައި ހައްލު ހޯދޭނެ ހަރުދަނާ ޕޮލިސީތަކާއެކު ތަންފީޒީ އިދާރާތައް ފުރިހަމައަށް ތައްޔާރު ނުވެވެނީސް އަދި ހޯމްސްޓޭގެ ސަބަބުން އާމްދަނީ އިތުރުވާ މިންވަރާއި އޭގައި ހުރި ގޮންޖެހުންތައް ރަނގަޅަށް ދިރާސާ ނުކޮށް ހޯމްސްޓޭ ތައާރަފު ވެގެން ގޮސްފިނަމަ ރާއްޖެއަށް ބުރަ މަސައްކަތުން ލިބިފައިވާ ރީތި ނަން ހުތުރުވެ، ރާއްޖެއަކީ ރައްކާތެރި ނޫން މަންޒިލެއްގެ ގޮތުގައި ފެންވަރު ދަށް ޓޫރިޒަމެއް އޮތް ގައުމެއްގެ ގޮތުގައި ފާހަގަ ވެގެން ހިންގައިދާނެ ކަމަށެވެ.
އެ އެސޯސިއޭޝަނުން ބުނީ މި ކޮވިޑުގެ ހާލަތާ ގުޅިގެން ގެސްޓްހައުސްތަކަށް ހަމަ އަގެއް ނުލިބޭތާ ދޮޅު އަހަރެއްހާ ދުވަސް ވެފައިވާ ކަމަށާއި ރާއްޖޭގެ ގެސްޓްހައުސްތައް މިހާތަނަށް ދުނިޔޭގައި އިސްތިހާރު ކުރެވިފައި ނުވާ ކަމަށެވެ. މި ކަމުގެ ސަބަބުންވެސް ޓޫރިޒަމްގެ މި ސިނާއަތަށް ހަމަ އަގު ހޯދަން ވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ގޭމް އިން ބުންޏެވެ.
"މި ހާލަތަކީ ގެސްޓްހައުސް ވިޔަފާރިތަކާއި ކުދި ވިޔަފާރިތައް ނަގާ ކޮޅަށް ޖެހުމަށް ސަރުކާރުން އެހީވާންޖެހޭ ވަގުތު. އެހެން ކަމުން ހޯމްސްޓޭ ޓުއަރިޒަމް ތައާރަފް ކުރުމަކީ މި ދަނޑިވަޅުގައި އެންމެ އެދެވޭ ކަމެއް ނޫން." ގޭމް އިން ބުންޏެވެ.
ދާދިފަހުން ސަރުކާރުން ވަނީ ރާއްޖޭގައި ހޯމްސްޓޭ ޓުއަރިޒަމް ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށް އިއުލާން ކޮށްފަ އެވެ. ހޯމްސްޓޭ އަކީ މީހުން ދިރިއުޅޭ ގެއެއްގައި ޓޫރިސްޓަކު އަގުދީގެން ހުންނަ ހުރުމެވެ. އެ ހުންނަ ހުރުމުގައި ގޭތެރޭގެ ވަސީލަތްތަކާއި ގޯތިތެރޭގެ ވަސީލަތްތައް ވެސް އެ ގެއެއްގެ ދިރިއުޅޭ މީހުންނާ އެކު ފަތުރުވެރިޔާއަށް ވެސް ހިއްސާކޮށް އުޅޭ އުޅުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު